ރައީސް ޓްރަމްޕާއި ރައީސް ޕޫޓިންގެ މެދުގައި ޚިޔާލު ތަފާތުވުން މެދުވެރިވި ސަބަބަކީ ރައީސް ޕޫޓިން ދެކިވަޑައި ގަންނަވާގޮތުގައި ޔޫކްރެއިންގެ މައްސަލާގައި 2 ހަފުތާ ނުވަތަ 3 މަސްދުވަސް ފަހުންވިޔަސް 30 ދުވަހުގެ މުއްދަތަށް އެއްވެސް ޝަރުތަކާނުކައި ވަގުތުން ހަނގުރާމަ ހުއްޓާލަން އެއްބަސްކުރުވަން ރައީސް ޓްރަމްޕް ބާރު އެޅުއްވުމުންނެވެ.
2 ގަޑިއިރުވަންދެން ރައީސް ޓްރަމްޕްއާއެކު ވާހަކަ ދެއްކެވިއިރު ތަފާތު 5 ލަފުޒެއް ރައީސް ޕޫޓިންގެ ސަމާލު ކަމަށް އައި ކަމަށްވެއެވެ.އެންމެ ފުރަތަމަ ނައިބު ރައީސް ޖޭ ޑީ ވޭންސް ވިދާޅުވެފައިވާ “ އެއީ އަހަރެމެންގެ ހަނގުރާމައެއް ނޫނެވެ “ މިބަސްފުޅެވެ. މި ބަސްފުޅުން އެނގިގެންދަނީ ޔޫރަޕް ރައްކާތެރިކޮށް ބެލެހެއްޓުމަށް އެމެރިކާގެ މާބޮޑު ޝައުގުވެރިކަމެއް މިހާރު ނެތްކަމެވެ. އަދި ރަޝިޔާއިން ސުލްހައިގެ އެއްބަސްވުމަކަށް ޝައުގުވެރިކަން ނެތްނަމަ ޔޫކްރެއިން ހަނގުރާމައަށް ސިޔާސީ ގޮތުންނާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންވެސް އެމެރިކާ އެއްފަރާތް ވެދާނެ ކަމުގެ ސިގްނަލެއް ވަނީ ދެއްވާފައެވެ. ރަޝިޔާއިން ބޭނުންވާ ގޮތަކީވެސް އެއީއެވެ. އަދި އެ މަގްސަދު ހާސިލުކުރުމަށް ޓަކައި ރަޝިޔާއިން މާބޮޑު ކަމެއް ކުރާކަށްވެސް ނުޖެހުނެވެ.
ރައީސް ޕޫޓިންއާ ވާހަކަ ދެއްކުމުގެ ފަސްދުވަސް ކުރިންވެސް ރައީސް ޓްރަމްޕް ހުންނެވީ ރަޝިޔާއާއި ޔޫކްރެއިން ސުލްހަ ކުރުވުމުގެ ފަޚްރުވެރި މޭސްތިރިއަކީވެސް އެމަނިކުފާނު ކަމުގައި ތާރީޚުގައި ލިއެވިގެން ދިއުމުގެ އުންމީދުގައެވެ. އެކަމަކު މިހާރު ވިދާޅުވަމުން ގެންދަވަނީ ރަޝިޔާއާއި ޔޫކްރެއިނުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށެވެ. އަދި ކޮންމެވެސް ވަރަކަށް ބައިވެރިވުމުގެ މާނައިގާ ރައީސް ޕޫޓިން އާއި ރައީސް ޒެލެންސްކީގެ މަޝްވަރާތައް ތުރުކީގައި ނުވަތަ ވެޓިކަންގައި ބޭއްވުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވިއެވެ. އޭގެފަހުން ފާއިތުވެގެންމިދާ ދިހަވަރަކަށް ދުވަހު އެނގި ހާމަވެގެން މިދަނީ ރައީސް ޕޫޓިން އަށް ޕޯޓަސް (ޕީއޯޓީޔޫއެސް ނުވަތަ ޕްރެޒިޑެންޓް އޮފް ދަ ޔުނައިޓެޑް ސްޓޭޓްސް) އަކީ މާ މުހިންމު ބެފުޅެއް ނޫންކަމާއި އަދި އެމަނިކުފާނުގެ ރުހުން ހޯދުންވެސް ބޭނުން ނުވާކަމެވެ.
ޔޫކްރެއިން ހަނގުރާމައިގާ ފާއިތުވެގެންމިދާ ތިންވަނަ އަހަރުގެ ފަހުބައިގާ ރަޝިޔާ ރަސްމީ މީޑިއާއިން އެންމެ އާންމުކޮށް އިވެމުންދާ އަޑަކީ ރަޝިޔާއިން މި ހަނގުރާމަކުރަނީ ހަމައެކަނި ޔޫކްރެއިނާއި ނޫންކަމަށާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާވެސް ހިމެނޭ ގޮތުގައި މުޅި ނޭޓޯ އާ ދެކޮޅަށް ކަމަށެވެ. ޑޮނާލްޑް ޓްރަމްޕް ރައީސް ކަމަށް އައުމާއެކު ރަޝިޔާއަށް ބައެއް ކަންތައް ތަކުގައި ލުއި މަގެއް ވެސް ފެނިއްޖެއެވެ. އޭގެތެރޭގައި ހުޅަނގުގެ ގައުމުތަކުން ރަޝިޔާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުޔެއް ލިބުމަށްވެސް އުންމީދުކުރެވެއެވެ.
މިހާތަނަށް ހާމަވެފައިވާ އެންމެ ބޮޑު ހަގީގަތަކީ ކިތަންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނަސް މިއީ އަވަހަށް ނިންމަން ބޭނުންވާ ހަނގުރާމައެއް ނޫންކަމަށް ރަޝިޔާއިން ބުނަމުން ގެންދިއުމެވެ. މިހާލަތުގައި އެމެރިކާއިން ރަޝިޔާއާއި ދެކޮޅަށް އެޅެން އޮތީ އެންމެ ފިޔަވަޅެކެވެ. އެއީ ރަޝިޔާގެ ތެޔޮ ގަންނަ އިންޑިއާއާއި ޗައިނާއަށް ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅު އެޅުމެވެ. މި ފިޔަވަޅުން އެމެރިކާއަށް ލިބޭނެ ގެއްލުންވެސް ކުޑަނުވާނެކަން މިހާރު އޮތީ އެނގިފައެވެ. އެމެރިކާއަށް އެންމެ ފައިދާހުރި ގޮތަކަށްވާނީ ރަޝިޔާއާ ދެކޮޅަށް އަޅާފައިހުރި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމެވެ. އެކަމަކު ޔޫރަޕް ގެ ގައުމުތަކުން އެކަމަށް ތާއީދެއް ނުކުރާނެއެވެ.
ކްރެމްލިން ކުޑަކަކޫމައްޗަށް ގެނެވޭނީ ޔޫރަޕްގެ ގައުމުތައް ހަގީގީ މަނާއިގާ އެކަތިގަނޑަކަށް ވެގެންނެވެ. ޔޫރަޕްގެ ގައުމުތަކު މާލީހާލަތު މިހާރު އޮތްގޮތުން ނޭޓޯ އަށް ބޭނުންވާ ފައިސާއާއި ހަތިޔާރާއި ވަސީލަތްތައް ފުރިހަމަކޮށްދެވިދާނެކަމަކަށް ނުބެލެވެއެވެ.
ރައީސް ޓްރަމްޕްގެ މުޅި ވިސްނުން ބިނާކުރައްވާނީ ގިނައިން ފައިސާ ލިބޭ ގޮތަކަށެވެ. ފައިސާ ނުލިބެންޏާ ކޮންމެހެން ރަހްމަތްތެރިކަމެއް އުފެއްދުމުގެ ބޭނުމެއް ނެތެވެ. ރައީސް ޕޫޓިންއަށް ވިއްކޭނެ އެއްޗެއް ނޯންނޭކަން އެނގިވަޑައި ގަންނަވައެވެ. އަދި ރައީސް ޕޫޓިން ގަންނާނެ ގިނަ އެއްޗެހިތަކެއްވެސް އެމެރިކާއަކު ނެތެވެ. ރައީސް ޕޫޓިންއާއި ރައީސް ޓްރަމްޕް އާ ދެބޭފުޅުންނަށް އެއްވެސް ކަމެއް އެކުގައި ކާމިޔާބެއް ނުކުރެވޭނެއެވެ. ހަމަ އެފަދައިން ރައީސް ޕޫޓިންނަކީ ރައީސް ޓްރަމްޕް ޖައްސަވާ ބެރަށް ނަށްޓަވާނެ ބޭފުޅެއް ނޫންކަންވެސް އެނގިވަޑައިގަންނަވައެވެ.އެމެރިކާއިން މިއަދުގެ މަގާމު ލިބިގެންފައިވަނީ ކުދިކުދި މުއާމަލާތްތަކާއި އެއްބައިވަންތަކަމުގެ ގުޅުން ވަޒަންކުރުމާއި މަޑުމައިތިރި ސިޔާސަތަކުންނޫނެވެ. ހަމައެކަނި ބާރުގަދަ މިލިޓްރީ މޮނޮޕޮލީއަކާއި ބާރުގަދަ ފައިސާއެއް ލިބިގަތުމުންނެވެ.
އެސޯޝިއޭޓެޑް ޕްރެސްގެ ސަރޖީ ސުޕިންސްކީ ބުނެފައިވާ ގޮތުގައި ޔޫކްރެއިން ސުލްހައިގެ ވާހަކަތަކަށް ރަޝިޔާއިންހުށައަޅަންބޭނުންވާ ޝަރުތުތައް ވަރަށް އަވަހަށް ލިބޭނެކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރުބިއޯ އުންމީދު ކުރައްވައެވެ. އަދި ރައީސް ޕޫޓިން އާއި ޚާރިޖީ ވަޒީ ލަވްރޯވް ވަނީ އެކަމަށް އުންމީދު ލިބޭގޮތަށް އިޝާރާތެއް ދެއްވާފައިވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސް ޒެލެންސްކީ ވިދާޅުވަނީ ރަޝިޔާއިން ވަގުތު ނަގާލަން ބޭނުންވަނީ ކަމަށެވެ.
ރަޝިޔާއާއި ޔޫކްރެއިންގެ އޮފިޝަލުން ވަނީ މިދިޔަ ހުކުރު ދުވަހު އިސްތަންބުލްގައި ބައްދަލު ކުރައްވާފައެވެ. އޭގެފަހުން ހޯމަ ދުވަހު ރައީސް ޓްރަމްޕް ވަނީ ރައީސް ޕޫޓިން އަދި ރައީސް ޒެލެންސްކީއާއި ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާފައެވެ.ޔޫކްރެއިންގެ ހުޅަނގުގެ ބައިވެރިން އެދިވަޑައިގެންފައިވާގޮތަށް 30 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލަން ރައީސް ޕޫޓިން ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.
މޮސްކޯއާއި ކީވުން އެސޯޝިއޭޓެޑް ޕްރެސްއާއި ވާހަދެއްކިމީހުން ދެކޭގޮތުގައި ރައީސް ޓްރަމްޕް އާއި ރައީސް ޕޫޓިން ފޯނުންވާހަކަ ދެއްކެވުމަކުން ނިކުތް ރަނގަޅު ނަތީޖާއެއް ނެތެވެ. އަދި އަމުދުން ރައީސް ޓްރަމްޕް ވިދާޅުވާހާގޮތަކަށް ރައީސް ޕޫޓިން ކަންތައްކުރައްވާކަށް ނުވެސް ޖެހޭނެއެވެ. ރައީސް ޓްރަމްޕް އަކީ އީސާގެ ފާނެއްވެސް ނޫނެވެ.