މީހަކު ބުނާ ވާހަކައެއް: ތަރައްގީގެ އަމާޒު

Loading

March 6, 2025
Facebook
Twitter
WhatsApp

”ތަރައްގީގެ އަމާޒަކީ ކޮބައި ހެއްޔެވެ؟ އެއީ އޭގެ ޒާތަށްޓަކައި ކުރެވޭ މަސައްކަތެއް ހެއްޔެވެ؟“ މީހަކު ސުއާލުކުރިއެވެ. ދެން ޖަވާބުގައި ބުނެވުނެވެ. ”ޝައްކެއް ނެތް ގޮތުގައި ތަރައްގީގެ އަމާޒަކީ އިންސާނާއެވެ. މުވާތިނެވެ. ރައްޔިތު މީހާއެވެ. އެއީ އޭގެ ޒާތަށްޓަކައި ކުރެވޭ ކަމެއް ނޫނެވެ.

މިކަން އިތުރަށް ސާފުވެދިޔުމަށްޓަކައި މިސާލެއްގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟ އެއްވެސް މީހަކު ނޫޅޭ، ފަޅު ރަށެއްގައި، ބޮޑެތި އިމާރާތްތައްކޮށް، މަގުތަކުގައި ތާރު އަޅައި ރީތިކޮށް ހެދުމުގެ އެއްވެސް ބޭނުމެއް އޮންނާނެ ހެއްޔެވެ؟ މި ސުއާލުގެ ޖަވާބުގައި ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކު ވެސް ބުނާނީ އެކަން ކުރުމުގައި އެއްވެސް ފައިދާއެއް ނޯންނާނޭ ކަމެވެ. އެއީ ބޭކާރު ކަމެކެވެ. މިފަދައިން ކަންތައް ކޮށްފި ނަމަ، އެވާނީ އޭގެ ޒާތަށްޓަކައި ކުރެވޭ ކަމެކެވެ.

ވަރަށް ގިނަ ފަހަރު، މީހުން ދިިރިއުޅޭ ރަށްރަށުގައި ވެސް، މިނަންގައި މިސާލު އަންގައިދޭ ފަދައިން ތަރައްގީގެ މަސައްކަތް ކުރެވެއެވެ. އާދެ، މީހުން ދިިރިއުޅޭ ތަންތަނުގައި ވެސް ތަރައްގީގެ މަސައްކަތް ކުރެވެނީ، އެނގިގެން ނުވަތަ ނޭނގި ނަމަވެސް، އެ މަސައްކަތުގެ އަމާޒަކީ އިންސާނާ ނޫން ކަމަށް ބެލިގެންނެވެ. ދެ މިސާލެއްގެ މައްޗަށް ނަޒަރު ހިންގާލަމާ ހެއްޔެވެ؟

މާލޭގެ މަގުތަކަކީ އެ ފަދަ އެއް މިސާލުކަމުގައި ބެލެވިދާނެއެވެ. މަގުތައް ހެދުމުގައި، އޭގެ އާޚިރު ނަތީޖާއަށް ބަލާލާއިރު، ފެނިގެން ދަނީ، އެކަން ކުރެވުނީ، އިންސާނާ އަމާޒަކަށް ހަދައިގެން ނޫން ކަމެވެ. ވާރޭ ވެހިއްޖެ ނަމަ، ހިނގާ ބިނގާ އުޅުމާއި އެއްޗެހި ދުއްވަން ވަރަށް ވެސް ދަތިވެއެވެ. އެ މަސައްކަތް ކުރި އިރު، އެ މަގުތަކަކީ މީހުން ހިނގައި އެއްޗެހި ދުއްވާނޭ ތަނެއް ކަމާއި، އަދި، ވާރޭ ވެސް ވެހޭނޭ ކަމާއި، ވާރޭ ވެހުމުން ފެންބޮޑުވެއްޖެ ނަމަ، އެ މަގުތަކުގެ ހަގީގީ ބޭނުން ކުރުމަށް ދަތިވާނޭކަމާއި، އަދި އެހެންވެ، މިކަން ހައްލުވާނޭ ގޮތަކާ މެދު ވިސްނައި، އެކަމަށް ވެސް ރިއާޔަތް ކުރެވިފައި އޮތީސްތާއެވެ. ނަމަވެސް،މަގު ހެދުމުގެ އަމާޒަކީ ޚުދް މަގު ހެދުން ކަމުގައި ވެއްޖެ ނަމަ، އާދެ، އެއީ އޭގެ ޒާތަށްޓަކައި ކުރެވޭ ކަމަކަށް ވެއްޖެ ނަމަ، ގާ އަތުރާލުމުން، ނުވަތަ ތާރު އަޅާލުމުން އެކަން ނިމުނީއެވެ. މިހާރުގެ ހަގީގަތަށް ބަލާލާއިރު މި ފެންނަނީ ތަރައްގީގެ އަމާޒަކީ އިންސާނާ ނޫން ކަމެވެ. އެއީ އޭގެ ޒާތަށްޓަކައި ކުރެވޭ ކަމެއް ކަމެވެ.

މިފަދަ ދެވަނަ މިސާލެއް ފެންނަނީ މިސްކިތްތަކުންނެވެ. މިސްކިތްތައް އެޅެނީ މީހުން އެ މިސްކިތްތަކަށް ގޮސް އަޅުކަން ކުރުމަށެވެ. ރީތި އިމާރާތްތަކެއް އެޅުމުގެ ބޭނުމުގައެއް ނޫނެވެ. އެހެންވެ، މިސްކިތްތައް ހުންނަން ޖެހޭނީ އަޅުވެރިންނަށް ފަސޭހައިން އަޅުކަން ކުރެވޭނޭ ފަދަ ގޮތެއްގައެވެ. އުމުރުން ދުވަސްވެފައިވާ މީހުން ވެސް މިސްކިތްތަކަށް އަރައެވެ. މިސްކިތްތަކުގެ ތަޅުން ސަންގުމަރުމަރު ފަދަ ހަރު ހިލައަށް ވުރެ ހަރު ވުމުން، ހުޅުތަކުގެ އާރޯކަން ގޮސްފައިވާ ބައެއް އިސްރަށްވެހިންނަށް ކަކޫޖެހުމާއި އިށީނުމާއި ސަޖިދަ ޖެހުން އުނދަގޫ ވެއެވެ. އެހެންވެ، ބައެއް މީހުން މިސްކިތަށްދާން ޖެހެނީ މުސައްލައެއް ނޫނީ އިސްޕަންގު ގަނޑެއް ފަދަ އެއްޗެއް ހިފައިގެންނެވެ. މީގެ އިތުރުން، ވާރޭ ވެހޭ ނަމަ، މިސްކިތްތަކުގެ އޮމާ ޓައިލްސްތަކުގައި ފެން އުނގުޅި އެ ޓައިލްތަކުގައި ހިނގާ މީހުން ވެއްޓުމުގެ އެކަށޭނަކަން އިތުރު ވެގެން ދެއެވެ. އެހެންވެ، މިސްކިތްތައް ބިނާ ކުރާ އިރު، އަދި، މިސްކިތްތަކަކީ އޭގެ ޒާތަށްޓަކައި ކުރެވޭ ކަމަކަށް ނުވެ، އަޅުވެރިންނަށްޓަކައި ކުރެވޭކަމަކަށްވާ ނަމަ މިފަދަ ކަންކަމުގެ މައްޗަށް ރިއާޔަތް ކުރެވި، ބެލިގެން، މިސްކިތް ބިނާކުރުން މުހިއްމުހެން ހީވެއެވެ. އެހެން ނޫން ނަމަ، ދެންމެ އިޝާރަތްކުރި ފަދައިން، މިސްކިތްތައް ވެސް ބިނާ ކުރެވޭނީ އެ މިސްކިއްތައް ބޭނުން ކުރާ އަޅުވެރިންނަށް އަމާޒުވެގެންނެއް ނޫނެވެ. އޭގެ ޒާތަށްޓަކައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް