އިންޑިއާއާއި ޕާކިސްތާނުގެ ހޫނުވެފައިވާ މަސްރަހްގެ ޚަބަރުތަކަކީ މި ވަގުތު މި ސަރަހައްދުގައި ދިރިއުޅޭ އެންމެހާ ރައްޔިތުން އެންމެބޮޑަށް ކަންބޮޑުވެ އަޑުއަހަމުންގެންދާ ޚަބަރުތަކެވެ.
އިންޑިއާއާއި ޕާކިސްތާނުންވެސް ގެންދަނީ ކަޝްމީރަކީ އެ ގައުމުގެ ބައެއް ބުނަމުންނެވެ. އެކަމަކު މިހާތަނަށްވެސް ކަޝްމީރު އޮންނަނީ އެއްބައި ޕާކިސްތާނުގެ ބައެއްގެ ގޮތުގައި އަދި އަނެއްބައި އިންޑިއާގެ ބައެއްގެ ގޮތުގައެވެ. އަދި 1947 ގައި އިންޑިއާގެ ބައެއްގައި ޕާކިސްތާން އުފެދުނީއްސުރެން ކަޝްމީރު ވެފައިއޮންނަނީ ދެގައުމުގެ ދެމެދުގައި އެންމެ ހޫނުގަދަ ސުވާލާއި ޖަވާބު ކަމުގައި ބެލެވިފައެވެ.
އޭޕްރިލް 22 ވަނަދުވަހު އިންޑިއާއިން ބަލަހައްޓަމުންގެންދާ ކަޝްމީރުގެ ސަރަހައްދުގެ ޕަހަލްގަމްގައި ހިނގާދިޔަ ލޭ އޮހޮރުވުމަށްފަހު ނިއުކްލިއަރ ބާރު ލިބިފައިވާ މި 2 ގައުމުގެ ނާޒުކު ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. އެ ހާދިސާގައި 26 މީހުން މަރާލާފައިވާއިރު އޭގެތެރޭގައި ގިނައީ ޓްއަރިސްޓްކަމަށް ބުނެފައި ވެއެވެ.
ޕަހަލްގަމްގެ ލޭއޮހޮރުމުގައި ޕާކިސްތާނުގެ ބައިވެރިވުން އޮތްކަމަށް އިންޑިއާއިން ބުނަމުންގެންދާއިރު ޕާކިސްތާނުން އެކަންދޮގުކޮށް ބައިނަލް އަގްވާމީ މިނިވަން ތަހްގީގެއް ކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ގޮވާލައްވާފައެވެ. އަދި އިންޑިއާއިން ޕާކިސްތާނަށް މިލިޓްރީ ހަމަލާއެއް ދޭން އުޅޭކަމަށް ޕާކިސްތާނުގެ އިންފޯރމޭޝަން މިނިސްޓަރ އަތާ ތަރާރު ވަނީ ތުހުމަތު ކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ އިންޑިއާއިން އަމަލުކުރަނީ ޚުދު މުޚުތާރު ފަނޑިޔާރެއްގެ ގޮތުގައި ކަމަށާއި ފަނޑިޔާރަކީވެސް އަދި ތަންފީޒީ އިދާރާއަކީވެސް އެއީ ކަމަށެވެ. އަދި ޓެރަރިޒަމްގެ ވޭނާއި ރިހުން މެދުނުކެނޑި ޕާކިސްތާނުން ހިއްސާކުރަން ޖެހިފައިވާއިރު ސަރަހައްދި ސަލާމަތަށް އިސްކަން ދިނުމަށް އެ މަނިކުފާނު އެދިވަޑައިގެންފައިވެއެވެ.
މިދިޔަ ހަފުތާގައި ކަޝްމީރުގައި ހިނގާދިޔަ ލޭއޮހޮރުވުމަކީ ފާއިތުވެގެން މިދާ ވިއްސަކަށް އަހަރުގެ ތެރޭގައި ހިނގާދިޔަ މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ. އިންޑިއާއިން ތުހުމަތު ކުރާގޮތުގައި މިލޭ އޮހޮރުވުން ހިންގުމުގައި ޕާކިސްތާނުގެ ހިއްސާ ހިމެނެއެވެ. އެހެންނަމަވެސް ޕާކިސްތާނުން އެކަން ދޮގުކުރެއެވެ. މި ހާލަތުގައި އިންޑިއާއިން ޕާކިސްތާނަށް ރައްދު ދިނުމުގެ ނުރައްކާތެރިކަންވެސް ވަނީ އުފެދިފައެވެ.
މި ފާއިތުވެ ދިޔަ އޭޕްރިލްމަހުގެ 29 އަދި 30 ވަނަ ދުވަހުގެ ރޭގަނޑު އިންޑިއާގެ 4 ރަފާލް ހަނގުރާމަމަތީ މަތިންދާބޯޓު އިންޑިއާއާއި ޕާކިސްތާނުގެ ލައިން އޮފް ކޮންޓްރޯލް ސަރަހައްދުގައި އުދުހެނިކޮށް ފެނިގެން ޕާކިސްތާނުގެ އެއާރފޯސްއިން އެ އުޅަނދުތައް ވަނީ އަނބުރާ ފޮނުވާލާފައެވެ. ސަލާމަތީ މައުލޫމާތުތަކަށް ބަލާއިރު އިންޑިއާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް އުދުހިފައިވަނީ އިންޑިއާއިން ބަލަހައްޓަމުންގެންދާ ކަޝްމީރުގެ ސަރަހައްދުގައެވެ. އެކަމަކު ޕާކިސްތާނުގެ އެއާރފޯސްއަށް ފެނުމުން އެ އުޅަނދުތައް ފައްސާލީ ކަމަށް ބުނެފައިވެއެވެ.
ވޯލްޑް ބޭންކުން އިންތިޒާމްކޮށްގެން އިންޑަސް ކޯރުގެ ފެން 2 ގައުމުން ހިއްސާކުރަން ކޮށްފައިވާ އަހްދުނާމާއަށް އަމަލުކުރުން އޭޕްރިލް 23 ވަނަ ދުވަހު އިންޑިއާއިން ހުއްޓާލިއެވެ. އިންޑިއާއިން އަހްދުނާމާއަށް އަމަލުކުރުން ހުއްޓާލުމާ ގުޅިގެން ރައްދު ދިނުމުގެ ގޮތުން ޖެހިގެން އައިދުވަހު 1972 ވަނައަހަރުގެ ޝިމްލާ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލައި ޕާކިސްތާނުގެ އެއާރ ސްޕޭސް ވަނީ އިންޑިއާއަށް މަނާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އިންޑިއާގެ އެއާރޕޯރޓްތަކުން ހުޅަނގުގެ ގައުމުތަކަށް ކުރާ ދަތުރުތަކުގައި ވަރަށް ދިގު ރާސްތާއެއް އިޚްތިޔާރު ކުރަން ޖެހުމުގެ ސަބަބުން އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. ޚަބަރު ތަކުން އެނގޭ ގޮތުގައި ޕާކިސްތާނުގެ އެއާރ ސްޕޭސް މިގޮތަށް އެއް އަހަރު ދުވަހު ބަންދުކޮށްފައި ބާއްވައިފިނަމަ ހަމައެކަނި އެއާރ އިންޑިއާއަށް 600 މިލިއަން ޑޮލަރ ގެއްލުންވާނެއެވެ.
ޕާކިސްތާނުގެ ސަރުކާރު ގާއިމްކުރުމާއި ސަރުކާރު ނައްތާލުމުގައި ޕާކިސްތާނުގެ މިލިޓްރީން އިސް ދައުރެއް އަދާކުރާކަށް އަބަދުވެސް ތުހުމަތު ކުރެވެއެވެ.
ޕާކިސްތާނުގެ އެއްވެސް މިލިޓްރީ ލީޑަރަކަށް ކަޝްމީރުގެ މައްސަލަ ލުއިގޮތެއްގައި ނު ނެންގެވޭނެކަމަށާއި ކަޝްމީރު ވަނީ ޕާކިސްތާނުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިކަމަށް ޕޮލިޓިކަލް އެންޑް ޑިފެންސް އެނަލިސްޓް އާމިރް ޒިޔާ ބީ ބީ ސީ އަށް ކިޔާދީފައި ވެއެވެ. ޕާކިސްތާނުގެ ސްކޫލްތަކުގައިވެސް ކިޔަވާ ދެމުންގެންދަނީ މި މޭރުމުންނެވެ.
ޖެނެރަލް އާސިމް މުނީރުގެ ވަރަށްކުރު ޚުލާސާއެއް ސަންދާނު ކިއުންތެރިންނަށް ގެނެސްދޭން ގަސްދުކުރަމެވެ.
އުމުރުފުޅުން 56 އަހަރުގެ ދުވަސްތައް ގުނަމުންގެންދަވާ ޖެނެރަލް އާސިމް މުނީރުގެ ބައްޕާފުޅަކީ އިސްލާމް ދީނުގެ ދަންނަބޭކަލެކެވެ. އަދި ސްކޫލްގެ ނާޒިރެކެވެ. އާސިމް މުނީރު ސިފައިންގެތެރެއަށްވަނީ މަންގްލާގައި ހުންނަ އޮފިސަރުން ތަމްރީނުކުރާ ސްކޫލް ނިންމުމަށްފަހު 1986 ގައެވެ. އެ ސްކޫލްގެ އެންމެ ފާހަގަކުރެވުނު ކެޑެޓް ދަރިވަރެއްގެ ގޮތުން ޝަރަފުވެރި “ ސްވޯރޑް އޮފް އޮނަރ “ ހާސިލު ކުރެއްވިއެވެ. އެއަށްފަހު 23 ވަނަ ފްރަންޓިއަރ ފޯރސް ރެޖިމެންޓާ ގުޅިވަޑައިގަތެވެ. އެބޭފުޅާވަނީ އިސްލާމް އާބާދުގެ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީ އިން ޕަބްލިކް ޕޮލިސީއާއި ސަޓްރާޓީޖިކް ސެކިއުރިޓީއިން މާސްޓަރ ޑިގްރީ ހާސިލް ކުރައްވާފައެވެ. އަދި މެލޭޝިޔާއާއި ޖަޕާނުގެ މިލިޓްރީ އިންސްޓިޓީއުޓްތަކުން ގްރޭޑުއޭޓް ވެފައެވެ. ޖެނެރަލް އާސިމް މުނީރަކީ ކީރިތި ގުރުއާން ހިތުދަސް ބޭފުޅެކެވެ. ޖެނެރަލް އާސިމް މުނީރަކީ ބަލާބެލުމަށް މަޑުމައިތިރި މިޒާޖެއްގެ ބޭފުޅެކެވެ. ހަމައެއާއެކު ކަނުލައި އަޑުއެހުމާއި ފާރަލުމާއި އިންތިޒާރުކުރުމުގެ ހުނަރުތައް ރަނގަޅަށް ދެނެވަޑައިގަންނަވާ ދެލޯފުޅު ވަރަށް ތޫނު ޖާސޫސީ މާހިރެކެވެ.
ޕާކިސްތާނުގެ އާރމީ ޗީފް ޖެނެރަލް އާސިމް މުނީރަކީ ޢާންމުގޮތެއްގައި ޚަބަރުތަކުގެ ސުރުޚީތަކުން ޖާގަހޯއްދަވަން އުޅުއްވާ ބޭފުޅެއް ނޫނެވެ. އެހެންނަމަވެސް ފާއިތުވެގެން މިދާ ދުވަސްތަކުގައި ޕާކިސްތާނުގެ އިތުރުން އަވަށްޓެރި އިންޑިއާއާއި ބައެއް އެހެން ސިޔާސީ ކެޕިޓަލްތަކުގައިވެސް އެ ބޭފުޅާގެ ނަން ޖާގަހޯއްދަވައިފިއެވެ. އިންޑިއާ ސަރުކާރުގެ ދަށުގައި އޮންނަ ކަޝްމީރުގައި އިންޑިއާއިން ވަކިވެގަތުމަށް ހަނގުރާމަކުރަމުންގެންދާ މިލިޓެންޓުން ދިން ހަމަލާއެއްގައި 26 މީހުން މަރާލުމުގެ މަދުދުވަސްކޮޅެއް ކުރިން ކަޝްމީރާ ބެހޭގޮތުން ޖެނެރަލް އާސިމް މުނީރު ދެއްކެވި ވާހަކަފުޅު އޭގެފަހުން ކަޝްމީރުގައި ހިނގާދިޔަ ލޭ އޮހޮރުވުމާ ސިދާ ގުޅުމެއް ނެތް ކަމުގައި ބެލެވުނަސް އެބޭފުޅާއާއި ޕާކިސްތާނުގެ މިލިޓްރީން ދެއްކި ވާހަކަތައް ވެގެން ގޮސްފައިވަނީ އިންޑިއާއާއި ޕާކިސްތާނުގެ ހަމަހިމޭންކަން ނެތިފައިއޮންނަ ހާލަތު އިތުރަށް ގޯސްވެގެން ދިޔަ ސަބަބު ކަމުގައެވެ. ޖެނެރަލް އާސިމް މުނީރު ބެލެވެނީ ޕާކިސްތާނުގެ އެންމެ ބާރުގަދަ ބޭފުޅާގެ ގޮތުގައެވެ.
ޖެނެރަލް އާސިމް މުނީރަށް ޕާކިސްތާނުގެ ބާރުގަދަ އާރމީ ޗީފްގެ މަގާމު ލިބިވަޑައިގަތީ 2022 ގައި އެ ގައުމުގެ އިގްތިސާދީ އަދި ސިޔާސީ މަސްރަހަށް މެދުވެރި ހަލަބޮލިކަމުގެ ތެރޭގައެވެ. އޭގެ ކުރިން ޕާކިސްތާނުގެ އިންޓަރ ސާރވިސް އިންޓެލިޖެންސްގެ ވެރިއެއްގެ ގޮތުގައި އަށެއްކަ މަސްދުވަހު ހުންނެވިއެވެ. އެ މަގާމުން ދުރުކުރެވުނީ އޭރުގެ ބޮޑުވަޒީރު އިމްރާން ޚާނާއި ދެބޭފުޅުންގެ ދެމެދުގައި އުފެދުނު ޚިޔާލު ތަފާތުވުމެއްގެ ތެރޭގައެވެ. ކުރީގެ ބޮޑުވަޒީރު މިއަދު ޖަލުގައި ހުންނެވިއިރު ޕާކިސްތާނުގެ އެންމެ ބާރުގަދަ މަގާމުގައި ހުންނެވީ ޖެނެރަލް އާސިމް މުނީރެވެ.
ކަޝްމީރު ސަރަހައްދުގައި ތިބޭ ޕާކިސްތާނު ސިފައިންގެ ކޮމާންޑަރެއްގެ ގޮތުގައިވެސް ސާޅީހަކަށް އަހަރު ހޭދަކުރެއްވިއެވެ.
ޖެނެރަލް އާސިމް މުނީރަކީ އާންމުގޮތެއްގައި އާންމު ތަންތަނުގައި ވާހަކަ ދައްކަވާ ބޭފުޅެއްނޫނެވެ. އެހެންނަމަވެސް މިދިޔަ އޭޕްރިލް 17 ވަނަދުވަހު ބޭރުގައުމުތަކުގެ ބޭފުޅުންނާއެކު ދެއްކެވި ވާހަކަފުޅެއްގައި އަހަރެމެންނަކީ ހުރިހާ ގޮތަކުންވެސް ހިންދޫންނާ ތަފާތު ބައެކޭ އަދި ކަޝްމީރަކީ އަހަރެމެންގެ މައި ލޭނާރު ކަމަށާއި އިންޑިއާއިން މިނިވަންވުމަށް ކަޝްމީރުގެ ރައްޔިތުން ކުރާ ޖިހާދުން އަހަރެމެން އެއްފަރާތް ނުވާނެ ކަމަށް ވައުދު ކުރައްވައި ދެއްކެވި ވާހަކަފުޅަކީ ޕާކިސްތާނުގެ މިލިޓްރީ ލީޑަރަކު މިހާތަނަށް ދެއްކެވި އެންމެ ފާހަގަކުރެވޭ ވަތަނީ ބަޔާން ކަމުގައި ބެލެވެއެވެ. އޭގެ 5 ދުވަސް ފަހުން އޭޕްރިލް 22 ވަނަ ދުވަހު، އިންޑިއާއިން ކޮންޓްރޯލްކުރާ ކަޝްމީރުގެ ޕަހަލްގަމްގައި ހިނގާދިޔަ ލޭ އޮހޮރުވުން މެދުވެރިވީ އޭގެ ފަހުންނެވެ.
ސައުތު އޭޝިއާގެ ޖޯން ހޮޕްކިންސް ޔުނިވަރސިޓީގެ ޖޯޝުއާ ޓީ ވައިޓްގެ ނަޒަރުގައި އެއީ އާދައިގެ ބަސްމަގު ބޭނުންކުރައްވައިގެން ދައްކަވާފައިވާ ވާހަކަފުޅެއް ނޫނެވެ. ލަފުޒީ މާނައިގާ ވަތަނީ ވިސްނުން ފުޅެއްގައި ދެއްކެވި ވާހަކަފުޅެއް ނަމަވެސް އަމާޒަކީ ހިންދޫ-މުސްލިމުންގެ މަޒްހަބީ ތަފާތު އިތުރަށް ހޫނު ކުރެއްވުންކަމަށް ބެލެވެއެވެ. މިއަހަރު ކުރީކޮޅު ކަޝްމީރާއި އެއްބައިވަންތަކަމުގެ ދުވަހު ( 5 ފެބްރުއަރީ ) މުޒައްފަރު އާބާދުގައި ވާހަކަފުޅު ދައްކަވަމުން ޖެނެރަލް އާސިމް މުނީރު ހަނދާންކޮށްދެއްވާފައިވަނީ ކަޝްމީރު މިނިވަންކުރުމަށްޓަކައި ޕާކިސްތާނުން މިހާތަނަށް އިންޑިއާއި ދެކޮޅަށް ތިން ފަހަރު ހަނގުރާމަ ކޮށްފައިވާނެ ކަމަށާއި ދިހަ ފަހަރުވެސް ހަނގުރާމަ ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ. ވާހަކަފުޅު ދެއްކެވުމުގައި މި ގޮތަށް މަސްމަގު ބޭނުން ކުރެއްވުމުގެ ސަބަބުން އިތުބާރު ގެއްލުމަށް މަގުފަހިވުން ނޫން އެހެން ނަތީޖާއެއް ނުފެނެއެވެ.
ޕާކިސްތާނުގެ ރައްޔިތުންގެ ދެކޭގޮތުގައި ޖެނެރަލް އާސިމް މުނީރަކީ މިލިޓްރީ ބާރު ތަމްސީލު ކުރެއްވުމުގައި ގޮތް ދޫކުރައްވާނެ ބޭފުޅެއް ނޫނެވެ.