ރާއްޖެއިން ޙައްޖަށްދާ މީހުން ޖަހާ ވެކްސިނާއި ބޭނުންވާ ބޭސް ހިލޭ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވައިދެއްވައިފިއެވެ.
ދިވެހިން ޙައްޖަށްގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް މިއަދުން ފެށިގެން ހިލޭ ލިބޭނެކަން ހާމަކުރައްވާފައި ވަނީ މިއަދު ހަވީރު މައްކާގައި ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވާހަކަދައްކަވަމުނެވެ.
ރައީސް ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ޙައްޖަށް ދާއިރު ބޭނުންވާ މެޑިކަލް ކަންކަން ހިލޭ ފުރިހަމަ ކުރެވޭނެ ކަމަށެވެ.
އެގޮތުން ވެކްސިންވެސް ރަށުގައި ތިބެގެން ހިލޭ ޖެހޭނެގޮތް ފަހިކޮށް ދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ޙައްޖާޖީންގެ ކަންތައްތައް ވީހާވެސް ރަނގަޅަކަށް ފުރިހަމައަށް ކޮށްދިނުމަށް ކަމަށެވެ.
ދިވެހި ޙައްޖާޖީން ތިބޭ ހޮޓަލަށް ޒިޔާރާތް ކުރައްވައި، ޙައްޖުވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހީން ޙައްޖަށް ފުރީއްސުރެ އެނބުރި ރާއްޖެ ދެވެންދެން ހުރިހާ ކަމެއް ވީހައިވެސް ފުރިހަމައަށް ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
މިގޮތުން ޙައްޖުވެރިންނާ ވަރަށް ގާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.