ހުޅުމާލެއާ މާލެއާ ދެމެދު ދަތުރުކުރާ ހަލިމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެ އައިސީޔޫގައި ފަރުވާ ދޭންފަށައިފިއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭން މާލެއަށް އަންނަން އޮންނަ ފަޅީގައި، ރޭ ގާތްގަނޑަކަށް 7.10 ހާއިރުއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި އައިސީޔޫގައި ފަރުވާދެމުންދަނީ ފިޓްނަސް އިންސްޓްރަކްޓަރެއް ކަމަށްވާ ޢާއިޝަތު ޝަޒީއަށެވެ. އޭނާ އިނީ އެކްސިޑެންޓުވި ސައިކަލުގެ ފަހަތުގައެވެ.
އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުން ފަރުވާދީފައިވެއެވެ. އެއީ ޝަޒީގެ އިތުރުން ދެ ފިރިހެނުންނެވެ. އަނިޔާވި ދެ ފިރިހެނުންނަށް ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ދެ ސައިކަލު ޓޯކޮށް، ފުލުހުން މިހާރު ވަނީ ތަހުގީގު ފަށާފައި ކަމަށް މަޢުލޫމާތު ލިބެއެވެ.