ރައީސް ޓްރަމްޕްގެ ޓުރުތު ސޯޝަލްގައި ރައީސް ޒެލެންސްކީއަށް ވަރަށްބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވަމުންވެސް މުޅި ޔޫކްރެއިން އެއްކޮށް ހިފަން ރައީސް ޕޫޓިން އުޅުއްވުމަކީ ރަޝިޔާގެ ވެއްޓުން ކަމުގައި ވެދާނެކަމަށް ރައީސް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ.
ރައީސް ޕޫޓިން އަކީ ވަރަށް ކުރިއްސުރެންވެސް އަހަރެންގެ ރަޙްމަތްތެރިއެކެވެ. އެކަމަކު އެމަނިކުފާނު މިހާރު ބަދަލު ވެއްޖެއެވެ. ހީވަނީ މޮޔަފުޅުވީ ހެންނެވެ. ރައީސް ޕޫޓިން އުޅުއްވަނީ މުޅި ޔޫކްރެއިން ބޭނުންވެގެންކަން އަހަރެންނަށް ކުރިންވެސް އެނގެއެވެ. އެކަމަކު އެއީ ރަޝިޔާއަށް ރަނގަޅުގޮތަކަށް ނުވާނެއެވެ. ރަޝިޔާގެ ވެއްޓުމަށްވެސް ވެދާނެއެވެ. ރައީސް ޓްރަމްޕް ލިއުއްވާފައި ވެއެވެ.
މިދިޔަ އާދީއްތަ ދުވަހު ހެނދުނު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ ހަނގުރާމަ ހުއްޓާލައި ސުލްހަވެރިކަން އާންމުކުރެވޭތޯ އަހަރެން މަސައްކަތް ކުރަމުން ގެންދާއިރު ކުއްލިއަކަށް ރަޝިޔާއިން ބާރުގަދަ ހަމަލާތަކެއް ޔޫކްރެއިންގެ ރަށްތަކަށް ދޭން ފެށުމުން އަހަރެން މުޅިން ހައިރާންވެއްޖެއެވެ. އެވާހަކަ ފުޅުތަކަށްފަހު އެމެރިކާއިން ރަޝިޔާއަށް އިތުރު އިގްތިސާދީ ފިއްތުންތައް ކުރިމަތިކުރަން ގަސްދުކުރައްވަންތޯ ރިޕޯރޓަކު ސުވާލުކުރަން ފެށުމުން “ އާއެކޭ ..ހަމަކަށަވަރުންވެސް މިހާރު އެތައް ބަޔަކު މަރަމުންގެންދާއިރު އެކަން ކުރާނަމެވެ. އަދި ރައީސް ޕޫޓިންނަށް އެހުރީ ކިހެނެއް ވެފާ ހެއްޔެވެ ؟ “
ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމައިގާ ފާއިތުވެގެންމިދާ ތިން އަހަރު ތެރެއިން މިދިޔަ ހަފުތާއަކީ އެންމެ ގިނައިން ރަޝިޔާއިން ޔޫކްރެއިންގެ ރަށްތަކަށް ބޮންއަޅައި ޑްރޯން އާއި ބެލިސްޓިކް މިސައިލުން ޔޫކްރެއިންގެ ރަށްތަކަށް ބޮޑެތި ގެއްލުންދީ ހަލާކު ކޮށްލި ދުވަސްތަކެވެ. އެ ހަމަލާތަކުގައި ކުޑަ 3 ކުދިންނާއެކު 12 މީހުން މަރުވެ ދިޔައިރުވެސް އެމެރިކާގެ ދޫ އޮތީ ބަންދުވެފައިކަމަށް ރައީސް ޒެލެންސްކީ ވިދާޅުވިއެވެ. އެއިން ކޮންމެ ހަމަލާއަކަށް ވަކިން އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅެއް އެމެރިކާއިން އަޅަންޖެހޭނެއެވެ. ޔޫކްރެއިންގެ އޮފިޝަލުން ހާމަކުރައްވާފައިވާގޮތުގައި ޔޫކްރެއިންގެ އެކި ސަރަހައްދުތަކަށް ރަޝިޔާއިން 298 ޑްރޯން އަދި 69 ބެލިސްޓިކް މިސްއިލް ހަމަލާ ވަނީ ދީފައެވެ.
ރަޝިޔާގެ އެންމެ ބާރުގަދަ ހަމަލާތައް ދީފައިވަނީ މޭމަހުގެ އެންމެ ފަހު އާދީއްތަ ދުވަހު އެގައުމުން ފާހަގަކުރާ “ ކީވްގެ ދުވަސް “ ގައްވެ. އެ ހަމަލާތަކުގެ ސަބަބުން މީސްތަކުންނަށް ޖެހުނީ ބަންކަރުތަކާއި އަދިވެސް އެމީހަކަށް ލިބުނުތަނަކަށްވަދެ ފުރާނަ ސަލާމަތްކުރަން ފިލާށެވެ.
އޭގެ ޖަވާބުގައި ރައީސް ޓްރަމްޕް ވިދާޅުވީ ފެށިގެންމިއުޅޭ ހަނގުރާމައިގެ އަސްލަކީ އަދި ހަނގުރާމަ ނުހުއްޓުވިގެން މިއުޅޭ ސަބަބަކީވެސް ރައީސް ޒެލެންސްކީއަށް އެމަނިކުފާނުގެ ދޫ ރައްކާތެރި ނުކުރެވުމެވެ. އެ ދައްކަވާ ވާހަކަފުޅުތަކުން ގައުމަށް ލިބޭ ގެއްލުން ވަޒަނެއް ނުކުރައްވައެވެ.
ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ވަގުތީގޮތުން 30 ދުވަހަށް މެދުކަނޑާލުމަށް ޔޫކްރެއިންގެ ބައިވެރި ޔޫރަޕްގެ ގައުމުތަކުން ކުރަމުންދާ މަސައްކަތަށް ރައީސް ޓްރަމްޕް ވަނީ ހޫނުފެން އަޅުއްވައި ރަޝިޔާއާއި ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އަޅުއްވަން އިންކާރު ކުރައްވާފައެވެ.
ރައީސް ޒެލެންސްކީގެ ޗީފް އޮފް ސްޓާފް އެންޑްރީ ޔަރްމަކް ޓެލެގްރާމްގައި ލިއުއްވާފައިވެއެވެ. “ ފިއްތުންތަކެއް ކުރިމަތި ކުރުމަކާ ނުލައި ރަޝިޔާއާއި އެ ގައުމުގެ ބައިވެރިން މައިތިރި ނުކުރެވޭނެއެވެ. އެގައުމުތަކުގެ ބާރު އަބަދުވެސް ބޭނުންކުރަމުންގެންދާނީ ހުޅަނގުގެ ގައުމު ތަކުގެ ރައްޔިތުން މަރާށެވެ. މޮސްކޯގައި ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ލިބިފައިހުރިހާ ދުވަހަކު އެގައުމުން ހަނގުރާމަކުރުން ހުއްޓާ ނުލާނެއެވެ.“