ތައިލޭންޑުގެ ރަސްގެފާނު މަހާ ވަޖިރާލޯނގްކޯރން އަކީ އާދަޔާޚިލާފް މުއްސަނދި ދިރިއުޅުމެއްގައި އެ ރަސްގެފާނުގެ އުމުރުގެ ދުވަސްތައް ހޭދަކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ރަސްގެފާނު މަހާ ވަޖިރާލޯނގްކޯރން ވަނީ ހަތަރުއަންހެނަކާ ކައިވެނި ބައްލަވައި ގެންފައެވެ. އެ ރަސްގެފާނަކީ ބޭނުންވެ ވަޑައިގަންނަވާ ކޮންމެ އެއްޗެއް ހާސިލުކުރެއްވުމުގައި ޚަރަދަކަށް ބައްލަވާ ބޭފުޅެއް ނޫނެވެ. އަދި އެ ރަސްގެފާނުގެ ދިރިއުޅުއްވުން ހުންނަގޮތާމެދު އެހެން މީހުން ފާޑުކިއުމަކީވެސް ކަންބޮޑުވެ ވަޑައިގަންނަވާކަމަކަށް ނުވެއެވެ.
އެ ރަސްގެފާނުގެ މިލްކިއްޔާތުގައި މާރސިޑީސް ބެންޒް އާއި އަދި ބީއެމް ޑަބްލިޔޫއާއި ލިމޯސީންގެ އެންމެ ފަހުގެ މޮޑެލަތައް ހިމެނޭ ގޮތުގައި 300 ލަގްޒަރީ ކާރާއި 38 ޕްރައިވެޓް ޖެޓް ހިމެނެއެވެ. މި ކާރުތަކާއި ޖެޓްތައް ޒީނަތްތެރިކުރެވިފައިވަނީ ޝާހީ އިއްޒަތާއި ޝަރަފްގެ ހުރިހާ ކުލަތަކާއި ނަމޫނާތައް ބޭނުންކޮށްގެން ރަތުރަނުން އަތްކަން އަޅައިގެންނެވެ. މި ހުރިހާއެއްޗަކަށްވުރެން ޚާއްސަގޮތެއްގައި ފާހަގަކުރެވެނީ އެތެރޭގެ އެންމެހާތަންތަން ރަތުރަނުން ޒީނަތްތެރިކޮށްފައި 52 ބޯޓު އެ ރަސްގެފާނުގެ މިލްކިއްޔާތުގައި ޚާއްސަ އިހްތިފާލްތަކަށް ބޭނުންކުރަން ތައްޔާރުކުރެވިފައި ހުރުމެވެ.
ރަސްގެފާނު މަހާ ވަޖިރާލޯނގްކޯރންގެ މުއްސަނދިކަން އަގުކުރެވެނީ ގާތްގަނޑަކަށް 43 ބިލިއަން އެމެރިކާ ޑޮލަރ ކަމުގައެވެ. އޭގެތެރެއިން ގިނައީ ވާރުތައިން ލިބިފައިވާ މުއްސަނދިކަމެވެ. އެ މުއްސަނދިކަން ރަސްގެފާނު ވަނީ ތައިލޭންޑުގެ ބިޔަ ކުންފުނިތަކުގައި އިންވެސްޓް ކޮށްފައެވެ. ރަސްގެފާނުގެ މިލްކިއްޔާތުގައި ތައިލްންޑުން އެތައް ހާސް އޭކަރުގެ ބިމާއި އަދި ބެންކޮކުން އެކަނި ސަތާރަހާސް އަމިއްލަ މިލްކިއްޔާތު ހިމެނެއެވެ. ތައިލޭންޑުގެ އާންމު ރައްޔިތުން ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނުލިބިއެން އުޅޭއިރު ރަސްގެފާނުގެ މިލްކިއްޔާތުގައި ބެންކޮކްގެ ބޮޑު ބައެއް ހިމެނެއެވެ.
ތައިލޭންޑުގައި އެ ރަސްގެފާނަށް މުޚާތަބު ކުރެވެނީ ރަސްގެފާނު ރާމާ އެކްސްގެ ނަންފުޅުގައެވެ. އެ ރަސްގެފާނުގެ ބައްޕާފުޅު 70 އަހަރުވަންދެން ތައިލޭންޑުގައި ރަސްކަން ކުރެއްވިއެވެ. އެ ރަސްގެފާނުގެ އުމުރުފުޅުން 88 އަހަރު ފުޅުގައި 2016 އޮކްޓޯބަރ 13 ވަނަދުވަހު އަވަހާރަ ވުމުން މިހާރުގެ ރަސްގެފާނު ވަޖިރާލޯނގްކޯރން އަށް ރަސްކަން ލިބިވަޑައިގަތީ 2019 ވަނަ އަހަރުގައެވެ.
ތައިލޭންޑުގެ ރަސްގެފާނު ރަސްގެފާނު މަހާ ވަޖިރާލޯނގްކޯރން އަކީ އެ ރަސްގެފާނުގެ ބައްޕާފުޅު އަދި ކުރީގެ ރަސްގެފާނު ބޫމިބޯލް އާއި ރާނީ ސިރިކިޓްގެ 4 ބޭފުޅުންގެ ތެރެއިން ހަމައެކަނި ފިރިހެން ދަރިއެވެ. ވަޖިރާލޯނގްކޯރން އުފަންވެފައިވަނީ 1952 ވަނައަހަރުގައެވެ. ރޮއިޓާރސް އިން ބުނެފައިވާ ގޮތުގައި އެ މަނިކުފާނު އެންމެ ފުރަތަމަ ކިޔަވާ ވިދާޅުވީ ތައިލޭންޑް ގައެވެ. އެއަށްފަހު އިނގިރޭސި ވިލާތާއި އަދި އޮސްޓްރޭލިޔާއިން ތައުލީމް ހާސިލު ކުރެއްވިކަމަށްވެއެވެ. އެންމެފަހުން އިނގިރޭސި ވިލާތުގެ މަޝްހޫރު މިލިޓްރީ ކޮލެޖަކާއި އޮސްޓްރޭލިޔާގެ މިލިޓްރީ ކޮޅެޖަކުން މިލިޓްރީ ތަމްރީނު ހޯއްދެވިއެވެ. އޮސްޓްރޭލިޔާގެ ނިއު ސައުތު ވޭލްސްގެ މިލިޓްރީ ޔުނިވަރސިޓީ އިން ބެޗްލަރ ޑިގްރީ ހާސިލް ކުރެއްވިއެވެ. އެ ރަސްގެފާނަކީ ފައިޓަރޖެޓް އަދި ހެލިކޮޕްޓަރ ޕައިލެޓެކެވެ. 1970 ގެ އަހަރުތަކުގައި ތައިލޭންޑުން ކޮމިއުނިސްޓް އިންސާރޖެންޓުންނާ ދެކޮޅަށް ކުރި ހަނގުރާމައިގާ އެމަނިކުފާނުވެސް ބައިވެރިވެ ވަޑައިގަތެވެ.
އެ ރަސްގެފާނަށް ވުރެން މުއްސަނދިން ދުނިޔޭގެ ކަންކޮޅު ކަންކޮޅުތަކުގައި ތިއްބެވިނަމަވެސް މި ރަސްގެފާނަށްވުރެން ވަކިން ބޮޑަށް ގައުމުގެ މުއްސަނދިކަން އަމިއްލަ ބޭނުންފުޅަށް ހޭދަކުރައްވާ ރަސްކަލަކު ނުވަތަ މުއްސަންޖަކު މިޒަމާނުގައި ފެންނާކަށް ނެތޭ ބުނެވިދާނެއެވެ.