މިއަދުގެ ރީތި ތާރީޚުގައި ފެމިލީ ކޯޓުން 59 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެ ކޯޓުން ހާމަކޮށްފިއެވެ.
ފެމިލީ ކޯޓުން މިކަން ހާމަކޮށްފައިވަނީ އެ ކޯޓުގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
މިއަދު ކޮށްދިނުމަށް ހަމަޖެހިފައިވާ 59 ކައިވެނީގެ ތެރޭން 23 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ރަސްމީ ގަޑީގައި ކަމަށާއި، ބާކީ 36 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ނުރަސްމީ ގަޑީގައި ކަމަށްވެސް އެ ކޯޓުން ބުނެފައިވެއެވެ.
މިއަދު މިހާ ގިނަ އަދަދެއްގެ ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާތީ، ކައިވެންޏަށް ހާޒިރުވާ ފަރާތްތަކުގެ ފަސޭހައަކަށްޓަކައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަމަށް އެ ކޯޓުން ބުނެއެވެ. މިގޮތުން، ފެމިލީ ކޯޓުން ވަނީ އެ ކޯޓުގެ ބޭރުގައި ޓެންޓު ޖަހައި އަދި ގޮނޑިވެސް އަތުރާފައެވެ.

މިއީ މި އަހަރުގެ މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ އަދަކަކަށް ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސް ކަމަށްވެސް އެ ކޯޓުން ބުނެއެވެ.
މިއަދު މިހާ ގިނަ އަދަދެއްގެ ކައިވެނި ކުރުމަށް ހަމަޖެހިފައި މިވަނީ މިއަދުގެ ތާރީޚު (25/05/2025)އަކީ ފާހަގަކޮށްލެވޭ ރީތި ތާރީޚަކަށް ވުމާއެކުގައެވެ. ފާހަގަކޮށްލެވޭ ތާރީޚުތަކުގައި ކައިވެނި ކުރުމަކީ ވަރަށް ގިނަ ބަޔަކު އަބަދުވެސް ބޭނުންވާ އަދި ކުރަމުން އަންނަ ކަމެކެވެ.