ހޫތީ މުޖާހިދުން އޭޕްރިލް މަހު ވައްޓާލި އެމެރިކާ ނޭވީންގެ ޑްރޯންގެ އަގު 200 މިލިއަނަށް

Loading

May 1, 2025
profile
Facebook
Twitter
WhatsApp

ހޫތީ މުޖާހިދުންގެ އަމާޒުތަކަށް ހަމަލާދިނުމަށްޓަކައި ޕެންޓަގަނުން ބޭނުންކުރާ ޑްރޯންތަކުގެ ތެރެއިން 200 މިލިއަން ޑޮލަރުގެ ރީޕަރ ޑްރޯން މުޖާހިދުން ވައްޓާލައިފިއެވެ. އެމެރިކާގެ ދިފާއީ އޮފިޝަލުން ހާމަކޮށްފައިވާގޮތުގައި މިއީ ފާއިތުވެގެން މިދާ ހަފުތާގައި ހޫތީ މުޖާހިދުން ވައްޓާލި އެމެރިކާގެ ތިންވަނަ ޑްރޯނެވެ.

އެހެންނަމަވެސް އެހެން އޮފިސަރަކު މައުލޫމާތު ދީފައިވާގޮތުގައި މާރޗް މަހުގެ 30 ވަނަދުވަހުން ފެށިގެން އޭޕްރިލް މަހުގެ 23 ވަނަ ދުވަހާ ހަމަޔަށް 6 ޑްރޯން ވައްޓާ ވަނީ ވައްޓާލާފައެވެ. މިއިން ކޮންމެ ޑްރޯންއެއްގެ އަގު އުޅޭނީ 30 މިލިއަން އެމެރިކާ ޑޮލަރަށްވުރެން މަތީގައެވެ.                                                

ހޫތީ މުޖާހިދުންގެ ހަމަލާތަކުން އެނގި ހާމަވެގެންދަނީ ހޫތީ މުޖާހިދުންގެ ހަމަލާތައް އިތުރަށް ވަރުގަދަ ވެފައިވާ ކަމެވެ. އެ ޑްރޯންތައް ވައްޓާލާފައިވަނީ ހަމަލާދޭން ބޭނުންވާ އަމާޒުތައް ދެނެގަތުމަށްޓަކައި ފާރަލުމުގެ އުދުހުމެއްގައި އުޅެނިކޮށް ކަމަށް އެމެރިކާ ނޭވީންގެ ބަޔާނުގައި ބުނެފައިވެއެވެ.                              

ރައީސް ޓްރަމްޕްގެ އަމުރާ އެއްގޮތަށް މި ހުސްވި މާރޗް މަހުގެ 15 ގެ ފަހުން ހޫތީ މުޖާހިދުންގެ އަމާޒުތަކަށް އެމެރިކާ ނޭވީން ކޮންމެ ދުވަހަކު ހަމަލާދިނުން އިތުރު ކޮށްފައިވާކަމަށް ވަނަވަރު ހާމަނުކުރުން ޝަރުތުކޮށް އެސޯޝިއޭޓެޑް ޕްރެސް އަށް ވާހަކަ ދެއްވި އެމެރިކާ ނޭވީންގެ އޮފިޝަލަކު ބުނެފައި ވެއެވެ.             

އެމެރިކާގެ ސެންޓްރަލް ކޮމާންޑް ގެ ތަރުޖަމާނު ޑޭވް އީސްޓްބާރން މިދިޔަ ބުރާސްފަތިދުވަހު ބުނެފައިވަނީ މިހާތަނަށް ހޫތީ މުޖާހިދުންގެ 800 އަށްވުރެން ގިނަ އަމާޒަށް ހަމަލާދީ ގިނަ އަދަދެއްގެ ކޮމާންޑް ޕޯސްޓްތަކާއި ހަތިޔާރު އުފައްދާ ތަންތަނާއި ހަތިޔާރު ރައްކާކޮށްފައިހުރި ތަންތަން  ހަލާކު ކޮށްލައި އެތައް މުޖާހިދުންނެއް މަރާލާފައި ވާނެ ކަމަށެވެ. އެމެރިކާއިން ދެމުން ގެންދާ ހަމަލާތައް އިތުރު ކޮށްފައިވުމާއެކު އެމެރިކާގެ ނޭވީންނަށްވެސް ކޮންމެވެސް ވަރަކަށް ގެއްލުން ލިބޭނެކަމަށް ބަލަން ޖެހޭނެކަމަށް އެހެން އޮފިޝަލަކު މައުލޫމާތު ދީފައި ވެއެވެ.                                                             

ހޫތީ މުޖާހިދުންނާ ދެކޮޅަށް ހަނގުރާމަކުރުމުގެ އެންމެ އިސް ސަފުގައި ހަރާކާތްތެރިވަމުންގެންދާ އެމެރިކާގެ އެއާރކްރާފްޓް ކެރިއަރ ހެރީ އެސް ޓްރޫމަން އިން 67 މިލިއަން ޑޮލަރުގެ އަގުބޮޑު އެފް/އޭ- 18 އީ މަރުކާގެ ހަނގުރާމަތީ މަތިންދާބޯޓެއް ޓްރެކްޓަރެއްގެ ކަފުގައި ހޭންގަރަށް ގެންދަނިކޮށް ކައްސާލައިގެން ރެޑްސީގެ ތެރެއަށް ވެއްޓިއްޖެއެވެ. މި އެއާރކްރާފްޓަކީ 2021 ވަނަ އަހަރުގެ އުފެއްދުމެކެވެ. މި ހާދިސާގައި ނޭވީންގެ މީހަކު ޒަޚަމްވެފައިވާކަމަށް އެމެރިކާގެ ނޭވީން ބުނެފައި ވެއެވެ. މީގެ ހަ މަސްދުވަސްކުރިންވެސް ހަމަ މި އެއާރކްރާފްޓް ކެރިއަރުން އެ މަރުކާގެ އެހެން އެއާރކްރާފްޓެއް ވަނީ އެމެރިކާގެ އެހެން މަނަވަރަކުން އޮޅިގެން ބަޑިޖަހާ ރެޑްސީގެ ތެރެއަށް ވައްޓާލާފައެވެ.                                                       

ހޫތީ މުޖާހިދުންނާ ދެކޮޅަށް އެމެރިކާއާއި އިނގިރޭސިވިލާތުގެ ކަނޑު ސިފައިން ރެޑްސީތްރޭގައި ހަނގުރާމަ ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު މިހާތަނަށް އެތައްފަހަރަކު ހޫތީ މުޖާހިދުން ބަލިކުރެވި ވާގި ނައްތާލެވިއްޖެކމަށް އެމެރިކާއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް ހޫތީ މުޖާހިދުންގެ ހަމަލާތަކަށް ހުއްޓުމެއް އައިތަނެއް ނުފެނެއެވެ. 

200 މިލިއަން ޑޮލަރުގެ ޑްރޯން ވައްޓާލުމާ ގުޅިގެން ރައީސް ޓްރަމްޕް މިހާރު އަމުރު ކުރައްވާފައިވަނީ ހޫތީ މުޖާހިދުން ބަލިކުރުމަށްޓަކައި އެމެރިކާ ނޭވީންނަށް ލިބިފައިހުރި އެންމެ ފަނާކުރަނިވި ވަސީލަތްތައްބޭނުންކުރުމަށެވެ.                                                           

އެމެރިކާގެ ހަމަލާތަކުގައި ޔަމަނުގެ އާންމުންނަށް ލިބެމުންދާ ގެއްލުންތަކާއި އަދި މަރުވަމުންދާ އާންމުންގެ އަދަދު އިތުރުވަމުންދިއުމުގެ ސަބަބުން ބައެއް ޑިމޮކްރެޓް ސެނޭޓަރުން ހިތްހަމަނުޖެހުން ފާޅުކޮށް ދިފާއީ ވަޒީރަށް ސިޓީއަކުން ދަންނަވައިފިއެވެ. ރައީސް ޓްރަމްޕްގެ ވެރިކަމުގައި އިންސާނީ ކަރާމަތަށް އެއްވެސް ބެލުމެއް ނެތްކަމަށް އެ ސިޓީގައި ލިޔެފައިވެއެވެ. ރަސް އަލް އީސާއަށް މިދިޔަ ހަފުތާގައި އެމެރިކާއިން ދިން ހަމަލާގައި އާންމުންގެ 70 މީހުން މަރާލާފައިވާކަން ވަރަށް ޚާއްސަގޮތެއްގައި އެ ސިޓީ ތަކުގައި ފާހަގަ ކޮށްފައި ވެއެވެ.          

ހޫތީ މުޖާހިދުންގެ ހަމަލާތަކާ ގުޅިގެން ޔޫ އެސް އެސް ހެރީ ޓްރޫމަން އަށް އިތުރު 2 މަނަވަރު ދިނުމާއެކު ރެޑްސީ ގައި އެ އުޅަނދު އޮތުމުގެ މުއްދަތު ވަނީ އިތުރު ކޮށް އަދި ޔޫ އެސް އެސް ކާރލް ވިންސަން ވެސް އިތުރު 2 ޑެސްޓްރޯޔަރއާއި ކްރޫޒަރަކާއެކު އެ ސަރަހައްދަށް ދިއުމަށް ދިފާއީ ވަޒީރު ހެގްސެތު ވަނީ އަމުރު ކުރައްވާފައެވެ. ޔޫ އެސް އެސް ހެރީ ޓްރޫމަން އާއި ގުޅުމަށްޓަކައި އެހެން ޑެސްޓްރޯޔަރެއް މިހާރު ރެޑްސީ އަށް ދަތުރުކުރަމުން އެބަގެންދެއެވެ.                                                  

ދިފާއީ ވަޒީރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޕެންޓަގަންއަށް އޭނާ އަންގަމުން ގެންދާ އޯޑަރުތައް ފަހަކަށް އައިސް މީޑިއާތަކަށް ލީކު ވަމުންދިއުމެވެ. ޕެންޓަގަން ތެރެއިން އެ އަމުރުތައް ލީކުވެގެން ދިއުން ދޭހަކޮށްދެނީ އެ މުއައްސަސާގެ ތެރޭގައި ފަނިއަޅާފައިވާ މިންވަރުކަމަށް ހެގްސެތު ބުނެފައިވެއެވެ. އެ މައްސަލަ ތަހްގީގު ކުރަން މިހާރުވަނީ އަންގަވާފައެވެ.                                                     

އީރާނާއެކު އެމެރިކާއިން މަޝްވަރާތަކެއް ކުރަމުން ގެންދިޔަ ނަމަވެސް ހޫތީ މުޖާހިދުންނަށް އެހީތެރިކަން ފޯރުކޮށްދޭތީވެ އީރާނަށް އެކަމުގެ ހިތިރަހަ ދައްކާލާނެ ކަމަށް ދިފާއީ ވަޒީރު ހެގްސެތު ވަނީ މިދިޔަ ބުދަ ދުވަހު އީރާނަށް އިންޒާރު ދީފައެވެ. “  ހޫތީ މުޖާހިދުންނަށް ކަލޭމެން ތިޔަ ފޯރުކޮށްދެނީ ވަރަށް ނުރައްކާތެރި އެހީތަކެކެވެ. އެމެރިކާގެ މިލިޓްރީގެ ބާރު ކަލޭމެންނަށް ރަނގަޅަށް އެނގޭނެއެވެ. “ އެކްސް ގައި ދިފާއީ ވަޒީރު ޕޯސްޓް ކޮށްފައި ވެއެވެ.                                                                 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް