މައްސަލައެއް ދިމާވުމުގެ ސަބަބުން ވަގުތީ ގޮތުން މިއަދު ބަންދު ކުރި ށ.ފުނަދޫ އެއާޕޯޓް އަލުން އޮޕަރޭޝަނަށް ގެނެސްފިއެވެ.
މިކަންހާމަކޮށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ އެމްޑީ އަހުމަދު މުބީން، ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައި އެ އެއާޕޯޓް ބަންދުކޮށްފައި އޮތުމަށްފަހު، މިހާރު މައްސަލަ ހައްލުކޮށް އަލުން އޮޕަރޭޝަންނަށް ގެނެވިފައިވާ ކަމަށާއި ފަސެންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ހުރިހާކަމެއް އެ ކުންފުނިން އަބަދުވެސް ކަށަވަރު ކުރާނެކަމަށެވެ.
ހަމައެހެންމެ މިއީ ކުރީގެ ސަރުކާރުތަކުން އެއާޕޯޓްތަކަށް އަޅާނުލައި ފަރުވާ ކުޑަކުރުމުގެ ނަތީޖާ ކަމަށާއި އެތައްދުވަހެއް ވީއިރުވެސް އެއާޕޯރޓްތަކުގައި ބާވެފައި ހުރި ފަޔަރ ޓްރަކުތައް ހުރީ އައު ނުކުރެވި ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އައު ވެހިކަލްތައް ހޯދުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް މުބީން ވަނީ ހާމަކުރައްވާފައެވެ. މުބީން ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންދެވެނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ކަމާގުޅުން ހުރި އިދާރާތަކާއި ގުޅިގެން ކަމަށެވެ. މުބީން ވަނީ މިފަދަ މައްސަލަތަކުގެ ސަބަބުން ދިމާވާ ދަތިތަކަށް ފަސެންޖަރުންގެ ކިބައިން މައާފަށް އެދިފައެވެ.
ޓެކްނިކަލް މައްސަލައެއް ދިމާވެ، ފުނަދޫ އެއާޕޯޓް ބަންދުކޮށްފައިވާކަން ހާމަކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.