ބޭނުންވާ ތަކެތި:
1 ދަޅު މަސް
300ގ އަލުވި
ބޮޑު ފިޔައެއް
4 ލޮނުމެދު
ގިތެޔޮމިރުސް ފަޅިއެއް
ލުނބޯކިބައެއްގެ ހުތް
1 ސައިސަމުސާ ލޮނު
1 ބިސް
ތައްޔާރުކުރާނެ ގޮތް:
އަލުވި މަށާފައި ފެނުކައްކާލާށެވެ. ކެކުމުން ފެން ފުރާނާލާފައި ހިހޫކޮށްލަން ބަހައްޓާށެވެ. ރިހަޔަށް ކޮށާވަރަށް ކޮށާލާފައި ކައްކާލުމުން ހިހޫކޮށްލަން ފަސޭހަވާނެއެވެ. ފިޔައާއި ލޮނުމެދު އަދި މިރުސް ކުދިކޮށް ކޮށާލާށެވެ. ފިޔާގަނޑަށް ހުތާއި ލޮނު އަޅައިގެން މޮޑެލާށެވެ. ފިޔާގެ ދިޔަ ނުކުންނަވަރަށް މޮޑެލާފައި މަސްކޮޅު އަޅައިގެން މޮޑެލާށެވެ. އޭގެތެރެއަށް ކައްކާފައި ހުރި އަލުވި އަޅައިގެން ޗަސްކުރަމުން މޮޑެލާށެވެ. އަލުވި ވަކިން އެއްޗެއްގައި ޗަސްކޮށްލާފައިވެސް އަޅާލެވިދާނެއެވެ. އެއަށްފަހު ބިސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
ކޭކުފިހާ ތަބަކެއްގެ ފުލުގައާއި ވަށައިގެން ބަޓަރު ހާކާލާށެވެ. ތަބަކުގެ އަރިމައްޗަށް ފާރޮށިކުނޑި ބުރުވާލާށެވެ. ތަބަކުގެ ފޫ ކިރިޔާ ފޮރުވޭވަރަށް ފާރޮށިކުނޑި އަޅާލާށެވެ. މޮޑުނު މަސްގަނޑު އޭގެމަތީގައި ފަތުރާލާށެވެ. މަސްގަނޑުގެ މަތީގައިވެސް ކިރިޔާ ފޮރުވޭވަރަށް ފާރޮށިކުނޑި ފަތުރާލާށެވެ. ދިޔާކޮށްފައިހުރި ބައިޖޯޑު ބަޓަރު ނުވަތަ ތެޔޮ އޭގެ މައްޗަށް ބުރުވާލައި އަވަނުގައި 180 ޑިގްރީގައި 25-30 މިނިޓުވަންދެން ފިހެލާށެވެ.