ވަގުތު ނަގާނުލައި ވީހާއަވަހަށް ރަޝިޔާއާއިއެކު އެއްބަސްވުމަކަށް އައިސް ހަނގުރާމަ ހުއްޓުމަށާއި އެހެންނޫނީ ވެރިކަން ކުރާނެ ގައުމެއް ލިބިފައި ނޯންނާނެކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ޔޫކްރެއިންގެ ރައީސް ޒެލެންސްކީއަށް އިންޒާރު ދެއްވައިފިއެވެ.
ދެވަނަ ބޮޑު ހަނގުރާމައަށްފަހު ރަޝިޔާއާއި ދެކޮޅަށް ޔޫރަޕުން ކުރިމަތިލާން ޖެހިވެފައިވާ އެންމެ ބޮޑު ދެކޮޅުވެރިކަން ހުއްޓުވަން ކުރެވެމުންދާ މަސައްކަތުގައި ރައީސް ޓްރަމްޕްގެ ސިޔާސަތަށް އައިސްފައިވާ ބަދަލާއެކު އެމަނިކުފާނުގެ ބަސްމަގު މިވަނީ ރައީސް ޒެލެންސްކީ އާއިއެކު އަދި ޖުމުލަ ގޮތެއްގައި މުޅި ޔޫރަޕާއެކުވެސް “ ދެކޮޅަށް ދަމާ “ ގޮތަކަށް ބަދަލު ވެފައެވެ. އަދި ރައީސް ޒެލެންސްކީއަށް މުޚާތަބު ކުރެއްވި ހަރުކަށި ބަސްމަގާމެދު އެމެރިކާގެ ޑިމޮކްރެޓުންނާއި އަދި ބައެއް ރިޕަބްލިކަނުންވެސް ވަނީ ނުރުހުމާއެކު ފާޑުކިޔާފައެވެ. ރަޝިޔާއާއި ދެކޮޅަށް ޔޫކްރެއިނުން ކުރަމުން ގެންދާ ހަނގުރާމައިގާ އެމެރިކާގެ ސިޔާސީ 2 ޕާރޓީންވެސް ތާއީދު ކުރަމުން ގެންދަނީ ޔޫކްރެއިނަށެވެ. ޜައީސް ޓްރަމްޕް އެ ހުންނެވީ ރަޝިޔާގެ ރައީސް ޕޫޓިންގެ ދޮގުތަކުގެ މަޅީގައި ޖެހިވަޑައިގެންފައިކަމަށާއި ހަނގުރާމަ ހުއްޓުވަން ރައީސް ޓްރަމްޕް އުޅުއްވަނީ ރަޝިޔާއަށް މޮޅުވާގޮތަށް ކަން ދޭހަވާ މޭރުމަކުން ރައީސް ޒެލެންސްކީ ވާހަކަފުޅުދެއްކެވުމުން ރައީސް ޓްރަމްޕް އާ ދޭތެރޭ އެގޮތަށް ވާހަކަ ދެއްކެވުމުގައި ޚަބަރުދާރުވުމަށް އެމެރިކާގެ ނައިބު ރައީސް ހަމަވަގުތުން އިންޒާރު ދެއްވި ކަމަށް ވެއެވެ. ރައީސް ޒެލެންސްކީގެ ވާހަކަފުޅަށް ރައްދު ދެއްވައި ރައީސް ޓްރަމްޕްގެ ދަ ޓުރުތު ޕްލެޓފޯމްގައި ރައީސް ޒެލެންސްކީ އަކީ “ އިންތިޚާބަކާ ނުލައި ވެރިކަމަށް އަރާހުރި ޑިކްޓޭޓަރެއްކަން “ ހަނދާންކޮށް ދީފައެވެ.
އަދިވެސް އެ ޕްލެޓްފޯރމް ގައި ލިއެފައި ވެއެވެ. ވިސްނާ ބަލާށެވެ. “ ފުދޭވަރެއްގެ ކާމިޔާބު ކޮމެޑީއަކަށް ފިލްމު ކުޅެން އުޅުނު ވޮލޮޑިމީރް ޒެލެންސްކީ އެވެ ކިއުނު މީހަކު ފެށި ކާމިޔާބު ނުކުރެވޭނެކަން ކަށަވަރުވާ ހަނގުރާމައަކަށް އެމެރިކާއިން 350 ބިލިއަން ޑޮލަރ ހޭދަކުރަންވެސް ވަނީ ޖައްސާފައެވެ. ޔޫކްރެއިންގެ ޓީ ވީ ތަކުގައި ކޮމެޑީ އަކްށް އެޅުފާ ޔޫކްރެއިންގެ ރިޔާސަތަށް އާދެވުމަކުން ރައީސް ޓްރަމްޕްގެ މަދަދާއި އެހީތެރިކަން ނެތި ހަނގުރާމައެއް ކާމިޔާބު ކުރާނީ ކިހެނެއް ހެއްޔެވެ ؟ ”
2022 ވަނައަހަރު ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުން ހަނގުރާމަ ފެށުމާއެކު 183 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯޜުކޮށްދިނުމަކީ އެމެރިކާއިން ކޮށްގެންވާނެ ކަމެއް ނޫންކަން ދޭހަވާ މޭރުމަކުން އެމެރިކާގެ ސްޕެޝަލް އިންސްޕެކްޓަރ ޖެނެރަލްވެސް ވަނީ ވާހަކަ ދައްކާފައެވެ.
ނައިބު ރައީސް ވޭންސް ދެކިވަޑައިގަންނަވާގޮތުގައި ރައީސް ޓްރަމްޕް އާއެކު ރަނގަޅު ނަތީޖާއަކަށް ނާދެވިގެން އުޅޭ ސަބަބަކީ ރައީސް ޒެލެންސްކީއަށް އަނގަމަޑުން ލައިގެން ނުހުރެވުމެވެ.
2022 ގައި ޔޫކްރެއިން ހަނގުރާމަ ފެށިގެން އައިގޮތާ ދޭތެރޭ ރައީސް ޓްރަމްޕްގެ ވިސްނުންފުޅާމެދު ސެނެޓުގެ ބައެއްބެފުޅުންގެ ރައުޔު ވަރަށް ތަފާތެވެ. ސެނެޓަރ ޖޯން ކެނެޑީއާއި ޑިކް ޑާރބިން އާއި އަދި ސެނެޓް މެޖޯރިޓީ ލީޑަރ ޖޯން ތިއުނެ ފަދަ ބޭފުޅުން ދެކިވަޑައިގަންނަވާގޮތުގައި ހަނގުރާމަ ފެށުމުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނީ ރައީސް ޒެލެންސްކީ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވުމަކީ ހަގީގަތެއް ނޫނެވެ.
ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމުގެ މަސައްކަތުގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ ރައީސް ޓްރަމްޕްގެ ޚާއްސަ މުޝީރު މިދިޔަ ބުދަދުވަހު ޔޫކްރެއިންގެ ރަސްމީ ފާރާތްތަކާއެކު މަޝްވަރާ ކުރައްވައި ހަނގުރާމައިގާ ޔޫކްރެއިނަށް ލިބިފައިވާ ގެއްލުންތައް ރައީސް ޓްރަމްޕް އަށް އަންދާޒާ ކުރެވޭ ކަން ހާމަ ކުރެއްވިއެވެ. އަދި ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އިތުރު ގެއްލުންތައް ލިބުން ހުއްޓުވުމަށްޓަކައި މި ހަނގުރާމަ ނިމުމަކަށް ގެންނަން ޖެހޭކަން ހާމަ ކުރެއްވިއެވެ.