އެމެރިކާއާއި އީރާނުން ކުރިއަށްގެންދާ ނިއުކްލިއަރ މަޝްރޫއާ ބެހޭ ވާހަކަތައް ކާމިޔާކުރުމުގެ ބޭނުމުގައި އީރާނުން ޔުރޭނިއަމް މުއްސަނދި ކުރުން ގަލްފުތެރޭގެ ޖަޒީރާއަކަށް ބަދަލުކުރުމަށް ސައޫދީ އެރޭބިއާއާއި އޮމާނުން މަޝްވަރާ ދީފިއެވެ. މީގެ ހިފުތާއެއްހާ ދުވަސް ކުރިން އީރާނުންވެސް ވަނީ ސައޫދީ އެރޭބިއާއި އަދި ގަލްފުގެ އެހެން ގައުމުތަކާގުޅިގެން މަދަނީ ބޭނުމަށްޓަކައި ޔުރޭނިއަމް މުއްސަނދިކުރުމަށް ކޮންސޯރޓިއަމެއް އުފެއްދުމުގެ ޚިޔާލުފާޅުކޮށްފައެވެ.
އީރާނާއި އަދި އަވަށްޓެރި އެހެން ގައުމުތައް ހިމެނޭ ކޮންސޯރޓިއަމަކުން މަދަނީ ބޭނުމަށްޓަކައި ނިއުކްލިއަރ ހަކަތަ އުފައްދަން ބޭނުންވާނަމަ ނުވަތަ ރިސާރޗް ޕްރޮގްރާމް ތަކަށް ނިއުކްލިއަރ ހަކަތަ ބޭނުންވާނަމަ އެކަމަށް ބޭނުންވާ ނިއުކްލިއަރ ފިއުލް ލިބިލިބި ހުންނާނެ ޕްރޮޕޯޒަލެއް އީރާނުގެ ނިއުކްލިއަރ މަޝްވަރާތަކުގައި އެމެރިކާގެ ރައީސް ފަރާތްޕުޅުން ބައިވެރިވެ ވަޑައިގަންނަވާ ސްޓީވް ވިޓްކޯފް ހުޅުވާދެއްވާފައިވާ ކަމަށްނިއުޔޯރކް ޓައިމްސް އިން މި ދިޔަ އަންގާރަ ދުވަހު ވަނީ ރިޕޯރޓް ކޮށްފައެވެ. ވިޓްކޯފްގެ އެ ހުށައެޅުއްވުމަކީ ވޯޝިންގްޓަނާއި ތެހެރާން އާއި ދެމެދު އުފެދިފައިވާ ތަފާތުތައް ހުރަސްކުރަން އެޅުއްވި ފާލަމެއް ކަމުގައި ބެލެވެއެވެ. އެ ކޮންސޯރޓިއަމްގައި އެމެރިކާއާއި ގުޅުން ރަނގަޅު ސައޫދީ އެރޭބިޔާއާއި އަދި އެމިރެޓް ހިމެނޭނެ ކަމަށާއި އެކޮންސޯރޓިއަމްގެ ހަރަކާތްތައް އައި އޭ އީ އޭ އިން ބަލަމުން ގެންދާނެ ކަމަށްވެސް ވިޓްކޯފް އެ ރިޕޯރޓުގައި ބުނެފައި ވެއެވެ.
އެމެރިކާގެ ރައީސް ޑޮލާންޑް ޓްރަމްޕް މިހާރުވެސް ވިދާޅުވަމުން ގެންދަވަނީ އީރާނުން ޔުރޭނިއަމް މުއްސަނދި ކުރަން ހުއްދަ ނުދެއްވާނެ ކަމަށެވެ. ހަމައެއާއެކު އީރާނުން ބުނަމުންގެންދަނީ މަދަނީ ބޭނުންތަކަށް ޔުރޭނިއަމް މުއްސަނދިކުރުން ނުހުއްޓުވޭނެ ކަމަށެވެ. ވިޓްކޯފްގެ މި ހުށައެޅުން ގަބޫލުކޮށް ގަލްފުގައި އޮންނަ އީރާނުގެ ކިޝް ނުވަރަ ގެޝްމް ޖަޒީރާއަށް ޔުރޭނިއަމް މުއްސަނދި ކުރުމުގެ ހަރަކާތްތައް ބަދަލުކުރަން ވެސް ވިޓްކޯފް ހުށައަޅާފައިވާ ކަމަށް ނިއު ޔޯރކް ޓައިމްސް އިން ބުނެފައި ވެއެވެ. މިނޫން އެހެން ހުށައެޅުމެއްގައި ޔުރޭނިއަމް ފައްކާކުރުމުގެ ހަރަކާތްތައް އީރާނާއި އެމިރެޓްސް އިން ދެބަސްވުން އުފެދިފައިވާ އަބޫ މޫސާ ޖަޒީރާގެ ގްރޭޓަރ ޓަންބް ނުވަތަ ލެސަރ ޓަންބް ވެސް އިޚްތިޔާރު ކުރެވިދާނެކަމަށް ބުނެފައި ވެއެވެ.
ކޮންސޯރޓިއަމްގެ ހަރަކާތްތައް ފަށާގަނެވެންދެން އީރާނުން %3 އަށް ޔުރޭނިއަމް ފައްކާކުރެވިދާނެކަމަށް އެގްޒިއޯނުގައި ބުނެފައި ވެއެވެ. އެގްޒިއޯން ގައި އެހެން ބުނެފައިވަނިކޮށް ހޯމަ ދުވަހު ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނުން އެއްވެސް މިންވަރަކަށް ޔުރޭނިއަމް މުއްސަނދި ނުކުރެވޭނެ ކަމަށެވެ.
މަޝްވަރާތައް ނިމުމަކަށްދާ ހިސާބުން ކޮންސޯރޓިއަމްގެ ހަރަކާތްތައް ފެށިގެން ހިނގާގަންނަންދެން އީރާނުން އަމިއްލައަށް ޔޫރޭނިއަމް މުއްސަނދި ނުކުރެވޭނަމަ ޓްރަމްޕްގެ ވާހަކަފުޅު މޫސުމާއެކު ބަދަލުވެގެންދާކަމަށް މީހުން ދެކޭނެއެވެ. އީރާނުގެ ބިމުގައި ޔޫރެނިއަމް ފައްކާކުރިޔަސް ނުވަތަ ކޮންސޯރޓިއަމަކުން އެކަން ކުރިއަސް އެމެރިކާއާއި އީރާނުގެ މަޝްވަރާތަކުގައި ގިރާކުރަން އެންމެ އުދަނގޫ ހުރަސްފާރަކީ ޔޫރޭނިއަމް މުއްސަނދި ކުރުމުގެ މައްސަލައެވެ.
އެމެރިކާއިން އީރާނާއެކު މަޝްވަރާ ކުރަމުން ގެންދާއިރުވެސް އިސްރާއިލުންނާއި ސެނޭޓުގެ ރިޕަބްލިކަން މެމްބަރުންގެ ފަރާތުން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދިނުމަށް ރައީސް ޓްރަމްޕް އަށް ކުރިމަތި ކުރަމުންގެން ފިއްތުންތައް ވަކިން ކުޑައެއް ނޫނެވެ.
މިހާރު ފެންމަތިވެގެންއުޅޭ ވާހަކަތަކުގައި އެމެރިކާއިން އެކަށައަޅާފައިވާކަމަށްބުނާ ޕްރޮޕޯޒަލްއާއި ގުޅޭގޮތުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައިވަނީ އީރާނުގެ ބިމުގައި އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމަކީ އީރާނުގެ ރަތް ރޮނގުކަން އެމެރިކާއަށް އަންގާފައިވާނެ ކަމަށެވެ.
އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލަން އީރާނުން އެމެރިކާއަށް ގޮވާލާފައިވާ ކަމަށްވެސް ނިއުޔޯރކް ޓައިމްސްގެ ރިޕޯރޓުގައި ބުނެފައިވެއެވެ.