ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ ބަންދު އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
އެގޮތުން މި މަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު ފަސް ދުވަހުގެ ބަންދު އަމުރެއް އިސްތިއުނާފް ކުރަން ރައުދުގެ ވަކީލު ހައި ކޯޓަށް ހުށަހަޅައި އެ އަމުރު ވަނީ މިހާރު އިސްތިއުނާފުކޮށްފައެވެ.
ރައުދުގެ ބަންދު އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރީ މައިގަނޑު ފަސް ކަމެއްގެ މައްޗަށެވެ. އޭ ފަސް ކަމަކީ:
- ރައުދުގެ ބަންދު އިތުރު ކުރަން ފުލުހުން ނުބައި މާއްދައަކާ ހަވާލާދީ ކޯޓަށް ހުށަހެޅުން
- އެއީ އޮޅުމެއް ކަމަށް ބުނެ އަނެއްކާވެސް ނުބައި މާއްދާއަކާ ހަވާލާދީ ސްޓޭންޑް ބަދަލުކުރުން
- ބަންދު މަޖިލީހުގައި އިންނެވި ގާޒީ އަމިއްލައަށް ދެ ހައްސްމުން ހުށަނާޅާ މާއްދާއަކާ ހަވާލާދީ މުއްދަތު ޖެހުން
- ގާޒީ ހަވާލާދިން މާއްދާގައި ބަޔާންކުރާ ގޮތާ ހިލާފަށް މުއްދަތު ދިނުން
- އާ ހެއްކެއް ހުށަހަޅާފައި ނެތީސް ހެކީގެ ނިސްބަތް ދަރަޖަ މަތިކުރުން
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށްފައި ވަނީ މާރިޗު 24 ވަނަ ދުވަހުގެ ރޭ 6:20 އެހާ ކަންހާއިރުއެވެ.
އަދި ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، އެންމެ ފުރަތަމަ އޭނާގެ ބަންދަަށް ޖެހީ ފަސް ދުވަހެވެ. އޭގެފަހުން، އިތުރު ދިހަ ދުވަސް ޖަހައި، އެ މުއްދަތު ހަމަވުމުން އިތުރު ފަސް ދުވަސް ވަނީ ޖަހާފައެވެ.
އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރަން މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 20 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ ހައްވާ ޔުމްނު ރަޝީދު، 21، ގ. ރަނައުރާގެއާގެ އެވެ.
ފުލުހުން ވަނީ ވެއްޓުނު އިމާރާތަށް ދިއުމުގެ ކުރިން އެރޭ ޔުމްނުއާއެެކު މއ. މާންދޫގޭދެކުނުގެއަށް ދިޔަ 8 މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައެވެ. ފުލުހުން ވަނީ އެ 8 މީހުންގެ ވަނަވަރުވެސް ހާމަކޮށްފައެވެ.
މި މައްސަލައާ ގުޅުންހުރި 8 މީހުންނަކީ:
ރައުދު އަހުމަދު ޒިލާލް، 21، ގ. އެރިޔަދޫ
އިޖާޒު ޖާއިޒު، 24، މާތޮޑާއަވަށް އޭޕްރީލް/ގދ. ފަރެސްމާތޮޑާ
އައިޝަތު ލަޔާލީ އިގުބާލް، 22، ގ. ނޯތުބްރީޒް
އިޒްދިޔާން މުހައްމަދު މައުމޫން، 28، މއ. މާންދޫގެދެކުނުގެ
ޔޫސުފް އަހްމަދު އަކްރަމް، 22، މއ. މާންދޫގެދެކުނުގެ
ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، 28، ހ. މީނާޒް
އާމިނަތު ޖުނައިދާ ޖަމްޝީދު، 24، މ. ތިލަފަޅު
ހުސައިން ހަމީސް އަލީ، 28، އަލި/ނ. ވެލިދޫ
ފުލުހުން ވަނީ އެ 8 މީހުންނާ ގުޅުންހުރި ތަންތަންވެސް ބަލައި ފާސްކޮށްފައެވެ.
![]()
