އީރާނުގެ ނިއުކްލިއަރ މަޝްރޫއާބެހޭގޮތުން އެމެރިކާއާއި އެކު ކުރިޔަށްދާ ވާހަކަތައް ކާމިޔާބުވެ އެއްބަސްވުމަކަށް އާދެވުން ވަރަށް ކައިރިކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ ”އަހަރެން ބޭނުންވާ ވާހަކަ ބުނެދޭން 300 ސަފްހާގެ ބަޔާނެއް ނެރެން ބޭނުން ނުވާނެ ކަމަށާއި ހަމައެކަނި އެންމެ ޖުމުލައަކުން ފުދޭނެ ކަމަށެވެ. އެ ޖުމުލައަކީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދައިގެން ނުވާނެއެވެ.“
ގަތަރުގެ ދޯހާގައި މީޑިއާ ރިޕޯރޓަރުންނަށް ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ޚާއްސަ ސަފީރު ސްޓީވް ވިޓްކޯފް އާއި އީރާނުގެ އައްބާސް އަރާގްޗީ ކުރިއަށް ގެންދަވާ މަޝްވަރާތައް ދިގު މުއްދަތެއްގެ ސުލްހަ މަސަލަސްކަމަށްޓަކައި ވަރަށް ސީރިއަސް ކަމަށެވެ. އެހެންނަމަވެސް މަޝްވަރާތައް ފޭލިވެއްޖެނަމަ އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދިނުން އަދިވެސް އޮތީ ހަމަ އެގޮތުގައި ކަމަށް ވިދާޅުވިއެވެ. އޭގެ ފަހުން ބުދަދަވަހު ޓްރަމްޕްގެ ރާގުވަނީ ކޮންމެވެސް ވަރަކަށް ބަދަލު ވެފައެވެ. ނިއުކްލިއަރ ހަތިޔާރުގެ އިތުރުން ލޭ އޮހޮރުވުމަށް މަގު ފަހިވެދާނެ ހުރިހާ ހަރަކާތެއްވެސް ހުއްޓަން ޖެހޭނެކަމަށް ވިދާޅުވިއެވެ.
ރައީސް ޓްރަމްޕް ވިދާޅުވީ ނިއުކްލިއަރ ހަތިޔާރު ނުހަދާނެ ކަމަށް އުސޫލެއްގެ ގޮތުން އީރާނުން އެއްބަސްވެފައިވާކަމަށާއި އެއީ އެއްބައިވަންތަކަމުގައި ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. އެހެންނަމަވެސް ތަފްސީލެއް ނުދެއްވައެވެ.
އިރާނުގެ ނިއުކްލިއަރ ހަކަތައާ ބެހޭގޮތުން ސުޕްރީމް ލީޑަރުގެ މުޝީރު އަލީ ޝަމްޚާނީ އެން ބީ ސީ ނިއުސް އަށް ބުދަ ދުވަހު ވިދާޅުވެ ދެއްވާފައިވަނީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް ވަގުތުން އުވާލަން އެއްބަސްވާނަމަ ނިއުކްލިއަރ ހަތިޔާރު އުފެއްދޭ މިންވަރަށް އީރާނުން މުއްސަނދިކޮށްފައިހުރި ޔޫރޭނިއަމް ނެތިކޮށްލެވިދާނެ ކަމަށެވެ. އެއަށްފަހު ޔޫ އެން ގެ އިންސްޕެކްޓަރުންގެ ބެލުމުގެ ދަށުން މަދަނީ ބޭނުންތަކަށް ފުދޭވަރަށް ޔުރޭނިއަމް ފައްކާކުރަންވެސް އެއްބަސް ވެވިދާނެއެވެ.
ގަތަރުގައި ހުންނަ އެމެރިކާ ސިފައިންގެ އަލް އުދައިދު މިލިޓްރީ ބޭސްއަށް ވަޑައިގެން ސިފައިންނާ ބައްދަލު ކުރައްވައި ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅުގައި އެންމެ ބޮޑަށް ބާރުއަޅުއްވައި ވިދާޅުވަމުންގެންދެވިކަމަށްވަނީ އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ދެކޮޅުވެރިކަމާއި ހަމަނުޖެހުންތައް ހައްލު ކުރުމަށް ކަމަށާއި ދެކޮޅުވެރިކަން އުފައްދަން ނޫންކަމަށެވެ. ގަތަރުގައި ހުންނަ އެމެރިކާ ސިފައިންގެ ބޭސް އަކީ މެދު އިރުމަތީގައި ހުންނަ އެމެރިކާ ސިފައިންގެ މައި މަރުކަޒެވެ. އިރާގައި އަފްގާނިސްތާނުގެ ހަނގުރާމައިގެ ދުވަސްވަރު އެ ތަނުގައި އެމެރިކާގެ ދިހަހާސް ސިފައިން ތިބެއެވެ. މިހާރު އެ އަދަދު ވަނީ އަށް ހާހަށް މަދުކޮށްފައެވެ.
އެމެރިކާއާއި އީރާނުން މަޝްވަރާ ކުރެވެމުންދާ ނިއުކްލިއަރގެ ވާހަކަތައް ކާމިޔާބު ކުރުމަށްޓަކައި ގަތަރުގެ ނުފޫޒު ބޭނުންކޮށް ދިނުމަށްވެސް ޓްރަމްޕް އެދިވަޑައިގަތެވެ. ގަތަރަށްފަހު ޓްރަމްޕް ވަޑައިގަތީ އަބޫދާބީއަށެވެ. އަދި އެ ޝަހަރުގައި ހުންނަ ޝައިޚް ޒައިދުގެ ނަންފުޅަށް ނިސްބަތްކުރެވޭ ހުކުރުމިސްކިތަށް ޒިޔާރަތް ކުރެއްވިއެވެ. ޝައިޚް ޒައިދު ފަސްދާނު ލެވިފައިވަނީ އެ މިސްކިތު ހަރީމް ތެރޭގައެވެ. މިސްކިތަށް ވެދެވަޑައިގަތުމުގެ ކުރިން އިޙްތިރާމް ކުރެއްވުމުގެ ގޮތުންޓްރަމްޕް ފައިވާންކޮޅު ބޭލުއްވިއެވެ. އަދި މިސްކިތުގެ ރިވެތިކަމަށްޓަކައި ތައުރީފް ކުރެއްވިއެވެ. އެ ދުވަހު ހަވީރު ގަސްރަލް ވަތަން ގަނޑުވަރުގައި ޝައިޚް މުހަންމަދު ބިން ޒައިދު އަލް ނަހްޔާނާއެކު ރަސްމީ ވާހަކަތައް ބޭއްވުނެވެ.
ރައީސް ޓްރަމްޕް މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި ސީރިޔާގެ ރައީސް އަހްމަދު އަލް ޝަރާ އާއިވެސް ވަނީ ސައޫދީ އެރޭބިޔާގައި ބައްދަލު ކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުމުގައި އިސްލާމިކް ސްޓޭޓް ދޫކޮށް ސީރިޔާ މިނިވަން ކުރުމަށް ރައީސް އަޙްމަދު އަލް ޝަރާ ކުރެއްވި ޖިހާދަށް ތައުރީފް ކުރައްވައި އެމެރިކާއިން ސީރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލައްވާނެ ކަމުގެ ސިގްނަލެއް ދެއްވި ކަމަށް ވެއެވެ.
ސީރިޔާގެ މިހާރުގެ ރައީސް އަޙްމަދު އަލް ޝަރާ އަކީ އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ އަތްދަށުވެ އިރާގު ޖަލަށް ލެވުނު އިސްލާމިކް ސްޓޭޓްގެ އިސްވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ޖަލުން ފިލުމަށްފަހު މިދިޔަ އަހަރުގެ ޑިސެމްބަރ މަހާ ޖެހެންދެންވެސް އެމަނިކުފާނު ހައްޔަރުކުރި ފަރާތަކަށް އެމެރިކާއިން 10 މިލިއަން ޑޮލަރުގެ އިނާމެއް ވަނީ ހުށައަޅާފައެވެ. މިހާރު ކޮޅު ބަދަލުކޮށްލުމުން މާޒީ މާޒީއަށް ވެގެން ދިޔައީއެވެ. އަޙްމަދު އަލް ޝަރާގެ ސަރުކާރަށް އެހީވެ ދެއްވުން އެދި ތުރުކީގެ ރައީސް އުރުދުޣާންވެސް ފޯނު ކުރައްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.