އެއްމިލިއަން ފަތުރުވެރިން ހަމަކުރުމަށްޓަކައި މިހާރު ބޭނުންވަނީ 49،788 ފަތުރުވެރިންކަމަށް، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 950،000ށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %8 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވަނީ 879,892 ފަތުރުވެރިންނެވެ.
މި މޭ މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 119,468 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %11 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 107,522 ފަތުރުވެރިންނެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ގައުމަށް ބަލާއިރު އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެއީ 112,594 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ރަޝިޔާއިން އައިސްފައިވަނީ 102,824 ފަތުރުވެރިންނެވެ. މީގެއިތުރުން، އިނގިރޭސިވިލާތުން 97,561 ފަތުރުވެރިން، އިޓަލީވިލާތުން 81,218 ފަތުރުވެރިން، އަދި އަދި ޖަރުމަނުވިލާތުން 72,822 ފަތުރުވެރިން ވަނީ އައިސްފައެވެ.
![]()
