ނިއުކްލިއަރއިން ވިރިގެން ހިނގައިދާނެކަމުގެ ބިރުވެރިކަން ޔޫކްރެއިނަށް

Loading

April 29, 2025
profile
Facebook
Twitter
WhatsApp

ޔޫކްރެއިންގެ އެޓޮމިކް ޕަވަރ ސްޓޭޝަނަށް ރަޝިޔާއިން ބޮން އެޅުމުގެ ސަބަބުން އެގައުމު މިހާރު ވަނީ ނިއުކްލިއަރ ވިރިގެން ދިއުމަކަށް ހުށަހެޅިފައި ކަމަށް ހަކަތައާބެހޭ ވަޒީރު އިންޒާރު ދެއްވައިފިއެވެ.

ޔޫކްރެއިންގެ ކޮންޓްރޯލް ދަށުގައި ހުރި 3 ނިއުކްލިއަރ ޕަވަރ ސްޓޭޝަނަކާއި އޭގެ ސަބްސްޓޭޝަން ތަކަކާއި ކޭބަލްތަކާއި އަދި ފިނިކުރާ ނިޒާމްތަކަށް ހަމަލާދިނުމުގެ ސަބަބުން އުފެދުނު ނިއުކްލިއަރ ރޭޑިއޭޝަން ވިލާތައް ޖައްވުތެރެއަށް ފެތުރިގަތުމުން ޔޫރަޕްގެ ގައުމުތަކަށްވެސް ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާކަމަށް ޔޫކްރެއިންގެ ހަކަތައާއިބެހޭ ވަޒީރު ޖަރމަން ގުލުޝްޗެންކޯ އިންޒާރު ދެއްވައިފިއެވެ. ޔޫކްރެއިންގެ ހަކަތައިގެ ނިޒާމުތައް ބެލެހެއްޓުމަކީ ޔޫކްރެއިންގެ ހަކަތައާ ބެހޭ ވަޒީރު ޖަރމަން ގުލުޝްޗެންކޯ ގެ މަސްއޫލިއްޔަތެކެވެ. އެމަނިކުފާނުގެ އިންޒާރު ފާޅުކޮށްފައިވަނީ މިދިޔަ ހަފުތާގައި ލަންޑަނުގައިއޮތް ދުނިޔޭގެ ހަކަތައާ ބެހޭ ސަމިޓްގައެވެ. އަދި އެއީ 2011 ވަނަ އަހަރު އައި ބިންހެލުމުގައި ޖަޕާނުގެ ފުކުޝިމާ ނިއުކްލިއަރ ޕަވަރ ސްޓޭޝަނަށް ގެއްލުން ލިބުމުން މެދުވެރިފަދަ ކާރިސާއަކަށް ވެދާނެއެވެ. ބިންހެލުމާ ގުޅިގެން މެދުވެރިވި ސުނާމީގައި އިމަރޖެންސީ ޑީސަލް ޖެނެރޭޓަރތައްވެސް ހަލާކުވެގެން ދިޔައީއެވެ. އޭގެ ސަބަބުން ޖަޕާނަށް ކުރިމަތިވި ނުރައްކާ އެއީ އިއްޔެގެ ހަގީގަތެވެ. އެމަނިކުފާނު ވިދާޅުވިއެވެ.                                              

ރަޝިޔާއިން ބޮން އަޅަމުން ގެންދިއުމުގެ ސަބަބުން ޔޫކްރެއިނަށް އެފަދަ ނުރައްކާތެރި ހާލަތެއް މެދުވެރި ވުމަކީ އެންމެ ކައިރިން ފެންނައޮތް ބިރުވެރިކަމެވެ. ޔޫކްރެއިންގެ މިހާލަތު މިހާރުވަނީ އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީއަށްވެސް ހިއްސާ ކޮށްފައެވެ. އަދި ރަޝިޔާގެ ހަމަލާތަކުން ޔޫކްރެއިނަށާއި ޔޫރަޕަށް މެދުވެރިވެދާނެ ނުރައްކަލުގެ އިންޒާރު މިހާތަނަށް އައި އޭ އީ އޭ އިންވެސް އެތައް ފަހަރަކު ވަނީ ދީފައެވެ.  ޔޫކްރެއިންގެ ހަކަތައާ ބެހޭ ވަޒީރު ޖަރމަން ގުލުޝްޗެންކޯ ވިދާޅުވީ އެ ހަމަލާތަކުން  މެދުވެރިވެދާނެ ނުރައްކާތެރިކަމުގެ ވާހަކަ އައި އީ އޭ އީގެ ގަވަރނަރުންގެ ބޯޑުގައިވެސް މަޝްވަރާކޮށްފައި ވާނެ ކަމަށެވެ. އެ ބޯރޑުގައ ރަޝިޔާގެ މަންދޫބަކުވެސް އިންނަވައެވެ. އެކަމަކު މިހާތަނަށް ރޝިޔާގެ މަންދޫބު ވިދާޅުވަމުންގެންދަވަނީ ނިއުކްލިއަރ ސައިޓްތަކަކީ ރަޝިޔާގެ ހަމަލާތަކުގެ އަމާޒެއް ކަމަށެވެ.              

މިހާތަނަށް ބޮޑު ނުރައްކަލެއް މެދުވެރި ނުވެ އޮތީ ރަޝިޔާއިން ބޮންއަޅާ ދުވަހު ވައިޖެހޭލެއް މަޑު ކަމާއި އަދި ވައިޖެހޭ މިސްރާބުގެ ސަބަބުންނެވެ. އެހެންނޫންނަމަ ކޮންމެ ފަހަރަކުވެސް ޔޫކްރެއިންގެ އިތުރުން ބަލްގޭރިއާއި ތުރުކީއާއި ރޮމޭނިޔާއާއި އަދި ރަޝިޔާގެ ބައެއް ސަރަހައްދުތަކުންވެސް ހިއްސާ ކުރަން ޖެހުނީހެވެ.         

ހަކަތައާ ބެހޭ ވަޒީރު ޖަރމަން ގުލުޝްޗެންކޯ ވިދާޅުވެފައިވަނީ ނިއުކްލިއަރ ޕަވަރ ސްޓޭޝަންތަކުގެ މިނިވަން ފިނިކުރާ ނިޒާމަށް ރަޝިޔާއިން އެތައްފަހަރަކު ހަމަލާދިނުމުގެ ސަބަބުން ނިއުކްލިއަރ ޔުނިޓްތައް އިމަރޖެންސީ ޝަޓްޑައުންއަށް ދާނެއެވެ. އެއަށްފަހު އިލެކްޓްރިސިޓީ ފޯރުކޮށްދޭން ޖެހޭނީ ޑީސަލް ޖެނެރޭޓަރ ބޭނުންކޮށްގެންނެވެ. 2022 އިން 2023 ގެ ކުރީކޮޅާ ހަމަޔަށް އެވްރެޖް ގޮތެއްގައި ޔޫކްރެއިންގެ 3.3 މިލިއަން ގެދޮރު ވަނީ ރަޝިޔާގެ ހަމަލާތަކުގެ ސަބަބުން އިލެކްޓްރިސިޓީގެ ވަސީލަތްތައް ލިބުމުން މަހްރޫމް ކޮށްލާފައެވެ. ނޭޓޯގެ އެކުވެރިން އެހީތެރިކަމުން ލިބުނު ޑީސަލް ޖެނޭޓަރތައް ބޭނުންކޮށްގެން މައްސަލަ މިހާރު ވަނީ ހައްލަކަށް ގެނެވިފައެވެ. އިނގިރޭސި ވިލާތުން ހަދިޔާކުރި 1000 ޖެނެރޭޓަރ ވަރަށް ޚާއްސަގޮތެއްގައި އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.                                                              

މި ސަބަބުތަކާހުރެ މިހާތަނަށް އެތައްފަހަރަކު ނިއުކްލިއަރ ވިރުމެއްގެ ތެރެއަށް ގައުމު ހިނގައިދާނެ ކަމުގެ ބިރުވެރިކަން ވަނީ އުފެދިފައެވެ. ނިއުކްލިއަރ ސައިޓްތަކަށް ރަޝިޔާއިން ދިން ހަމަލާތަކުގައި އެވަގުތު ވަޒީފާ އަދާކުރަމުން ގެންދިޔަ 160 މީހަކު މަރުވެ 300 މީހުން ވަނީ ޒަޚަމް ވެފައެވެ. އަދި ރަޝިޔާގެ ހަމަލާތަކުގައި މިހާތަނަށް ނިއުކްލިއަރ ހަކަތައާއި ގުޅުންހުރި 63000 ބައިތައް ވަނީ ހަލާކު ކޮށްލާފައެވެ.             

ސަންދާނު ކިއުންތެރިންގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުންނަކީ ޔޫރަޕްގެ ބައެއް ގައުމުތަކަށް މެދުވެރިވި ނިއުކްލިއަރ ކާރިސާތަކުގެ ދުވަސްވަރު ދުނިޔޭގަ އަލިކަން އަދި ދެކިފައި ނުވާ އަދި ފަހަރެއްގައި އެއިން ކާރިސާއެއްގެ މައުލޫމާތުވެސް އެނގިވަޑައި ނުގެން ތިއްބެވި ބޭފުޅުން ކަމުގައި ވެދާނެތީވެ ފާހަގަކުރެވޭ ދެ ނިއުކްލިއަރ ކާރިސާއެއް މިފުރުސަތުގައި ލިއެލަން ގަސްދުކުރަމެވެ.                             

1957 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ވިންޑްސްކޭލް ނިއުކްލިއަރ ޕްލާންޓަށް މެދުވެރިވި ކާރިސާއާއި ގުޅިގެން އިނގިރޭސި ވިލާތުގެ އުތުރު ސަރަހައްދުތައް ރޭޑިއޯ އެކްޓިވިޓީގެ ޝިކާރައަކަށްވުމުގެ ސަބަބުން އެ ސަރަހައްދުގައި އުފައްދަމުން ގެންދިޔަ ކިރުގެ ބާވަތްތައް ގިނަ ދުވަސްތަކަކަށް މަނާކުރަން ޖެހުނެވެ.                   

 ރަޝިޔާއިން ޔޫކްރެއިންގައި ހިންގަމުންގެންދިޔަ ޗެރްމޯބިލް ނިއުކްލިއަރ ޕަވަރ ސްޓޭޝަން 1986 ވަނަ އަހަރު ގޮވުމުގެ ސަބަބުން ރޭޑިއޯ އެކްޓިވް ހިރަފުސް އިނގިރޭސި ވިލާތްވެސް ހިމެނޭގޮތުގައި ޔޫރަޕަށްފެތުރިގެން ދިޔައެވެ. މި ރޭޑިއޯ އެކްޓިވް ހިރަފުސްތައް ވޭލްސް އާއި ކެމްބްރިޔާއާއި ސްކޮޓްލޭންޑާއި އުތުރު އަޔަރލޭންޑްގެ އުސް ހިސާބުތަކުގައި ފުނިޖެހިފައި ހުރުމުގެ ސަބަބުން އެ ސަރަހައްދުގެ އެއްގަމުމަސް ކެއުން އެތައް އަހަރަކަށް މަނާކުރަން ޖެހުނެވެ.    

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް