އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި ބެހޭގޮތުން ވޯޝިންގްޓަނާއި ތެހެރާނުގެ މަޝްވަރާތަކުގެ 3 ވަނަ ބުރު ފެށެން ވަގުތު ކުޑަތަން ވެފައިވަނިކޮށް ޓައިމް މެގަޒިން އަށް ދެއްވި ބަސްދީ ގަތުމެއްގައި ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަކަށް އެމެރިކާ ލައްވާ އީރާނާ ދެކޮޅަށް ހަނގުރާމައެއް ކުރުވަން ފުރުސަތެއް ނުދެއްވާނެކަމަށާއި އަދި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ތެރެއަށް އެމެރިކާ ވައްދާކަށްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.
ތިމަން މަނިކުފާނު ކުރިން ހީފުޅު ކުރެއްވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އީރާނާ ދެކޮޅަށް ހަނގުރާމަކުރަން ބޭނުންވެފާ ހުރި ކަމަށެވެ.
އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައެއް އެމެރިކާއިން ބަލަން އޮންނާނީތޯ ސުވާލު ދެންނެވުމުން ޖަވާބުގައި ވިދާޅުވެފައިވަނީ ނޫނެކޭ އެވެ. އަދި މިހާރު ކުރަމުންގެންދާ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުލިބިއްޖެނަމަ އެ ހަނގުރާމައެއްގެ އެންމެ ކުރީސަފުގައި އޮންނާނީ އެމެރިކާއެވެ.
ރައީސް ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރެކޭ އެއްފަދައިން މިދައުރުގައިވެސް ގެންދަވަނީ އީރާނަށް ދަތިކުރުމުގައި ހުރިހާ އިންތަކެއް ފަހަނަޅަމުންކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި އީރާނުގެ ނިއުކްލިއަރ މަޝްރޫއުގައި އެމެރިކާއިން ބޭނުންވާ ނަތީޖާއާ ހަމަޔަށް ނުދެވިއްޖެނަމަ އީރާނަށް ބޮންއަޅައި އެގައުމު ސުންނާފަތި ކޮށްލާނެ ކަމުގެ އިންޒާރުވެސް ގެންދަނީ ތަކުރާރު ކުރަމުންނެވެ. އަދިއެއީ މީގެކުރިން އީރާނުން ދުވަހަކުވެސް ނުދެކޭފަދަ ވީރާނާކޮށްލުމަކަށް ވާނެއެވެ.
ރައީސް ޓްރަމްޕްގެ މި ހަރުކަށި ބަސްމަގު ބޮޑުވަޒީރު ނަތަންޔާހޫގެ އިންޒާރުތަކާ އަޅާކިޔާއިރު ވަރަށްބޮޑަށް މައިތިރި ކަމުގައި ފެނެއެވެ. މިއަންނަ މޭ މަހުގެ ތެރޭގައި އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް އިސްރާއީލުން ހަމަލާދޭން ރާވާފައި ވަނިކޮށް ރައީސް ޓްރަމްޕް ވަނީ އެކަން ހުއްޓުވާފައިކަމަށް ނިއުޔޯރކް ޓައިމްސް އިން މިމަހު ކުރީކޮޅު ޚަބަރު ދީފައި ވެއެވެ. ރައީސް ޓްރަމްޕް ބޭނުންފުޅުވަނީ ސިޔާސީގޮތުން މައްސަލައަށް ހައްލެއް ހޯދަން މަސައްކަތްކުރުމެވެ. ރައީސް ޓްރަމްޕް އޭރުވެސް އަދި މިހާރުވެސް ވިދާޅުވަމުންގެންދަވަނީ އީރާނަށް ހަމަލާ ދިނުމަކީ ބޭނުންވާގޮތް ނޫންކަމަށާއި ސިޔާސީ ގޮތުން ހައްލެއް ހޯދުމަށްޓަކައި އަލީ ޚާމަނާއި އާއިވެސް ބައްދަލު ކުރައްވަން ތައްޔާރު ކަމަށެވެ. އެހެންނަމަވެސް އެމެރިކާއާއެކު މަޝްވަރާ ކުރުމަކީ ސުޕްރީމް ލީޑަރ އަލީ ޚާމަނާއި އާއި ބައެއް ވަތަނީ ބޭފުޅުން ބޭނުންވާ ގޮތެއް ނޫނެވެ.