ސްރީލަންކާ ސަރުކާރުން ހަދިޔާކުރި ހައިވަކަރު ގަސްތައް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ފަށައިފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން މިރޭ ބުނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ރާއްޖެއިން މަދުވެފައިވާ ގަހެއް ކަމުގައިވާ ހައިވަކަރު ގަސް ޝައުގުވެރިކަން ފާޅުކުރި ރިސޯޓުތަކަށް ހަދިޔާ ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ.
އަދި މި ގަސްތަކަކީ، ސްރީލަންކާ ސަރުކާރުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ހަދިޔާކޮށްފައިވާ ގަސްތަކެއް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އެ މިނިސްޓްރީން ބުނީ މި ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ލިބުމާއިއެކީ ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައި އިންދުމަށް ހައިވަކަރު ގަސް ފޮނުވާފައިވާނެ ކަމަށާއި މިހާރު ކުރިއަށް ދަނީ ރިސޯޓުތަކަށް 2 ހައިވަކަރު ގަސް ހަދިޔާ ކުރުމުގެ މަސައްކަތް ކަމަށެވެ.
މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ގަސްތައް ހަދިޔާކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި އިންތިޒާމްތައް ކުރިއަށްދާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
ހައިވަކަރު ގަސްތަކަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ މަލަމަތިން ލޭންޑްމަރކްއެއްގެ ގޮތުގައި އިންދުމަށް ހަމަޖެހިފައިވާ ގަސްތަކެކެވެ.