ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ފައިގައި ޓެގު އެޅުވުމަށްފަހު ބަންދުން ލުއި ދެނީ

Loading

May 22, 2025
profile
Facebook
Twitter
WhatsApp

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންނަށް އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރޭން ލުއިދިނުމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ އޮފީހުން އިއ ނެރުއްވި ނޫސްބަޔާނެއްގައެވެ.

ލުއިދިނުމަށް ނިންމާފައިވަނީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރޭން، އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރޭން، އަދި ކޯޓުން ކަނޑައަޅާ ޝަރުޠުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖަޢާ ކުރުމަށްފަހު ކަމަށް އެ އޮފީހުން މަޢުލޫމާތުދެއެވެ.

މިގޮތުން ލުއި ދެވިދާނެ މީހުން ކަނޑައެޅުމަށްޓަކައި، އެ މީހުން މޮނިޓަރ ކުރެވޭނެ ގޮތަށް ޝަރުޠުތަކަކާއެކު މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލައިފިނަމަ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް ޚާއްޞަ އެސެސްމަންޓެއް ތައްޔާރުކުރެވޭނެ ކަމަށާއި، އެސެސްމަންޓަށްފަހު، ބަންދަށް ލުއި ދެވޭނެކަމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.

”އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދެވޭނީ އިސްވެ ދެންނެވުނު އެސެސްމަންޓް މި އޮފީހަށް ލިބުމުން، އޭގައިވާ ކަންކަމަށް ރިޢާޔަތްކޮށް ބަންދަށް ލުއި ދެވިދާނެކަމަށް މި އޮފީހަށް ފެންނަނަމަ، ބަންދު މުރާޖަޢާކުރުމަށް ކޯޓަށް ހުށަހަޅައިގެންނެވެ. އެގޮތުން ލުއި ދެވޭނީ ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 66 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގެ ދަށުން، ކޯޓުން ގިނަވެގެން 100 (ސަތޭކަ) ދުވަހަށް ކަނޑައަޅާ ޝަރުޠެއްގެ ގޮތުގައެވެ.“ ބަންދަށް ލުއި ދިނުމުގައި ޢަމަލުކުރާނެ ގޮތާ ގުޅޭގޮތުން އެ އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އަދި ލުއި ދީފައިވާ މީހުން ޝަރުޠުތައް ކޮންމެ 100 ދުވަހަކުން 1 ފަހަރު ކޯޓަށް ހުށަހަޅައިގެން މުރާޖަޢާކުރާނެ ކަމަށާއި، އަދި އެގޮތަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ ޝަރުޠަކާ ޚިލާފުވެއްޖެނަމަ ވަގުތުން އެމީހަކު ބަންދުކުރުމަށް ކޯޓުގައި އެދޭނެކަމަށްވެސް އެ އޮފީހުން ބުނެއެވެ.

ބަންދަށް ލުއި ދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މޭ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލާފައެވެ. ބަންދަށް ލުއި ދިނުމަށް އެދި އެ އޮފީހުގެ ”އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމަށް އެދޭ ފޯމު“ން، ނުވަތަ އޮންލައިން ޕޯޓަލް (online.pgo.mv) މެދުވެރިކޮށް، ބަންދުގައިވާ މީހާގެ ވަކީލަށް އެކަމާ ގުޅޭ ހުށަހެޅުން ހުށަހެޅިދާނެކަމަށް އެ އޮފީހުން މަޢުލޫމާތުދެއެވެ.

މި ކަމަށް އެދޭ ފޯމު މިހާރު އެ އޮފީހުގެ ވެބްސައިޓާއި ކައުންޓަރުން ލިބޭނެކަމަށާއި، އަދި ވަރަށް އަވަހަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުން ފޯމު ލިބޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް