ހުޅުމާލެ ފޭސް 2 ގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ހދ. ނޭކުރެންދޫ / ސާޒް، އިބްރާހީމް ރިސްފާން (25އ) އާއި މ. ވިލާތުކުންނާރުގެއާގެ، މުޙައްމަދު ޒަޢީން (36އ) އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގާފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. މި އޮޕަރޭޝަނުގައި، ހުޅުމާލެ ފޭސް 2 ގެ ތިން ޓަވަރެއްގެ ތިން އެޕާޓްމަންޓަކާއި، ދެ ކާރު އަދި ދެ ސައިކަލު ބަަލައި ފާސްކޮށްފައިވެއެވެ. އެ ބަަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ހާމަކުރެެއެވެ.
ފުލުހުން ބުނީ އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 968.6 ގުރާމު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ވަނީ ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.