އީރާނުގެ ނިއުކްލިއަރ މަޝްރޫއާގުޅޭގޮތުން އެމެރިކާއާއެކު ދެކެވެމުންދާ ވާހަކަތަކުގައި އެމެރިކާއިން ބޭނުންވާގޮތް އޮމާން މެދުވެރިކޮށް ފޮނުވުމުން އޭގައި ބުނެފައިވާ ވާހަކަތަކަށް ބަލާއިރު މިހާތަނަށް ދެކެވުނު ވާހަކަތަކާއި ކުރެވުނު މަޝްވަރާތަކަކީ ނުހިނގާކަމެއް ކަމުގައި ބެލުން ރަނގަޅުވާނެކަމަށާއި ހަމައެކަނި އެމެރިކާއިން ބޭނުންވާގޮތް އީރާނުން ގަބޫލުކުރުން ވަރަށް ދުރުކަމަށް އެ މަޝްވަރާތަކުގެ މައުލޫމާތު ރަނގަޅަށް އެނގޭ އެގައުމުގެ ސިޔާސީ އިސް ބޭފުޅަކު ރޮއިޓާރސް އަށް މައުލޫމާތު ދެއްވައިފިއެވެ.
އެމެރިކާއިން ބޭނުންވާގޮތް ބަޔާންކޮށް ފޮނުވި ލިއުމުގައި އީރާނުން ބޭނުންވާކަންތަކަށް ގޮތެއް ކަނޑައަޅާފައި ނުވާތީ އެ ލިއުން ގަބޫލު ނުކުރާނެކަމަށްބުނެ މިހާރު ގެންދަނީ ޖަވާބު ތައްޔާރު ކުރަމުންނެވެ.
އެމެރިކާގެ ރައީސްގެ ޚާއްސަ މުޝީރު ސްޓީވް ވިޓްކޯފް އާއެކު ފަސް ފަހަރެއްގެ މަތިން އީރާނުގެ ޚާރިޖީ ވަޒީރު ކުރެއްވި މަޝްވަރާތަކުގައި ގިނަ ހުރަސްތަކެއް ވަނީ ގިރާކުރަން ޖެހިފައެވެ. އޭގެތެރެއިން އެންމެ ފާހަގަކުރެވެނީ އީރާނުން ޔޫރޭނިއަމް މުއްސަނދިކުރުން މުޅިން ހުއްޓާލުމާއި މިހާރު އީރާނުގައި ހުރި ޔުރޭނިއަމް އެހެން ގައުމަކަށް ފޮނުވާލުމެވެ. އީރާނުން މުއްސަނދި ކޮށްފައިވާ ޔޫރޭނިއަމް ހުރީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިއުކްލިއަރ ހަތިޔާރު އުފެއްދޭ މިންވަރަށް ފައްކާކޮށްފައެވެ. އަދި މަޝްވަރާތަކުގެ ފުރަތަމަ ދުވަހުން ފެށިގެން އީރާނުން ބުނަމުން ގެންދަނީ ޔުރޭނިއަމް މުއްސަނދި ކުރުމުގެ ވާހަކަ މަޝްވަރާތަކުގައި ނުހިމެނޭނެ ކަމަށެވެ. އަދި ނިއުކްލިއަރ ހަކަތައާ ބެހޭ ހުރިހާ އިލްމެއް ދެނެގަތުމަކީ އީރާނުން ދޫކޮށްލާނެ ހައްގެއް ނޫންކަމަށެވެ. އެހެންނަމަވެސް ނިއުކްލިއަރ ހަތިޔާރު އުފެއްދުން އެ ގައުމުގެ ވިސްނުމުގައި އެއްވެސް މިންވަރަކަށް ނެތްކަމަށެވެ.
އެމެރިކާގެ ހުށައެޅުމުގައި އީރާނުގެ ބިމުގައި އެއްވެސް މިންވަރަކަށް ޔުރޭނިއަމް ހުރެގެން ނުވާނެކަމަށް ބުނެފައިވާއިރު މިހާރު އީރާނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ފިއްތުންތަކާބެހޭގޮތުން އެންމެ އަކުރެއްވެސް ލިޔެފައެއް ނެތެވެ. ވާހަކަ ދެކެވޭ މައްސަލައިގެ ހައްސާސް ކަމާހުރެ ރޮއިޓާރސްއަށް މައުލޫމާތު ދެއްވި އޮފިޝަލްގެ ވަނަވަރު ހާމަކުރަން ބޭނުމެއް ނުވެއެވެ. އާޔަތު ﷲ އަލީ ޚާމަނާއި ރިޔާސަތު ބަލަހައްޓަވާ އީރާނުގެ ނިއުކްލިއަރ ކޮމިޓިން ބުނެފައިވަނީ އެމެރިކާއިން ލިބިފައިވާ ހުށައެޅުމަކީ އެއްވެސް މިންވަރަކަށް އީރާނުގެ ވާހަކަތަކަށް ރިއާޔަތް ކޮށްފައި ނެތް ހަމަ އެކަނި އެމެރިކާއިން ބޭނުންވާ ގޮތް ކަމަށެވެ. އެމެރިކާގެ މުޅި ވިސްނުމަކީ މެދުއިރުމަތީގައި އީރާނަށް ނިއުކްލިއަރ ވަސީލަތްތައް ލިބިއްޖެނަމަ ޚާއްސަކޮށް އިސްރާއީލަށް ނުރައްކަލަށް ވެދާނެ ކަމުގެ ބިރު ނެތި ކޮށްލުމެވެ. ހަމަ އެފަދައިން އީރާނުގެ އިގްތިސާދު އަލުން ކުރިއެރުވުމަށްޓަކައި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން އީރާނަށް ބޭނުމެވެ.
މަޝްވަރާތައް ކުރިއަށް ދިޔައިރު އީރާނުގެ ތެޔޮ އެކްސްޕޯރޓް ކުރުމަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އީރާނުން އެދެމުން ގެންދިޔައެވެ. އީރާނުގެ ގައުމީ ތެޔޮ ކުންފުންނާއި އަދި މަރުކަޒީ ބޭންކް ބްލެކް ލިސްޓްކޮށްފައި އޮތް އޮތުން ވަގުތުން ނިމުމަކަށް ގެނައުމަށް އީރާނުން އެދެމުން ގެންދިޔައެވެ. އެމެރިކާގެ ޖަވާބަކަށް ވެފައިއޮތީ ނިއުކްލިއަރ މައްސަލާގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލެވޭނީ ފިޔަވަޅުތަކަކަށް ބަހާލައިގެން ކަމަށެވެ.
އިސްރާއީލުން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދޭނެ ކަމަށް ދެކެވޭ ވާހަކަތަކާގުޅިގެން މިސްރުގެ ޚާރިޖީ ވަޒީރާއެކު އީރާނުގެ ޚާރިޖީ ވަޒީރު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ އިސްރާއީލުން އެފަދަ ޅައެއްޗެއް އަޅާފާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.