ބޭނުންވާ ތަކެތި:
2 ޖޯޑު ބާސްމަތީ ހަނޑޫ
ކައްކާފައިހުރި ބިސް
2 ފިޔާ (ބޮޑު)
3 ލޮނުމެދު
2 ހިކަނދިފަތް
1 ޓޮމާޓޯ
1/2 ޖޯޑު ކެރެޓު (ބޯކޮށް ފޮތިކޮށްފައި)
1/2 ޖޯޑު ލީކްސް (ކޮށާފައި)
1 އިންޗީގެ އިނގުރުކޮޅެއް
2 ތޮޅިމިރުސް
2 ކަރަންފޫ
1 ބޭލީފް
1/4 ސައިސަމުސާ މުގުރި ފޮނިތޮށި
1/4 ސައިސަމުސާ މުގުރި ކާފޫރުތޮޅި
1/2 ހިކިމޭބިސްކަދުރު
1/2 ޖޯޑު ކެޝޫނަޓް
1 މޭޒުމަތީސަމުސާ ބިރިޔާނީ ހަވާދު
1 މޭޒުމަތީސަމުސާ ހުނިހަވާދު
1 ތަށި ޕްލެއިން ޔޯގަޓް
1/2 ޖޯޑުގެ ކޮތަނބިރިފަތް (ކޮށާފައި)
½1 ޖޯޑު ގިތެޔޮ ނުވަތަ ތެޔޮ
ތައްޔާރުކުރާނެ ގޮތް:
ހަނޑޫ ދޮވުމަށްފަހު 1 ސައިސަމުސާ ލޮނާއި ބޭލީފް އަދި ބައި ސައިސަމުސާ ތެޔޮ އަޅައިގެން ކައްކާލާށެވެ. ކައްކާއިރު ފެން އަޅާނީ ހަނޑޫގަނޑުގެ މައްޗަށް އިންޗިއެއް ހުންނަވަރަށެވެ.
1 ފިޔާ ތުނިކޮށް ދިގަށް ކޮށާލާށެވެ. އެއަށްފަހު ތަވައަކަށް ތެޔޮ ނުވަތަ ގިތެޔޮ އަޅައި، ބިސް، ފިޔާ، ކެޝޫނަޓް އަދި ހިކިމޭބިސްކަދުރު ވަކިވަކިން ތެއްލާލާށެވެ. ފިޔައާއި ބިސް އަދި ކެޝޫނަޓް ތެއްލާނީ މަޑު މުށިކުލަ އަރަންދެނެވެ. ހިކިމޭބިސްކަދުރު ތެއްލާނީ ފުފެންދެނެވެ.
1 ފިޔާ ކޮށާލާށެވެ. ލޮނުމެދާއި އިނގުރު ގާނާލާށެވެ. ޓޮމާޓޯ ހަތަރު ފަޅިއަށް ފަޅާލުމަށްފަހު ކޮންމެ ފަޅިއެއް ދެބުރިއަށް ބުރިކޮށްލާށެވެ. ތޮޅިމިރުސް ތަނޑި ނައްތާލުމަށްފަހު ދެފަޅިއަށް ފަޅާލާށެވެ.
ތެއްލަން ބޭނުންކުރި ތެޔޮފޮދުން 2 މޭޒުމަތީސަމުސާ ތެޔޮ ތެއްޔަކަށް އަޅައި ހޫނުކޮށްލާށެވެ. ހޫނުވުމުން ފިޔާ ހިކަނދިފަތް، ކަރަންފޫ އަޅައި މީރުކޮށްލާށެވެ. ފިޔާގަނޑަށް ބިއްލޫރިކުލަ އަރާލުމުން ލޮނުމެދާއި އިނގުރުކޮޅު އަޅާލާށެވެ. ފިޔާކޮޅު ރަނގަޅަށް މޯޅިވުމުން ބައިޖޯޑެއްހާ ފެން އަޅާލުމަށްފަހު ހަވާދުކޮޅާއި ކާފޫރުތޮޅި އަދި ފޮނިތޮށި އަޅައި އެއްކޮށްލާށެވެ. މިރުހާއި ޔޯގަޓްވެސް އެއަށް އަޅައި އެއްކޮށްލާށެވެ. ހަވާދުގަނޑުގެ މައްޗަށް ތެޔޮ އަރަންދެން މަޑުގިނީގައި ކައްކަމުންގެންދާށެވެ. ފުލުގައި ހިފިޔަނުދީ ދޭތެރެއަކުން ހަލުވާލަންވާނެއެވެ. ހަވާދުގަނޑު ކެކުމުން ކެރެޓާއި ޓޮމާޓޯ 1 އަދި ސައިސަމުސާ ލޮނު އަޅާށެވެ. އަދި އިތުރު 1 ޖޯޑުގެ ފެން އަޅައި މިނިޓެއްހާއިރު ކައްކާލާށެވެ. އެއަށްފަހު ބިސްތައް އަޅައި އެއްކޮށްލާފައި ބާލާށެވެ.
ވަކިން ތެއްޔަކަށް ބަތުން އެތިކޮޅެއް އަޅައި ފަތުރާލާށެވެ. ގާތްގަނޑަކަށް 3 ނުވަތަ 4 އިންޗީގެ ބޯމިނަށް ފަތުރާލުމުން ރަނގަޅުވާނެއެވެ. ބަތުގެ މައްޗަށް ކެއްކި ރިހައިން ބައެއް (ބިސް ނުލައި) އަޅާށެވެ. އޭގެމައްޗަށް ލީކްސްކޮޅެއް އަޅައި ފަތުރާލާށެވެ. މިހެން ފަހަރަކު ފަށަލައެއް އަޅަމުން ގޮސް އެންމެ މަތީ ފަށަލައަށް ރިހަ އެޅުމަށްފަހު ތެއްލާފައިހުރި ސާމާނާއި ލީކްސްކޮޅު އަޅައި ފަތުރާލާށެވެ. އޭގެމަތީގައި ބިސްތައް އަތުރާލާށެވެ. ކޮތަނބިރި ފަތްކޮޅު މައްޗަށް ބުރުވާލާށެވެ.
އުނދުނުގައި އެންމެ މަޑުގިނީގައި ބިރިޔާނީތެލި މަތިޖަހައިގެން ހޫނުކޮށްލާށެވެ. ގާތްގަނޑަކަށް 5-7 މިނިޓުވަންދެން ހޫނުކޮށްލުމުން ރަނގަޅުވާނެއެވެ.
![]()

One Response
އައިޝާ : ޝުކުރިއްޔާ! ވަރަށް ތަފާތު ގިނަ ކާއެއްޗެތި ހަދަން ދަސްވެއްޖެއެވެ. ރޯދަ ހަދިޔާއަކަށް ފުދިއްޖެވާހަކަ ހަމަ ޝުކުރާއިއެކު ރައްދުކޮށްލީއެވެ.