އިންޑިއާ ޕާކިސްތާނުގެ ހަމަލާތައް ޕާކިސްތާނުން ހަމަ ކާމިޔާބު ކުރީ ހެއްޔެވެ؟

Loading

Facebook
Twitter
WhatsApp

ސަންދާނުގެ ކިއުންތެރިންނަށްއަޅުގަނޑުމެން މި ގެނެސްދެނީ އެމެރިކާ މަޝްހޫރު ސިޔާސީ ނިއުސް ޕޭޕަރ، ދަ ހިލް ގައި ޕާކިސްތާނުގެ ޑޯން ނިއުސް ޕޭޕަރ ގެ ކޮލަމްނިސްޓް ރާފިއާ ޒަކަރިއްޔާ ފާޅުކޮށްފައިވާ ޚިޔާލެއްގެ ތަންތަންކޮޅެވެ.

އަޅުގަނޑުމެންނަށް މިފަދަ ޚިޔާލުތައް އެނގެން ބޭނުންވަނީ އިންޑިއާ އާއި ޕާކިސްތާނަކީ އަވަށްޓެރި 2 ގައުމު ކަމަށްވެފައި އެ 2 ގައުމުގެ ކޮންމެ ދެކޮޅުވެރިކަމަކީ އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމަކަށް ވާތީއެވެ.                                                                

އިންޑިއާއާއި ޕާކިސްތާނަކީ ނިއުކްލިއަރ ބާރު ލިބިފައިވާ 2 ގައުމު ކަމަށްވެފައި މި މަހުގެ ތެރޭގައި 3 ދުވަސް ވާންދެން ހިނގާދިޔަ ދެކޮޅުވެރި ހަމަލާތަކުން 2 ގައުމަށްވެސް ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ. މި ފަހަރުގެ ދެކޮޅުވެރިކަން ނިމިގެންދިޔަ ގޮތް އެމެރިކާގެ ރައީސް ޑޮނާލަޑް ޓްރަމްޕް ޓުރުތު ސޯޝަލްގައި ވިދާޅުވެފައިވަނީ  “ ރޭގަނޑު އެތައް އިރަކު ދެކެވުނު ވާހަކަތަކަކަށްފަހު އިންޑިއާއާއި ޕާކިސްތަނުން ހަމަ މިހާރު ހަމަލާތައް މުޅިން ހުއްޓާލަން އެއްބަސްވެއްޖެކަން އަހަރެން އުފަލާއެކު އިއުލާންކުރަމެވެ. ދެ ގައުމުންވެސް ހެޔޮ ވިސްނުން އިސްކޮށް ދެކެވުނު ވާހަކައަށް ދިން ސަމާލު ކަމަށްޓަކައި ޝުކުރުވެރިވަމެވެ. “ މިފަދަ އިބާރާތަކުންނެވެ.            

ރައީސް ޓްރަމްޕް ހިހޫ ތަނުން ފަރީއްކުޅުއްވީ ކަމަށް ބުނެ އިންޑިއާގައި ނަފްރަތުގެ ޝުއޫރުތައް ފާޅުކުރަމުން ގެންދިޔަ ކަމަށްވެއެވެ. 2 ގައުމުގެ ދެމެދުގައި ހިނގި ދެކޮޅުވެރިކަން ހުއްޓުވުމަށް އެއްވެސް ކަމެއް ކުރުމަކާ ނުލައި ކުއްލިއަށް މައިދާނަށް ނިކުމެވަޑައިގެން ބޮޑުބަހުން ފައިސަލާ އިއްވީ ކަމަށް ވިދާޅުވެ ވެރިކަން ކުރާ ޕާރޓީއަށް ނިސްބަތްކުރެވޭ ސިޔާސީ ބޭފުޅަކު ކޯފާ އިސްކުރެއްވިކަމަށްވެސް ވެއެވެ. އެކަމަކު ޕާކިސްތާނުން އުފާފާޅުކުރުމުގައި ޓްރަމްޕަކީ ހީރޯއަކަށް ހަދާލިއެވެ. މިތަފާތުން އެނގި ހާމަވެގެން ދިޔައީ މި ސަރަހައްދުގެ މިހާރުގެ ޖިއޯސްޓްރާޓީޖިކް ބެލެންސް ކުރެވިފައިވާގޮތެވެ. އަދި އިންޑިއާއާއި ޕާކިސްތާނުގެ ދެކޮޅުވެރިކަން ނިމުނުގޮތުން ޕާކިސްތާނަށް  މޮޅު ލިބުނުކަމަށް ބެލެވޭ ގޮތްވެސް މެއެވެ.                         

އިންޑިއާއާއި ޕާކިސްތާނުގެ ދެކޮޅުވެރި ހަމަލާތައް މިފަހަރު ފެށެންދިމާވީ އޭޕްރިލް 22 ވަނަދުވަހު އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި އަދި އެ ސަރަހައްދަކީ އަމާން ތަނެއްގެ ގޮތުގައި އިންޑިއާ ސަރުކާރުން ޓްއަރިޒަމަށް ތާއާރުފް ކުރަމުން ގެންދިޔަ ދުވަސްވަރެއްގައިދިން ޓެރަރިސްޓް ހަމަލާއެއްގައި 26 މީހަކު މަރާލުމާގުޅިގެންނެވެ. ހަމަ ވަގުތުން އެއީ ޕާކިސްތާނުން ސަޕޯރޓްކުރާ ޓެރަރިސްޓުން ކުރިކަމެއްކަމުގެ އިލްޒާމް އިންޑިއާއިން ޕާކިސްތާނުބޮލުގައި އަޅުވައި ބަދަލު ހިފާނެކަމަށް ވައުދު ކަށަވަރު ކޮށްފިއެވެ.                       

ޖެހިގެން އައި 2 ހަފުތާގެ ތެރޭގައި 2 ގައުމުގެ ސިފައިން ތިބީ ފުރިހަމަ ތައްޔާރީ ހާލަތުގައެވެ. އިންޑިއާގައި ރުޅިވެރިކަމާއެކު ގޮވަމުންގެންދިޔައީ ޕާކިސްތާން ވީރާނާކޮށްލުމަށެވެ. 8000 ސޯޝަލް މީޑިއާ އެކައުންބްލޮކްކޮށް އެތައް ޔޫޓިއުބް ޗެނަލެއް ބަންދުކުރިއެވެ. ޕާކިސްތާނުން ގެންދިޔައީ ސޯޝަލް މީޑިއާއާއި އިންސްޓަގްރާމުގައި އިންޑިއާއަށް ހަޖޫކިޔަމުންނެވެ. އަދި ގިނަ ފަހަރު ޕާކިސްތާނުވެސް އޭގައި ޝާމިލު ކުރަމުންނެވެ.          

މޭ މަހުގެ 7 ވަނަ ދުވަހު އިންޑިއާއިން ހަމަލާދިން އިރު އިންޑިއާގެ ޓެލެވިޒަން ޗެނަލް ތަކުން އާންމު ރައްޔިތުންގެ ހިތުގައި ހަނގުރާމައެއްގެ ތަސައްވުރު އުފައްދައިފި ކަހަލައެވެ. ބޮޑުވަޒީރު ނަރެންދްރަ މޯޑީގެ ސަރުކާރަށް ތާއީދުކުރާ ޗެނަލް ތަކުން ޕާކިސްތާނު ވީރާނާ ކޮށްލެވިއްޖެ ކަމަށާއި އިސްލާމް އާބާދު އަތުލެވިއްޖެ ކަމަށާއި ކަރާޗީ ބަނދަރު ހަލާކުކޮށްލެވިއްޖެކަމަށް ދޮގު ޚަބަރުތަކެއް ފަތިރަމުން ގެންދިޔައެވެ. އެކަމަކު ހަގީގަތަކީ ހަމަލާތައް ފެށުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޕާކިސްތާނުން ހީވެސް ނުކުރާ ކާމިޔާބުތަކެއް ހާސިލް ކުރަމުން ގެންދާތަން ފެންނާން ފަށައިފިއެވެ. ދާދިފަހުން 7.4 ބިލިއަން ޑޮލަރުގެ އަގަކަށް އިޓަލީން ގަނެފައިވާ ރަފާލޭހަނގުރާމަމަތީ ޖެޓްތަކެއްވެސް ހިމެނޭ ގޮތުގައި އިންޑިއާގެ 5 ފައިޓަރޖެޓް ޕާކިސްތާނުން ވައްޓާލައިފިއެވެ.              

ޓެރަރިސްޓުންނާ ގުޅުންހުރި 9 ސައިޓަކަށް އިންޑިއާއިން ހަމަލާދިންކަމަށް ބުނެފައިވެއެވެ. އަދި އެއީ ޓެރަރިސްޓުން ތަމްރީނުކުރާ ކޭމްޕްތަކެއްކަމުގައިވެސް އިންޑިއާއިން ބުނެފައި ވެއެވެ. އެއަށްފަހު މޭ މަހުގެ 8 ވަނަދުވަހު ޕާކިސްތާނުގެ ގިނަ މިލިޓަރީ ބޭސްތަކަކަށް ހަމަލާދިން ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ޕާކިސްތާނުގެ މިލިޓްރީ މައި މަރުކަޒު ކައިރީގައިހުރި ބޭސް އެއްވެސް ހިމެނޭކަމަށް ބުނެފައި ވެއެވެ.             

އިންޑިއާގެ ހަމަލާތަކުގެ ކުޑައިރުކޮޅެއްފަހުން ޕާކިސްތާނުންދިން ރައްދު ހަމަލާގައި އިންޑިއާއިން ބޭނުންކުރާ ރަޝިޔާގެ އެސް-400 މަރުކާގެ އެއާރޑިފެންސް ނިޒާމު ހަލާކުކޮށްލިކަމަށް ބުނެފައި ވެއެވެ. އޭގެ އިތުރުން ބައެއް މިލިޓްރީ ސްޓޯރޭޖް ޑިޕޯތަކާއި ބޯރޑަރ  ޕޯސްޓްތަކާއި އަދި މިލިޓްރީ ބޭސްތަކުގެ ބައެއް ތަންތަން ހަލާކު ކޮށްލި ކަމަށްވެސް ޕާކިސްތާނުން ބުނެފައިވެއެވެ.                                            

ދެކޮޅުވެރި ހަމަލާތައް ހުއްޓާލަން އިންޑިއާއާއި ޕާކިސްތާނުން އެއްބަސްވެއްޖެކަން އިއުލާންކުރައްވަން ރައީސް ޓްރަމްޕް މަންޒަރުން ފެނުނު ހިސާބަކީ މިއީއެވެ.                                        

ދެކޮޅުވެރި ހަމަލާތައް ނިމުމަކަށް އައުމަށްފަހު ޕާކިސްތާނުގެ މިލިޓްރީ އެންމެ އިސްވެރިންގެ ޕްރެސް ކޮންފަރެންސެއްގައި އިންޑިއާގެ ރަފާލޭ އެއާރކްރާފްޓެއްގެ ޕައިލެޓް ވައިގެތެރޭގައި ގޮވުންތަކެއްގެ އަޑު އިވިއްޖެކަމަށް ރިޕޯރޓްކުރަން މުވާސަލާތީ ވަސީލަތުން ދެއްކި ވާހަކަތަކެއްގެ އަޑު އިއްވުނެވެ. ލަފާކުރެވޭ ގޮތުގައި އެއީ އޭނާގެ ސްކޮޑުރަންގެ އެއާރކްރާފްޓެއް ގޮވި އަޑެވެ.                                  

އިންޑިއާގެ ރަފާލޭ ޖެޓްތަކެއް ވައްޓާލިކަމަށް ޕާކިސްތާނުން ބުނާބުނުން ވޯޝިންގްޓަން ޕޯސްޓުން ވަނީ ކަށަވަރު ކޮށްދީފައެވެ.                                                             

މިފަހަރު ހިނގާދިޔަ ދެކޮޅުވެރި ހަމަލާތަކުން ޕާކިސްތާނަށް ކާމިޔާބު ލިބުނުކަމަށް ބެލެވިދާނެ ސަބަބުތަކެއް އެބަހުއްޓެވެ.                                                             

އެންމެ ފުރަތަމަ ފާހަގަ ކުރެވެނީ ޕާކިސްތާނުން ޗައިނާއާއެކު އޮތް އެއްބައިވަންތަކަމުގެ ގަދަފަދަކަން ދެއްކުމުގެ ފުރުސަތު ފެނިގެން ދިއުމެވެ.                                                    

ޗައިނާއިން ޕާކިސްތާނަށް ދީފައިހުރި ޕީއެލް-15 މަރުކާގެ އާރޓިފިޝަލް އިންޓެލިޖެންސުން ގައިޑްކުރާ މިސައިލްތައް ބޭނުންކޮށްގެން ޕާކިސްތާނުގެ ސަރަހައްދުން ބޭރަށް ނިކުތުމަކާވެސް ނުލައި އިނޑިއާގެ ރަފާލޭ ޖެޓްތައް ވައްޓާލިކަމަށް ބުނެފައި ވެއެވެ.                                             

ދެވަނައަށް ފާހަގަކުރެވެނީ ޕާކިސްތާނުން ހަމަލާދީ އިންޑިއާގެ މިލިޓްރީ އަމާޒުތަކެއް ހަލާކުކޮށްލުމާއެކު މި ހަމަލާތަކުގެ ވަރުގަދަކަމުން އިންޑިއާއިން އަމާންދިން ކަމުގެ ވާހަކަތައް ފެތުރިގެން ދިއުމެވެ. އަދި މިހިސާބުން ދެކޮޅުވެރިކަން ނިމުމަކަށް ގެނައުމުގެ މަސައްކަތް ރައީސް ޓްރަމްޕް ފައްޓަވަން ޖެހިވަޑަގަތުން ފާހަގަ ކުރެވެއެވެ.

ތިންވަނަ ކަމަކަށް މުސްލިމުންގެ އާބާދީގިނަ ކަޝްމީރުގައި އިންޑިއާގެ އެތައް ހާސްސިފައިން ހިމެނޭ ލަޝްކަރު ތަކުން ހައްދެއްނެތި މުސްލިމް އާބާދީއާ ދެކޮޅަށް ހިންގަމުންގެންދާ ހަރަކާތްތައް މިހިނގާދިޔަ ދެކޮޅުވެރި ހަމަލާތަކުގެ ސަބަބުން އަނެއްކާވެސް ބައިނަލް އަގްވާމީ ސްޓޭޖަށް ހާމަވެގެން ދިއުން ފާހަގަކުރެވެއެވެ.               

ހަތަރުވަނައަށް ފާހަގަކުރެވެނީ އެމެރިކާއިން މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރަންފެށުމުން މިހާތަނަށް ޕާކިސްތާނަކީ ޓެރަރިޒަމަށް ހިތްވަރުދޭ ގައުމެއްކަމަށްބުނެ އިންޑިއާއިން ދެމުންގެންދާ ހަމަލާތަކަކީ ޓެރަރިޒަމާ ނައްތާލުމަށްދޭ ހަމަލާތަކެއްކަން އެމެރިކާއިން ގަބޫލުކުރާނެއެވެ. އަދި އެމެރިކާއިން ޕާކިސްތާނަށް ސަޕޯރޓެއް ނުކުރާނެއޭބުނެ އިންޑިއާއިން ހާމަކުރަމުން ގެންދިޔަ ވާހަކަތައް ބަލިކަށި ވެގެންދިއުމެވެ.                

މޭ މަހުގެ 11 ވަނަދުވަހު އިންޑިއާގެ މިލިޓްރީގެ އެންމެ އިސް ބޭފުޅުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕާކިސްތާނުން ވައްޓާލި ހަނގުރާމަމަތީ ޖެޓްތަކާބެހޭގޮތުން އެތައްފަހަރަކު އެހުމުންވެސް އިންކާރެއް ނުކުރެއެވެ. އެންމެ ފަހުން އެއާރފޯސްގެ އެންމެ އިސްވެރިޔާ ވިދާޅުވީ ހަނގުރާމައިގާ ގެއްލުމާވެސް ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި ތަފްސީލު ދޭންޖެހޭ ވަގުތު އައުމުން ތަފްސީލުވެސް ހާމަ ކުރެވޭނެ ކަމަށެވެ.              

މިފަހަރު ހިނގާދިޔަ ދެކޮޅުވެރި ހަމަލާތަކަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރުން ހެއްދެވި ބޮޑުވެގެންވާ ސިޔާސީ ގޯހެއްކަމަށް ވިދާޅުވެ ޕާރލަމެންޓުގައި އިދިކޮޅު ލީޑަރ ރާހުލް ގާންދީ ވަރަށް ނުރުހިވަޑައިގެން ހުންނަވާ ފާޑު ވިދާޅުވިކަމަށްވެއެވެ. އަދި އެ ކަމުގެ ސަބަބުން ޕާކިސްތާނާއި ޗައިނާ ގުޅިގެން އިންޑިއާއާއި ދެކޮޅަށް ބާރުގަދަ އެކުވެރިކަމެއް އުފައްދަން ފުރުސަތު ލިބިދީފިކަމަށްވެސް ވިދާޅުވިކަމަށްވެއެވެ.                       

ބައެއް ކޮމެންޓޭޓަރުންގެ ނަޒަރުގައި ކޮންމެ ތަނެއްގައިވެސް ޓެރަރިސްޓް ކޭމްޕްތައް ހެދިދާނެއެވެ. އަދި ޑްރޯން ހަމަލާތަކެއް ދިނުމަކީ މާބޮޑު ކަމެއް ނޫނެވެ. މިސާލެއްގެ ގޮތުން އެމެރިކާއިން އެތައްހާސް ފަހަރު ޑްރޯން ހަމަލާ ދިނުމުންވެސް އެންމެފަހުން ޖެހުނީ އަފްގާނިސްތާނުން ފައިބާށެވެ.                               

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އާ ދޭތެރޭ ސިފައިން ކަންތައް ކުރިގޮތުން ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވެފައި އޮތް ނަމަވެސް އިންޑިއާއާއި ޕާކިސްތާނުން ބަދަލުކުރި ދެކޮޅުވެރި ހަމަލާތަކުން ލިބުނު ނަތީޖާއާ މެދު ގިނަބައެއްގެ ހިތްހަމަޖެހުންވެސް ލިބިއްޖެކަމަށް ރާފިއާ ޒަކަރިއްޔާގެ އޮޕީނިއަން ނިންމާލަމުން ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް