2018 ވަނަ އަހަރުގެ ފަހުން އީރާނުގެ ނިއުކްލިއަރ މަޝްރޫއުގައި މިހާތަނަށް އެމެރިކާއާއި އީރާނުން ވާހަކަ ދެއްކެވި އެންމެ އިސް އޮފިޝަލުންގެ ވާހަކަތަކުގެ ފުރަތަމަބުރުގެ 2 ގަޑި ބައި އޮމާނުގެ ވެރިރަށް މަސްކަތުގައި ނިމިގެންދިޔައީ އަމާންވެއްޓެއްގައި އިޙްތިރާމްކުރުމާއެކުގައެވެ. މެދުވެރިއަކު ބޭނުންކޮށްގެން މެނުވީ މަޝްވަރާ ނުކުރެވޭނެ ކަމަށް ބުނަމުންދިޔައިރު މިއީ 2 ގައުމުގެ އެންމެ އިސް ދެ ޑިޕްލޯމެޓުން ދެއްކެވި ރީތި ނަމޫނާއެއްކަމަށް ބަލާގަންނަން ޖެހެއެވެ. ވާހަކަ ތަކުގެ 2 ވަނަ ބުރު މިއަންނަ ހޮރިހިރު ދުވަހު ބޭއްވުމަށް އެއްބަސްވެފައެވެ. ރައީސް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނު 2018 ގެ އެއްބަސްވުމުން އެކަހެރިވީ އެއަށްވުރެން ފުރިހަމަ އެއްބަސްވުމެއް އެކުލަވާލަން ޖެހޭތީ ކަމަށެވެ. އީރާނާ ދޭތެރޭ އެމަނިކުފާނުގެ ސިޔާސަތަކީ ކެރޮޓް އެންޑް ސްޓިކް ގެ ސިޔާސަތުކަމަށް ގެންދަވަނީ ތަކުރާރު ކުރައްވަމުންނެވެ. ދިވެހިން ބުނެއުޅޭ ބޮޑުބޭބެ ކީމާ މެޓާ ދޭނަމެވެ. މި ސިޔާސަތެވެ.
ރައީސް ޓްރަމްޕްގެ ރިޔާސީ ކެމްޕޭނުގައި އީރާނަކީ ހަކަތައާއި ފުދުންތެރިކަމަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް ލިބިފައިވާ ގައުމެއްކަމަށް ވިދާޅުވަމުންގެންދިއުން ތަކުރާކު ކުރައްވައި ރައީސް ޓްރަމްޕްގެ ޚާއްސަ މުޝީރު ސްޓިވް ވިކްޓޯފް ވިދާޅުވަމުން ގެންދަވަނީ މި ވާހަކަތައް ކާމިޔާބު ކުރެވިއްޖެނަމަ އީރާނަކީ ލީގް އޮފް ނޭޝަންޝްގެ މެމްބަރަކަށްވެ ދުނިޔޭގެ އިގްތިސާދީ ބޮޑު ބާރަކަށް ވުމުގެ ފުރުސަތު ހުޅުވިފައި އޮތް ކަމަށެވެ.
އީރާނުގެ ރަސްމީ ޓީވީގައި ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެފައިވަނީ ފުރަތަމަ ބައްދަލު ކުރުމުގައި އެއްވެސް ބޭފުޅަކު ހަރުކަށި ގޮތަކަކަށް ބަސްމަގު ބަހައްޓަވާފައި ނުވާކަމަށެވެ. އަދި އެ ވާހަކަތައް ދިޔައީ ބިނާކުރެވެނިވި ވެއްޓެއްގައިކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ރައީސް ޓްރަމްޕްގެ އިންޒާރުގެ ހޫނު ބަސްފުޅުތައްވެސް ހަނދާނަށް ގެންނަވާފައެއް ނުވެއެވެ.
މި ބައްދަލު ކުރެއްވުން ހިނގާދިޔައީ އީރާނުން ކުރިއްސުރެން ބުނަމުން ގެންދިޔަ ފަދައިން ވަކިން 2 ކޮޓަރިކޮޅެއްގައި 2 ބޭފުޅުން ތިއްބަވައިގެންނެވެ. ދެބޭފުޅުންގެ ވާހަކަފުޅުތައް ރައްދުކޮށްދެއްވީ އޮމާނުގެ ޚާރިޖީ ވަޒީރު ބަދުރް ބިން ހަމަދް އަލް ބުސައިދީ އެވެ. އެހެންނަމަވެސް ވާހަކަތައް ފެށުމުގެ ކުރިން އަލްބުސައިދީ އާއެކު ވިޓްކޯފް އާއި އަރާގްޗީ ވަރަށް ކުޑައިރުކޮޅަކަށް ބައްދަލު ކުރެއްވިކަމަށްވެއެވެ. ދެ ބޭފުޅުންގެ އެކަހެރި ބައްދަލުކުރެއްވުމަކަށް އީރާނުގައި ތިއްބެވި ގައުމީ ފިކުރުގެ ސިޔާސީ ބޭފުޅުންގެ ރުހުން ލިބިވަޑައި ނުގަންނަވާނެކަން އެނގޭތީއެވެ. ކުޑަ ހިނދުކޮޅަކަށްނަމަވެސް 2 ބޭފުޅުން ކުރިމަތިން ފެނި ބައްދަލު ކުރެއްވުމަށް ވަތަނީ ފިކުރުގެ ބޭފުޅުންގެ ނުރުހުން އަމާޒުވުމުން ޚާރިޖީ ވަޒީރު އަރާގްޗީ ވިދާޅުވެފައިވަނީ އެއީ މަޝްވަރާކުރުމުގެ ނިޔަތުގައި ބައްދަލުކުރުމެއް ނޫންކަމަށާއި ސިޔާސީ ވެށީގައި މިގޮތަށް ދިމާވުމުން ހެލޯ ގޮވާލުމަކީ ރިވެތި ސުލޫކެއް ކަމަށެވެ. ވިޓްކޯފް އާއި އަރާގްޗީގެ ކުރިމަތިން ބައްދަލުކުރެއްވުން ހިނގާދިޔަގޮތް އޮޅުންފިލުވާދެއްވުމުން އީރާނުގެ ޕާރލަމެންޓް މެމްބަރު ހާމިދު ރަސާއީ ވިދާޅުވެފައިވަނީ އެމެރިކާގެ އެންވޯއި އާއި ދުރުހެލި ވެވެން އޮތް ހުރިހާ މިންތަކެއް ގިރާކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި ސުޕްރީމް ލީޑަރ އެމެރިކާއަކީ ދުނިޔެމަތީގެ އެންމެ ބިޔަ ޝައިތާން ކަމަށް ވިދާޅުވެފައިވާ ވިދާޅުވުންއަބަދުމެ ހަނދާންކުރައްވަން ޖެހިވަޑައި ގަންނަވާނެކަމަށް ދަންނަވާފައެވެ
ބައެއް ތަޖްރިބާކާރުން ދެކިވަޑައިގަންނަވާގޮތުގައި ފުރަތަމަ ބައްދަލުކުރެއްވުމުގައި ހަރުކަށިގޮތް ނުދެއްކެވި ނަމަވެސް އެމެރިކާއިން އީރާނަށް އެއްވެސް ދުލެއް ދީފާނެ ކަމަކަށް ނުބެލެވެއެވެ. އިސްރޢީލުގެ ފިއްތުންތަކަށް އެމެރިކާއިން ބޯލަނބަން ޖެހޭނެތީއެވެ.
2015 ގެ އެއްބަސްވުމުގައިވާގޮތުން ކުރިއަށް އޮތް 15 އަހަރު އީރާނުން ޔުރޭނިއަމް ފައްކާ ކުރެވޭނީ ހަމައެކަނި 3.67 އިން ސައްތަ އަށެވެ. އެކަމަކު ޔޫއެންގެ އިންސްޕެކްޓަރުންގެ ރިޕޯރޓްގައި ހާމަކޮށްފައިވާގޮތުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފެންވަރަށް ޔުރޭނިއަމް ފައްކާ ކުރުމަށްޓަކައި އީރާނަށް މިހާރު ބޭނުންވާނީ ވަރަށް މަދު ދުވަސްކޮޅެކެވެ. ބައެއް ރިޕޯރޓްތައް ބުނާގޮތުގައި މިހާރު ފެށެން އުޅޭ މަޝްވަރާތަކުގައި އީރާނުގެ ޔުރޭނިއަމް 3 ވަނަ ގައުމަކަށް ( ރަޝިޔާއަށް ނުވަތަ އެމެރިކާއަށް ) ގެންދަން އެމެރިކާއިން ބާރު އަޅާނެއެވެ. އެއީ މިހާރު ފައްކާކޮށްފައިހުރި ޔުރޭނިއަމް މަދަނީ މިންގަނޑަށް ދަށްކުރުމަށެވެ. އެކަމަކު އީރާނުން އެގޮތް ގަބޫލު ކުރުން ވަރަށް ދުރުކަމަށް ހަމަ އެ ރިޕޯރޓްތަކުގައި ބުނެފައި ވެއެވެ.
އެމެރިކާއާއި އީރާނުގެ މަޝްވަރާތަކުގެ 2 ވަނަ ބުރު ފެށުމުގެ ކުރިން އެމެރިކާގެ ނިއުކްލިއަރ މަނަވަރު ޔޫ އެސް އެސް ކާރލް ވިލްސަން މެދު އިރުމައްޗަށް ހިނގައްޖެއެވެ. މަޝްވަރާތައް ބޭއްވޭނީ ޜޯމްގައި ކަމަށް އަޑުފެތުރެމުންދާއިރު އީރާނުން ބުނަމުންގެންދަނީ އެ ގައުމުން އިޚްތިޔާރު ކުރާނީ އޮމާން ކަމަށެވެ. ކޮންމެގޮތަކަށް ބެލިނަމަވެސް 50 އަހަރަށްވުރެން ދިގު ދެމިގެން މިދާ ދުޝްމަނީ ނިންމުމުގަ ވާހަކަތަކަކި އެހާފަސޭހައިން ކުރިއަށް ގެންދެވިދާނެ ވާހަކަތަކެއް ނޫނެވެ.