ފަރަންސޭސި ވިލާތުން ފަލަސްތީނުގެ ދައުލަތް މިއަންނަ ޖޫން ހިސާބުގައި ރަސްމީގޮތުން ގަބޫލުކުރެވޭ ވަރުވާނެކަމަށް ނިއު ޔޯރކުގައި އޮތް ޔޫ އެން ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ފަރަންސޭސި ވިލާތުގެ ރައީސް ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ދަ ޓެލިގްރާފުން ބުނެފައިވަނީ ފަރަންސޭސި ވިލާތުގެ މި ނިންމުމަކީ ހަމާސްގެ ޓެރަރިޒަމަށް ރައީސް މެކްރޯން ދެއްވާ އަގުބޮޑު އިނާމެއް ކަމަށްބުނެ އިސްރާއީލުން ނުރުހުމުގެ އިނގިލި ދިއްކުރަމުންގެންދާ މި ދަނޑިވަޅުގައި މިއަންނަ ޖޫންމަހުގެ ތެރޭގައި ނިއު ޔޯރކުގައި ބޭއްވޭ ޔޫ އެން.ގެ މި ކޮންފަރެންސް ސައޫދީ އެރޭބިޔާއިން ރިޔާސަތު ބަލަހައްޓަވާއިރު އަހަރެމެންގެ މި “ ހަރަކާތަށް “ އިތުރު ކުރިއެރުންތަކެއްލިބި ބައެއް އެހެން ގައުމުތަކުންވެސް ފަލަސްތީނުގެ މިނިވަންދައުލަތް ރަސްމީގޮތުން ގަބޫލުކުރުމުގެ ދޮރު ހުޅުވިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ރައީސް މެކްރޯން ވިދާޅުވިއެވެ.
ފަރަންސޭސި ވިލާތުގެ ސިޔާސަތަށް އަންނަމުންދާ ބަދަލުގެ ތެރޭގައި ފަލަސްތީނުގެ ދައުލަތް ރަސްމީގޮތުން ގަބޫލުކުރުން ވެގެންދާނީ ޔޫ އެން ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ފަސް މެމްބަރުންގެ ތެރެއިން ހުޅަނގުގެ ފުރަތަމަ ގައުމުކަމުގައެވެ. އަދި މިއީ އެމެރިކާއާއި އިސްރާއީލާ މެދު ފަރަންސޭސި ވިލާތުގެ ސިޔާސަތަށް އަންނަ ނުއަތު ބުރުގެ ބައެއްކަމުގައިވެސް އެނޫހުން ބުނެފައި ވެއެވެ.
ފަލަސްތީނުގެ ދައުލަތް ރަސްމީގޮތުން ގަބޫލުކުރުން ފަރަންސޭސި ރައީސް އިއުލާންކުރެއްވުމާގުޅިގެން ފަރަންސޭސި ވިލާތުގެ ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާކަން ފާހަކުރެވެއެވެ. ފަރަންސޭސި ވިލާތަކީ ޔޫރަޕުގައި އެންމެ ގިނަ ޔަހޫދީ ދިރިއުޅެމުން ގެންދާ ގައުމެވެ. އެހެންނަމަވެސް ފަރަންސޭސި ވިލާތުގެ ކުރީގެ ރައީސް ފްރާންސިސް ހޮލޭންޑް ވެސް ފަރަންސޭސި ސަރުކާރުގެ ނިންމުމަށް ވަރަށްބޮޑަށް ތާއީދުކުރައްވާކަން ވަނީ ހާމަކުރައްވާފައެވެ. އެމަނިފާނު ދެކިވަޑައިގަންނަވާގޮތުގައި ފަލަސްތީނުގެ މިނިވަންދައުލަތެއް އުފެދުމުގަ ސަބަބުން މެދުއިރުމައްޗަށް ކުރިއެރުންލިބި އަދި ބައެއް ގައުމުތަކުން އިސްރާއީލާއެކު ސިޔާސީ ގުޅުން އުފެއްދުމަށްވެސް ތަނަވަސް ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.
ފަރަންސޭސި ވިލާތުގައި ޔަހޫދީންނަށް ތާއީދުކުރާ ބައެއް ސިޔާސީ ބޭފުޅުންގެ ނަޒަރުގައި މިއީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލު ކުރަންވީ ވަގުތެއް ނޫނެވެ. އޭގެތެރޭގައި މަރިނޭ ލީ ޕެންގެ ނޭޝަނަލް ޕާރޓީގެ ވައިސް ޕްރެޒިޑެންޓް ސެބާސްޓިއެން ޗެނޫއާއި ފްރެންޗް ސެނޭޓްގެ ރައީސް ގެރާރޑް ލާރޗާރ ހިމެނި ވަޑައިގަންނަވައެވެ.
ހުޅަނގުގެ ބާރުގަދަ ގައުމުތަކުގެތެރެއިން އިނގިރޭސި ވިލާތާއި ޖަރުމަނާއި އެމެރިކާއާއި ފަރަންސޭސި ވިލާތުން ފަލަސްތީނުގެ ދައުލަތް ރަސްމީގޮތުން މިހާތަނަށް ގަބޫލެއް ނުކުރެއެވެ. އަދި އޭގެތެރޭގައި ޖަޕާނުވެސް ހިމެނެއެވެ.
ފަލަސްތީނުގެ މިނިވަންދައުލަތެއް އުފެއްދުމުގެ މަސައްކަތް ކުރިއަށްދާއިރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ރިޔާސަތާ ހަވާލުވެ ވަޑައިގަތުމަށްފަހު ފަލަސްތީނުގެ ގައްޒާއަކީ އެމެރިކާގެބާރުގެ ދަށުގައި އޮންނަ ސަރަހައްދެއް ކަމަށް ކަނޑައަޅުއްވައި އެސަރަހައްދުން ފަލަސްތީނުގެ ރައްޔިތުން ބޭރުވުމަށް އަމުރުކުރައްވާ މޭރުމަކުން ވަނީ އެތައްފަހަރަކު ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް މެކްރޯން ދާދި ފަހުން މިސްރަށް ކުރެއްވި ޒިޔާރަތުގައި ފަރަންސޭސި ވިލާތުން ފަލަސްތީނުގެ ދައުލަތް ރަސްމީގޮތުން ގަބޫލުކުރުމުގެ ސަބަބުން މެދު އިރުމަތީގައި މިހާތަނަށް ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ގަބޫލު ނުކުރާ ގައުމުތަކަށްވެސް އެކަން ކުރުމަށް ބާރަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް މެކްރޯން ވިދާޅުވިއެވެ. “ ފަލަސްތީނުގެ ދައުލަތް އަހަރެމެން ގަބޫލު މިކުރަނީ ވަކިމީހަކު ރުއްސާކަށް ނޫނެވެ. އަހަރެމެންގެ މި ފިޔަވަޅަކީ ރަނގަޅު މަގުގައި އެޅި ފިޔަވަޅެއްކަން ދާދި އަވަހަށް ހާމަވެގެންދާނެއެވެ. އަދި އިސްރާއީލުގެ އަޅުވެތިކަމުން ފަލަސްތީނު މިނިވަންކުރަން ގިނަ ގައުމުތަކަކުން ކުރަމުންގެންދާ މަސައްކަތުގައި ފަރަންސޭސި ވިލާތުންވެސް ސާބިތުކަމާއެކު ބައިވެރިވުމަށް މި ފުރުސަތުގައި ބޭނުންވެއެވެ. “ މިދިޔަ ބުދަ ދުވަހު ރައީސް މެކްރޯން ވިދާޅުވިއެވެ. މީގެ ކުރިން އިނގިރޭސި ވިލާތެކޭ އެއްފަދައިން ފަރަންސޭސި ވިލާތުންވެސް ބުނަމުންގެންދިޔައީ ފަލަސްތީނުގެ އަމިއްލަ ދައުލަތް ރަސްމީގޮތުން ގަބޫލު ކުރެވޭނީ 2 ދައުލަތް އުފެއްދުމުގެ މަޝްވަރާތައް ކާމިޔާބު ކަމާއެކު ނިންމާލުމަށްފަހުގައި ކަމަށެވެ. އެހެންނަމަވެސް 2 ދައުލަތް އުފެއްދުމަށް އިސްރާއީލުން ދެކޮޅު ހަދަމުންގެންދާތީ އެ މަޝްވަރާތައް ކާމިޔާބީއާއެކު މިހާތަނަށް ފެށިފައެއްވެސް ނުވެއެވެ. އަދި މެދު އިރުމަތީގެ ސަރަހައްދުން ސައޫދީ އެރޭބިޔާއާއި އީރާނާއި ޔަމަނާއި އިރާގާއި ކުވޭތާއި ގަތަރާއި އޮމާނާއި ލީބިޔާއާއި އަލްޖޭރިޔާއާއި ތޫނިސް އާއި ލެބަނަންއާއި ސޮމާލިޔާއާއި ޖިބޫޓީ އަދި ސީރިޔާއިން އިސްރާއީލަކީ ދައުލަތެއްކަމަށް ގަބޫލެއް ނުކުރެއެވެ.