ޖަޕާނުގެ 20 އަހަރުގެ ޒުވާން 2 ޓްއަރިސްޓަކު ގްރޭޓް ވޯލްއޮފް ޗައިނާގައި ބަރަހަނާ ފޫކޮޅު ދައްކައިގެން ފޮޓޯނެގި މައްސަލާގައި ޗައިނާގައި ހިފޭއްޓުމަށްފަހު ޑިޕޯޓް ކޮށްލައިފިއެވެ.
މިހާދިސާގައި ފިރިހެނަކު އޭނާގެ ބަރަހަނާ ފޫކޮޅު ދެއްކުމުން އަންހެނަކު އޭނާގެ ފޮޓޯ ނެގީކަމަށް އެން ޓީ ވީ އާއި ޖަޕާނުގެ ބައެއް އެހެން ޓީ ވީ ތަކުންވެސް ވަނީ ބުރާސްފަތި ދުވަހު ރިޕޯރޓް ކޮށްފައެވެ. ގްރޭޓް ވޯލް އޮފް ޗައިނާއަކީ ވޯލްޑް ހެރިޓޭޖްގައި ހިމަނާފައިވާތަނެކެވެ.
މިއަހަރު ޖެނުއަރީ 3 ވަނަދުވަހު ހިނގި މި ހާދިސާގައި ޖަޕާނުގެ 2 ޓްއަރިސްޓަކު ގްރޭޓް ވޯލް މަތިން ހައްޔަރު ކޮށްފައިވާކަން ޖަޕާންގައި ހުންނަ ޗައިނާ އެމްބަސީއަށް ހަވާލާދީ ޖަޕާނުގެ ޚާރިޖިއްޔާއިންވެސް ބުނެފައި ވެއެވެ. އޭގެފަހުން ޖެނުއަރީ މަހުގެ ތެރޭގައި އެ 2 މީހުންވަނީ ޖަޕާނަށް ފޮނުވާލާފައެވެ. މި ހާދިސާއާ ގުޅޭ މައުލޫމާތު ހޯދަން ޗައިނާގައި ހުންނަ ޖަޕާނުގެ އެމްބަސީއަށް ގުޅުމުން ޖަވާބެއް ނުދިނެވެ. އެހެންނަމަވެސް އެ 2 ޓްއަރިސްޓުން އެދުވަހު ވަގުތުން ހައްޔަރުކުރިކަމަށާއި އަދި 2 ހަފުތާ ވަންދެން ހައްޔަރުކޮށްފައި ބޭތިއްބި ކަމަށް ޚަބަރުތަކުގައި ބުނެފައި ވެއެވެ. އެ 2 ޓްއަރިސްޓުން އެއީ މަޖަލަކަށް ކުރި ކަމެއް ކަމުގައި ޖަޕާން އެމްބަސީގައި ވަނީ ބުނެފައެވެ.
އިންސާނުންގެ ފޫޅުން ތިރީބައި ބަރަހަނާކޮށް އާންމު ތަންތަނުގައި ދެއްކުމަކީ ޗައިނާގެ ގާނޫނުން މަނާކޮށްފައިވާ ކަމެކެވެ.
މިހާދިސާއާއި ގުޅިގެން 2 ވަނަބޮޑު ހަނގުރާމައިގެ ހަނދާންތައް އާވެ ޗައިނާގެ ރައްޔިތުންގެ ނުރުހުން ޖަޕާނަށް އަމާޒުވެގެން ދިޔަކަމަށް ވެއެވެ.
ގްރޭޓްވޯލް މަތީގައި ޖަޕާނުގެ ފިރިހެނަކާއި އަންހެނަކު ބަދުއަޚްލާގީ ފޮޓޯ ނެގިކަމަށްބުނެ ސޯޝަލް މީޑިއާ ޕްލެޓް ފޯރމް ވެއިބޯގައި ކުރި ހޭޝްޓޭގް ހުކުރު ދުވަހާ ހަމަޔަށް 60 މިލިއަން މީހުން ވަނީ ބަލާފައެވެ. ހޭޝްޓެގަށް ކޮމެންޓް ކުރި ގިނަ ބަޔަކު އެ 2 ޓްއަރިސްޓުން ޗައިނާ ރައްޔިތުންގެ ހުރުމަތް ކެނޑީކަމަށް ބުނެ ހުތުރު ބަސްތައް ބޭނުންކޮށްފައި ހުރިކަމަށް ވެއެވެ. އަދި 7 މިލިއަން ފޮލޯވަރުން ތިބި ޗައިނާގެ ފިލްމްސްޓާރ ޗެން ޔިޓިއަން ބުނެފައިވަނީ ގްރޭޓްވޯލް މަތީގައި މިވަރުގެ ލަދުހަޔާތް ކުޑަކަމެއް އެއްވެސްމީހަކު ކުރިކަން އެނގޭކަން ނެތެވެ. ބައެއް އެހެން ކޮމެންޓް ތަކުގައި ޖަޕާނުގެ ޓްއަރިސްޓުން ޗައިނާއަށް އައުން މަނާކުރަންގޮވާލާފައި ވެއެވެ.