ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށާނެއެވެ.
މި މައުރަޒު މިއަހަރު މި ބާއްވަނީ 6 އަހަރުދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. މި މައުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަގުސަދުގައި ސަރުކާރުން ބާއްވާ މައުރަޒެކެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިރުޝާދާއެކު ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހުރިހާ ކަމެއް ކުރިއަށްގެންދާނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ންނެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ ނައިބު ޢަބްދުﷲ ސިޔާޒް ވިދާޅުވީ، މައުރަޒުގައި ހިމެނެނީ ވާދަކުރުމުގެ ބަޔަކާއި އުފެއްދުންތައް ދައްކައިލުމުގެ ބައެއްކަމަށެވެ.
މިގޮތުން، ވާދަކުރުމުގެ ބައިގައި 3000ށްވުރެ ގިނަ އުފެއްދުން ބައިވެރިކޮށްފައިވާއިރު ދައްކައިލުމުގެ ބައިގައިވެސް ގިނަ އަދަދެއްގެ ތަކެތި ބައިވެރިކޮށްފައި ވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް މި މައުރަޒުގައި ބައިވެރިވާއިރު، 15 ދާއިރާއަކުން 81 ގިންތިއަކުން ތަކެތި ހުށަހެޅުމަށް ހުޅުވާލާފައި ވެއެވެ.
![]()
