އީރާނާއި އެމެރިކާއިން ކުރިއަށް ގެންދާ އީރާނުގެ ނިއުކްލިއަރ މަޝްރޫއާއި ބެހޭ ވާހަކަތަކުގައި އެމެރިކާގެ މަންދޫބަށް އީރާނުގެ ރަތް ރޮނގު އެނިވަޑައިގަންނަވާނަމަ ކުރިއަށް ދެވިދާނެކަމަށް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލު ބާޣެރީ ސީ އެން އެން އަށް ވިދާޅުވެއްޖެއެވެ.
އެމެރިކާއިން ބޭނުންވަނީ އީރާނުން ނިއުކްލިއަރ ހަތިޔާރު ނު އުފެއްދުން ކަމަށްވާނަމަ އެއީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. އީރާނުގެ ވިސްނުމުގައި މިހާތަނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމަކީ އޮތް ކަމެއްވެސް ނޫނެވެ. އަދި ސުޕްރީމް ލީޑަރ ތަކުރާރުކޮށް ވިދާޅުވަމުން އެ ގެންދަވަނީ އިސްލާމް ދީނުގައި ފަނާ ކުރަނިވި ހަތިޔާރު އުފެއްދުމާއި ލިބިގަތުން ހުއްދަ ނުރުކާތީވެ، އެކަމަށް ހުއްދަ ނުދެއްވާނެކަމަށެވެ. އެހެންނަމަވެސް އީރާނުން ޔުރޭނިއަމް މުއްސަނދި ކުރުމުގެ ވާހަކައަކީ ނު ދެއްކޭނެ ވާހަކައެކެވެ.
އެމެރިކާއާއެކު ކުރިއަށް ދެވިދާނެ ކަމަށް ތިޔަ ވިދާޅުވާ ގޮތެއް ސަރީޙަ ކޮށްދެއްވާފާނެތޯ ސީ އެން އެން އިން އިސްމާއީލް ބާޣެރީ އަށް ދެންނެވުމުން ތަފްސީލު ދިނުމަކާނުލައި ޖަވާބުގައި ވިދާޅުވެފައިވަނީ ކިތަންމެ ގޮތަކުންވެސް އެކަން ކުރެވިދާނެ ކަމަށެވެ. އެކަމަކު އީރާނުން ނިއުކްލިއަރ ހަކަތައަށް ބޭނުންވާ ވަސީލަތްތައް މުއްސަނދި ކުރުމުގެ ވާހަކައަކީ ނު ދެއްކޭނެ ވާހަކައެކެވެ. އީރާނުގެ މި ހައްގު ނިގުޅައިގަންނަން އެމެރިކާއިން ބޭނުންވާނަމަ އެކުގައި ކުރިއަށް ދިއުމުގެ މަގުގައި އަލިކަމެއް ނުހުންނާނެއެވެ.
އިސްމާއީލް ބާޣެރީ އިނގިރޭސި ބަހުގެ މުހާވަރާއަކަށް އިޝާރާތް ކުރައްވައި ވިދާޅުވެފައިވަނީ ރަނގަޅު ނިޔަތެއްގައި ކުރާކަންތައްތައް ކާމިޔާބުވުން ގާތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. “ އިފް ދެއާރ އިޒް އަ ވިލް ދެއާރ އިޒް އަ ވޭ ”.
އެމެރިކާއާއި އީރާނުގެ މަޝްވަރާތަކުގެ 5 ވަނަ ބުރު މިދިޔަ ހުކުރު ދުވަހު ރޯމުގައި ނިމުނު ހިސާބުން ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ މަގު އަލިވަމުންދާކަމަށެވެ. އިއްޔެއާއި އަދި މިއަދު އީރާނާއެކު ވަރަށް އުންމީދީ މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ. އީރާނުންވެސް އުންމީދީ ރިޕޯރޓެއް ލިބޭނެކަމަށް އުންމީދު ކުރަމެވެ. ނިއު ޖާރސީގައި ނޫސްވެރިންނަށް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.
އީރާނުގެ ޚާރިޖީ ވަޒީ އައްބާސް އަރާގްޗީ ވިދާޅުވެފައިވަނީ ރޯމްގައި ބޭއްވުނު 5 ވަނަ ބުރުގެ މަޝްވަރާތަކަކީ މިހާތަނަށް ބަދަލުކުރެވުނު އެންމެ އާރުލާ މަޝްވަރާތައް ކަމަށެވެ. އެހެންނަމަވެސް މިދެކެވޭ ވާހަކަތަކަކީ ފަސޭހައިން އެއްބަސްވުމަކަށް އާދެވިދާނެ މަޝްވަރާތަކެއް ނޫންކަން ގަބޫލު ކުރަން ޖެހޭނެއެވެ. އެމެރިކާ ސަރުކާރުން ނެރެމުން ގެންދާ ބަޔާންތަކުގައި ގޮތް ދޫނުކުރުން އެކުލެވިފައިވީ ނަމަވެސް މަޝަވަރާތައް ކުރިއަށް ދަނީ އެކުވެރި މާހައުލެއްގައެވެ. ވާހަކަތައް ދެކެވޭއިރު އީރާނުންވެސް އެއްބަސް ނުވެވޭނެ ކަންތައްތަކެއް ހުންނާނެކަން އެނގެންޖެހޭނެއެވެ. އޭގެ ތެރޭގައި މަދަނީ ބޭނުމަށް ނިއުކްލިއަރ ހަކަތަ އުފެއްދުންވެސް ހިމެނޭނެ އެވެ.
އައި އޭ އީއޭގެ އެންމެ އިސްވެރިޔާ ރަފައެލް ގްރޮސީ މިދިޔަ މާރޗްމަހު ހާމަކޮށްފައިވާ ގޮތުގައި އީރާނުން މުއްސަނދިކޮށްފައިވާ ޔޫރޭނިއަމް ފުނިވަރުތަކުގެ އަދަދު ފާއިތުވެގެން މިދާ ތިންމަސްދުވަހު ކުރިން ހުރިއަދަދުގެ ދެބައިކުޅަ އެއްބައި ވަނީ އިތުރު ވެފައެވެ. ނިއުކްލިއަރ ބާރު ލިބިފައިވާ ގައުމުތައް ފިޔަވައި މި ފެންވަރަށް ޔުރޭނިއަމް މުއްސަނދިކޮށްފައިވަނީ ހަމަ އެކަނި އީރާނުންނެވެ. މިއީ އަހަރެން ވަރަށް ކަންބޮޑުވާ ކަމެއްވެސް މެއެވެ.
ސީ އެން އެން އާއި ވާހަކަދެއްކެވި އެމެރިކާގެ ވަރަށްގިނަ އޮފިޝަލުން ވިދާޅުވެފައިވަނީ އިސްރާއީލުން އީރާނަށް ހަމަލާ ދޭން ތައްޔާރުވަމުންދާކަމުގެ ސިއްރު މައުލޫމާތު އެމެރިކާ ސަރުކާރަށް ލިބިފައިވާ ކަމަށެވެ. މި ބަޔާނާގުޅޭގޮތުން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބާޣެރީ ވިދާޅުވީ އީރާނަށް އީރާނުގެ ގާބިލިއްޔަތު ހުރި މިންވަރު އެނގޭ ކަމަށާއި އިސްރާއީލުން ހަމަލާދޭން ތައްޔާރުވަމުންދާ ވާހަކައާދޭތެރޭ އީރާނުން ނުވިސްނާކަމަށެވެ.
އެމެރިކާއާއި އީރާނުން ކުރިއަށް ގެންދާ މަޝްވަރާތަކާބެހޭގޮތުން ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއި އެމެރިކާއަށް ވިދާޅުވަމުންގެންދަވާ ހަމައެކަނި ބަސްފުޅަކީ ”ކަމާ ނުގުޅޭ ވާހަކަތައް ދައްކަން ނޫޅޭށެވެ“. އެމަނިކުފާނުގެ ބަސްފުޅުންނަމަ ”ޓްރައި ނޮޓް ޓް ޓޯކް ނަންސެންސް“ މިއެވެ.