އެމެރިކާއިން އީރާނާ ދެކޮޅަށް އަޅްމުންގެންދާ އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކާހުރެ މިހާރު ފަށާފައިވާ ނިއުކްލިއަރއާ މަޝްރޫއާބެހޭ ވާހަތަކުގެ ހަތަރުވަނަ ބުރު ނޭންގުމެއްގެ ތެރެއަށް ގެއްލިއްޖެއެވެ. އެހެންނަމަވެސް އެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ބައި އަދާކުރައްވަމުންގެންދަވާ އޮމާނުގެ ޚާރިޖީ ވަޒީރު ބަދްރް ބިން ހަމަދް އަލް ބުސައިދީ އެކްސް ޕްލެޓްފޯރމްގައި ވިދާޅުވެފައިވަނީ މަޝްވަރާތަކުގެ ހަތަރުވަނަބުރު ލަސްކުރެވުނީ އިންތިޒާމްތައް ހަމަޖެހެންދެން ކަމަށާއި ދެން މަޝްވަރާތައް އޮންނާނެ ތާރީޚެއް ފަހުން ހާމަކުރައްވާނެ ކަމަށެވެ. މީގެ ކުރިން ބޭއްވުނު 3 ބައްދަލުވުމަށްފަހު އެމެރިކާއިން ބުނެފައިވަނީ މަޝްވަރާތަކުގައި ކުރިއެރުން ލިބޭ ކަމަށެވެ. އެކަމަކު މަޝްވަރާގެ މޭޒުން ފެންނަމުން ދިޔަ ހަގީގަތަކީ އޭރުވެސް އެމެރިކާއިން ގެންދިޔައީ ނުބައި ވިސްނުންތައް އުފަންކުރުވަމުންނެވެ.
އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަކީ އީރާނުގެ މަގްސަދު ނޫންކަމަށާއި އެއީ ސިވިލް ބޭނުންތަކަށްޓަކައި ކުރިއަށްގެންދާ މަޝްރޫއެއްކަން ތަކުރާރުކޮށް ބުނަމުން ގެންދިޔަ ނަމަވެސް އެމެރިކާއިން ވިސްނަމުން ގެންދަނީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން އުޅޭ ކަމުގެ ބަހަނާގައި އެ ގައުމު ހިންދެމިލިއަ ނުދިނުމެވެ. ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއި ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އިސްލާމް ދީނުގައި ފަނާކުރަނިވި ހަތިޔާރު އުފެއްދުން ހުއްދަ ނުކުރާތީ އެކަމަށް އެމަނިކުފާނު ހުއްދަ ނުދެއްވާނެ ކަމަށެވެ. ނިއުކްލިއަރ މަޝްވަރާތަކުގައި ބައިވެރިވާ ރައީސް ޓްރަމްޕްގެ ޚާއްސަ މުޝީރު ސްޓީވް ވިޓްކޯފް ވެސްވަނީ އީރާނުން އެއްވެސް މިންވަރަކަށް ޔުރޭނިއަމް ފައްކާކުރުން ހުއްދަ ނުކުރޭނެ ކަމަށް ބުނެފައެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހު އެމެރިކާއިން ވަނީ އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެންމެ ފުރަތަމަ އީރާނުގެ ތެލުގެ 7 ވައްތަރުގެ އުފެއްދުމެއް ވިއްކުމާއި ގަތުން އެމެރިކާގެ ޚާރިޖިއްޔާއިން ވަނީ މަނާކޮށްފައެވެ. އެއަށްފަހު ހޫތީ މުޖާހިދުންނަށް އީރާނުން އެހީވެދޭކަމަށް ބުނެ އެމެރިކާއިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިފާއީ ވުޒާރާއިން ވަނީ ދީފައެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ދިފާއީ ވަޒީރު ހެގްސެތު ދީފައިވާ އިންޒާރުގެ މެސެޖްގައި ލިޔެފައިވެއެވެ. “ ހޫތީ މުޖާހިދުންނަށް ކަލޭމެން ފޯރުކޮށްދޭ ނުރައްކާތެރި އެހީތައް އަހަރެމެންނަށް އެނގެއެވެ. އަހަރެމެންގެ މިލިޓްރީ ގާބިލުކަން ކަލޭމެންނަށް ރަނގަޅަށް އެނގޭނެއެވެ. އަހރެމެން ކަނޑައަޅާ ތާރީޚެއްގައި އަހަރެމެން ބޭނުންވާ މިންވަރަކުން ބަދަލު ހިފާނަމެވެ. “
އީރާނުގެ ތެލާއި ތެލުގެ އުފެއްދުންތައް ނުގަތުމަށް ރައީސް ޓްރަމްޕްވެސް ވަނީ ބައިނަލް އަގްވާމީ ފަރާތްތަކަށް އިންޒާރު ދެއްވާފައެވެ. އެއްވެސް ގައުމަކުން އީރާނުގެ ތެޔޮ ނުވަތަ ޕެޓްރޯކެމިކަލް ގަނެފިނަމަ އެއަށްފަހު އެމެރިކާގެ އެއްވެސް ކުންފުންޏަކާއެކު އެއްވެސްބާވަތެއްގެ ވިޔަފާރިއެއް ނުކުރެވޭނެއެވެ.
އެމެރިކާގެ މި ފިޔަވަޅުތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހަތަރުވަނަ ބުރުގެ މަޝްވަރާތައް ދެންމެ ދެންމެ ފެށިދާނެ ކަމަށް ބެލެވެމުންދިޔައިރު އީރާނުގެ ނިއުކްލިއަރ މަޝްރޫއާ ބެހޭގޮތުން އެމެރިކާ ދޮގު މައުލޫމާތު ފަތުރަމުން ގެންދިއުމާއި ދެކޮޅުވެރި ބަސްމަގު ބޭނުންކުރަމުން ގެންދާތީވެ އީރާނުންވަނީ ނުރުހުން ފާޅުކޮށްފައެވެ.
މިހާތަނަށް ކުރެވުނު މަޝްވަރާތަކުން އުފެދިފައިވާ ނުތަނަވަސްކަމާއެކުގައިވެސް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބާޣެރީ ވިދާޅުވެފައިވަނީ މަޝްވަރާތައް ލަސްކޮށްލެވިފައިވަނީ އޮމާނުގެ ޚާރިޖީ ވަޒީރުގެ އެދިވަޑައިގަތުމަކަށް ކަމަށާއި އަދި ގަބޫލުކުރެވިދާނެފަދަ އެއްބަސް ވުމަކަށް އުންމީދު ކުރައްވާކަމަށެވެ.
އެމެރިކާއިން މިހާރުވެސް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅަމުން ގެންދާތީވެ މަޝްވަރާތައް ހުއްޓިފައިވަނީ ކަމަށް ވަނަވަރު ސިއްރުކުރުން ޝަރުތުކޮށް އީރާނުގެ އެހެން އޮފިޝަލަކު ރޮއިޓާރސް އަށް މައުލޫމާތު ދީފައި ވެއެވެ. މަޝްވަރާތައް އަލުން ފެށޭނީ އެމެރިކާގެ ބަހާއި އަމަލު ދިމާވީމައެވެ. ރޯމްގައި ކުރިޔަށްދިޔަ 3 ވަނަ ބުރުގެ މަޝްވަރާތަކަށްވެސް އެމެރިކާއިން އޮތީ ތައްޔާރުވެފައި ނޫންކަމަށް ބައެއް އެހެން މީޑިއާތަކުން ބުނެފައިވެއެވެ. އަދި އެސޯޝިއޭޓެދް ޕްރެސް އިން ބުނެފައިވަނީ މަޝްވަރާގެ ހަތަރުވަނަ ބުރަކަށް މިހާތަނަށް އެމެރިކާއިން އާނބަސް ބުނެފައިވެސް ނުވާކަން އެނގިފައިވާ ކަމަށެވެ.
މިހުސްވި އޭޕްރިލް މަހުގެ 25 ވަނަދުވަހު ޓައިމް މަޖައްލާގައި ޝާއިއު ކޮށްފައިވާ ރައީސް ޓްރަމްޕްގެ ބަސްދީގަތުމެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އީރާނަށް ހަމަލާދިނުމަށް އިސްރާއީލުން ކުރަމުންގެންދާ ފިއްތުންތަކަށް އަލިއަޅުވާލާފައެވެ. ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓުވުމަށްތަކައި އީރާނަށް ހަމަލާދޭންޖެހިދާނެކަމަށެވެ. ކުރިން އަހަރެންގެ ވިސްނުންހުރީ އިސްރާއީލުން ބޭނުންގޮތަކަށް ކަންތައްކުރަން ދޫކޮށްލުމަށެވެ. އެކަމަކު މިހާރު ކުރެވޭ މަޝްވަރާތައް ކޮޅެއްގައި ނުޖެހިއްޖެނަމަ އެ ހަމަލާތަކުގައި އިސްވެ އޮންނާނީ އެމެރިކާއެވެ