ސިރިޔާގައި އަލަށް އެކުލަވާލެވުނު ގާނޫނު އަސާސީއަށް ކުރުދީންގެ ރުހުމެއް ނެތް

Loading

March 18, 2025
Facebook
Twitter
WhatsApp

ދިމިޝްގުގައި އަލަށް އުފެދުނު އިސްލާމީ ސަރުކާރުން އެކުލަވާލާފައިވާ ގާނޫނު އަސާސީއަށް ސީރިއާގެ އިރު އުތުރު ސަރަހައްދުގައި ވެރިކަންކުރާ ކުރުދީންނަށް އެއްބަސް ނުވެވޭނެކަމަށާއި އެ ގާނޫނު އަސާސީ ޖެހޭނީ އަލުން އެކުލަވާލަން ކަމުގައި ބުނެފިއެވެ. މިދިޔަ ހުކުރު ދުވަހު ކުރުދީންގެ ފަރާތުން ފޮނުވި އިންކާރުގެ ލިއުމުގައި ބުނެފައިވަނީ އަލަށް އެކުލަވާލި ގާނޫނު އަސާސީގައިވެސް މަގު އަމާންކޮށްދީފައިއޮތީ ޚުދު މުޚްތާރު ވެރިކަމެއް ކުރުމަށާއި އަދި ވެރިޔަކަށް ހުންނަވާ ބޭފުޅަކަށް ސުވާލުނުކުރެވޭނެ ބާރުތަކެއް ލިބިދީފައިވާ ގޮތަކަށެވެ. 

                                                           

ޚަބަރުތަކުން އެނގިފައިވާގޮތުގައި އެ ގާނޫނު އަސާސީގައި ވަނީ އިސްލާމް ދީނުގެ މައިގަނޑު އަސާސްތައް ކަށަވަރުކޮށްދީ އަދި ޚިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ކަށަވަރުކޮށްދީފަ އެވެ. އެހެންނަމަވެސް ކުރުދީން ބުނަމުންގެންދަނީ ބައިމަދު އެހެން މަޒްހަބުތަކުގެ ރައްޔިތުންގެ ހައްގުތަކަށް އެކަށީގެންވާ ރައްކާތެރިކަން ލިބިދީފައި ނުވާ ކަމަށެވެ. ގާނޫނު އަސާސީ އެއް ލިޔެވެންޖެހޭނީ ލާމަރްކަޒީ ނިޒާމަށް ބާރުލިބޭގޮތަށް ގައުމުގެ ބާރުތައްވެސް އާބާދީގެ ނިސްބަތަށް ބެލުމެއްނެތި ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމް ކުރުމުގެ ވިސްނުމުގައެވެ. އެއީ ވަކި ސިޔާސީ ޕާރޓީއެއްގެ ފިކުރަށް ވެގެން ނުވާނެއެވެ.                   

މި ޚަބަރުތަކާ އެކުއެކުގައި ދެން ފެންނަމުންދަނީ ސީރިޔާގައި އެންމެހާ ބާރުތަކެއް ދެވިފައިވާ ގޮތުގައި ވަގުތީ ސަރުކާރެއް އެކުލަވާލުން އަވަސްކުރުމަށާއި އަދި ފަހަކަށް އައިސް ސީރިޔާގައި އެތައް ބަޔަކު މަރުވެގެންދިޔަ ނަސްލީ އަދި މަޒްހަބީ ދެކޮޅުވެރިކަން ތަހްގީގުކުރުންވެސް އަވަސްކުރުމަށް ޖެނީވާގައި ހުންނަވާ ސީރިޔާގެ ގުޅުންތަކާބެހޭ އ ދ ގެ އިންސާނީ ހައްގުތަކާބެހޭ ޚާއްސަ މަންދޫބް ބާރުއަޅުއްވަމުން ގެންދަވާ ތަނެވެ.    

ފަހަކަށް އައިސް ހިނގާދިޔަ ނަސްލީ އަދި މަޒްހަބީ ދެކޮޅުވެރިކަމުގެ ތެރޭގައި ކުރުދީން ގެންދިޔައީ ސީރިޔާގެ އިރު އުތުރު ސަރަހައްދުތަކުގައި އެމީހުންގެ ބާރުތައް ވަރުގަދަ ކުރަމުންނެވެ. އަސަދު އާއިލާގެ ދިގު ވެރިކަމުގައި ފިއްތާފައި ބޭތިއްބުމަށްފަހު އަލަށް މިއައި ސަރުކާރުންވެސް ހަމަ އެގޮތަށް އަމަލުކޮށްފާނެތީއާއި ސްކޫލްތަކުގައި ކުރުދީންގެ ބަސް ކިޔަވާދިނުމަށްވެސް ހުރަސްއަޅާފާނެ ކަމަށްދެކި މިހާރުވެސް ކުރުދީން ތިބެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އަދި ސަރުކާރުގެ އިސް މަގާމުތައް އަންހެނުންނަށް ދިނުން މަނާކޮށްފާނެތީވެސް ހިތްހަމަ ނުޖެހިފައެވެ.                                                           

އެސް ޑީ އެފް ( ސީރިއަން ޑިމޮކްރެޓިކް ފޯސަސް ) އަކީ އެމެރިކާގެ ރުހުން ލިބިފައިވާ ސިޔާސީ ހަރަކާތެކެވެ. މިދިޔަ ހޯމަ ދުވަހު އެމެރިކާގެ ހުށައެޅުން ގަބޫލުކޮށް ސީރިޔާގެ މިހާރުގެ ސަރުކާރަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ކުރުދީންގެ ފަރާތުން ސޮއި ކުރިއެވެ. ސީރިޔާގެ ވަގުތީ ރައީސް އަހްމަދު ޝާރާ އާއެކު އެމެރިކާގެ މިލިޓްރީ އެއާރކްރާފްޓެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރައްވަން ކުރުދީންގެ ފަރާތުން ޖެނެރަލް މަޒްލޫމް އަބްދީ ދިމިޝްގަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހު އެވެ.                     

އެއަށްފަހު އެ ސަރަހައްދުގެ ބޯޑަރ ކޮންޓްރޯލް ކުރުމާއި ތެޔޮ ވަޅުތަކާއި އަދި އެއާރޕޯރޓެއް ވެސް ސަރުކާރަށް ހަވާލު ކުރިއެވެ. އެއްބަސްވުމަށް އަމަލު ކުރަންފަށާނީ މިއަހަރުގެ ފަހު ކޮޅުގައެވެ. އެހެންނަމަވެސް ސަރުކާރުގެ ބާރުގެ ދަށުގައޮ އޮތް ސިފައިންގެ ލަޝްކަރުތަކުގައި ކުރުދީން ހިއްސާކުރާނެ މިންވަރެއް މިހާތަނަށް ސާފެއް ނުވެއެވެ. ރައީސް އަހްމަދު ޝަރާ އަށް އ ދ ގެ ޚާއްސަ މަންދޫބް ޕެޑެސަން ފޮނުވި ސްޓޭޓްމެންޓުގައި ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނެފައިވަނީ ޝަރާ ގެ ޑިކްލަރޭޝަންގެ ސަބަބުން ސީރިޔާއަށް ހަމަޖެހުމާއި ސުލްހަވެރިކަން ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.                             

ތުރުކީން ދެކޮޅުހަދަމުން ދިޔައިރުވެސް ވޯޝިންގޓަނުންގެންދިޔައީ އިސްލާމިކް ޖިހާދާ ދެކޮޅަށް ކުރުދީން ދެމުން ގެންދިޔަ ހަމަލާތަކުގައި ކުރުދީންނަށް އެހީތެރިވަމުންނެވެ. މިފަހަރު ސަރުކާރާއެކު އެއްބަސްވުމަކަށް އައުމަށް ކުރުދީންނަށް ހުށައަޅައި އެކަމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ޖެނެރަލް މައިކަލް ކުރިއްލާއެވެ. އެމެރިކާއިން މިގޮތަށް ވިސްނައި ކުރުދީންނާއި މިހާރުގެ ސަރުކާރުން އެއްގަލަކަށް އެރުވުމުގެ ބޭނުމަކީ ކުރިއަށް އޮތްތަނުގައި ސީރިޔާގެ އާ ސަރުކާރާއި ތުރުކީން ގުޅިގެން ކުރުދީންނާ ދެކޮޅަށް ހިންގާ އުދުވާނެއްގައި ކުރުދީންގެ ބައިގިނަ ސަރަހައްދުތައް ކުރުދީންގެ ބާރުގެ ދަށުގައި ބޭއްވިދާނެކަމަށް ނުފެންނާތީއެވެ.                                                

ރައީސް އަހްމަދު ޝަރާގެ ވައުދަކީ ސީރިޔާއަށް ހަމަޖެހުން ގެނައުމެވެ. އެހެންނަމަވެސް ނަސްލީ އަދި މަޒްހަބީ ދެކޮޅުވެރިކަމުގެ ސަބަބުން އެމަނިކުފާނަށް މިހާރު ވަނީ ބޮޑެތި ގޮން ޖެހުންތަކެއް ކުރިމަތި ވެފައެވެ. އަދި މިކަމުގެ ސަބަބުން ވަގުތީ ސަރުކާރެއް އުފެއްދުމަށްވެސް އަނދިރި ހިޔަނި ތަކެއް ވަނީ އެޅިފައެވެ.   

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް