ކުއްލިއަކަށް ހޭލެވުނީ ހޫނުވެގެންނެވެ. އަޑުތައް ކެނޑި ހަމަހިމޭންވެފައި އޮތުމުން ކަންފަތުގައި ހަރުލާފައިވަނީ ކަންފަތް ފޫއަޅުވާލާފަދަ ޒޫން އަޑެކެވެ. ކަރަންޓު ދިޔައީކަން ޔަގީނެވެ. ވަށައިގެން ފެތުރިފައިވާ ކަނު އަނދިރިކަމަށް ލޯ ހޭނިލަންދެން އިރުކޮޅަކު އޮތުމަށްފަހު ތެދުވީމެވެ. ކޮޓަރީގެ ދޮރު ހުޅުވައި ބޭރު ބަލައިލީމެވެ. ގޭތެރޭގައި އެއްވެސް އަލިކަމެއް ނެތެވެ. ތަންތަނުގައި އަތްހާކަމުން ގޮސް ޓޯޗު ނަގައި އަލިކޮށްލީމެވެ. ބުރޭކަރު ޗެކުކޮށްލީމެވެ. ވެއްޓިފައެއް ނެތެވެ. އެވާނީ ހިސާބުގަނޑުން ކަރަންޓު ކެނޑުނީ ކަމަށެވެ.
އަނބުރާ ކޮޓަރިއަށް ވަނީމެވެ. އެދުމަތީގައި ޖައްސައިލި ވަގުތު ކޮޓަރީގެ ދޮރު ދެބައިކުޅައެއްބަޔަށް ހުޅުވިއްޖެއެވެ. އެވާނީ މަންމައަށޭހިތާ ދޮރާދިމާއަށް އެނބުރިލިވަގުތު ހޫނު ވައިރޯޅިއެއް ގައިގައި ބީހިލާފައި ދިޔައެވެ. މަންމައަށް ގޮވާލުމުން ޖަވާބެއް ނައެވެ. އަހަރެންނަކީ ނިކަން ފަސޭހައިން ބިރުގަންނަ މީހެކެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ އަހަރެން މިހިރީ އެކަންޏެވެ. ގޭ އެންމެން ތިބީ ނިދާފައެވެ. މިވަގުތު ކޮންމެ ކަމެއް ދިމާވިއަސް އެކަމާ ކުރިމަތިލާން ޖެހޭނީ އަހަރެން އެކަނިމާއެކަންޏެވެ.
ބިރުން ރޫރޫއެޅިނަމަވެސް މަޑުމަޑުން ބިއްދަށަށް ޖެހިލައި ފަޑީގައި ލެނގިލީމެވެ. މޫނާއެކު ފޮތިގަނޑު އަޅާލީމެވެ. އަދި ޓޯޗުން އަހަރެންގެ ވާތަށް އަލިކޮށްލީމެވެ. އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ލޯމަރާލައިގެން އަނެއްވާވެސް އިނީމެވެ. ކަރަންޓު އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ނަސީބަކުން އިތުރު ބިރުވެރިކަމެއް ދިމައެއްނުވެއެވެ.
ވިއްސަކަށް މިނެޓު ފަހުން ކަރަންޓު އަތުވެއްޖެއެވެ. އެންމެ ފުރަތަމަވެސް ބަލައިލެވުނީ ރޭގައި އަހަރެން އެޅި އަނގޮޓި ކޮބައިތޯއެވެ. އެނދުމައްޗާއި އެނދުކައިރި ވަރަށް ހޯދީމެވެ. ނުފެނުނެވެ. އަހަރެންނަށް ޔަގީންވާ ކަމަކީ ހަމަގައިމުވެސް ނިދިއިރު އަނގޮޓި އަތުގައި އޮތްކަމެވެ. އިނގިއްޔަށް ހެޔޮވަރުގެ އަނގޮޓިއެއް ނިދީގައި ބޭލެންވީ ސަބަބެއް ނޭނގެއެވެ. އެންމެ އަޖައިބުވީ ކަމަކީ ވެއްޓޭނެހެން ހީވާ ހުރިހާ ތަނެއް ބެލިއިރުވެސް އަނގޮޓި ނުފެނުމެވެ. ބިރުން ނިދާކަށްވެސް ނުކެރުނެވެ. އެނދުގައި އިނދެ ފިކުރުކުރަން ފެށީމެވެ.
އަހަރެންގެ އުމުރަކީ ސޯޅަ އަހަރެވެ. ޖެހިލުންކުޑަ، ކަންކަން ތަޖުރިބާކޮށްލާހިތް އެންމެ ގަދަޔަށްވާ އުމުރެވެ. އަހަރެންގެ އެކުވެރި ޙަމީދުއާއެކު އޭނާގެ އެދުމުގެ މަތިން ފަންޑިތަވެރިއެއްގެ ގާތަށް ދިޔައިމެވެ. ޙަމީދު އަހަރެންނަށްވުރެ ތިންއަހަރު ދޮށިވާނެއެވެ. އޭނާ ހިތްއެދޭ ކަމަނާއަކު އާނބަސް ނުބުނެގެން އެކަމަށް ހައްލެއް ލިބޭތޯ ފަންޑިތައެއް ހައްދަން ދިޔައީއެވެ. އެއީ ކިހިނެއް ކިހިނެއް ހިނގާ ކަމެއްކަން ނޭނގޭތީ ބިރުގަނެ ޖެހިލުންވާކަށް އޭރު ނޭނގެއެވެ. ކޮންމެއަކަސް ފަންޑިތަބޭ އިންނަ ކޮޓަރިއަށް ވަދެއްޖައީމެވެ. އިރުގަނޑެއްވަންދެއް ސުވާލުތަކެއް ކުރުމަށްފަހު ކޮންމެވެސް އިސްތިރިއެއް ހަދައިދީފިއެވެ. އެ ހިފައިގެން ގެއަށް ގޮސްފައި ކުރަންޖެހޭ ކަންތައްތަކެއްވެސް ބުނެދިނެވެ.
އޭގެ ދެތިން ދުވަހެއް ފަހުން ޙަމީދުއާ ސްކޫލުން ދިމާވިއެވެ. އިސްތިރި ވަރަށް ކާމިޔާބު ކަމަށް ބުންޏެވެ. ”ހަމަ އަސްލުވެސް“ހޭ އަހަރެންނަށް އަހާލެވުނެވެ. އަހަރެން ބުނީމެވެ. އަހަރެންނަށްވެސް ތިޔަކަހަލަ ކަމެއް ކޮށްދޭން ވެއްޖެއެވެ. ޙަމީދު ބުންޏެވެ. ލާރިދެންޏާ އެމީހާ އިސާހިތަކު އެކަން ކޮށްލަދީފާނެއެވެ. އަހަރެން ހިތަށްއެރިއެވެ. އިންޓޯލަށް ބައްޕަ ދީފައިހުރި ލާރި އެއްކޮށްފައި ހުންނާނެއެވެ. އެއިން ވޭތޯ ބަލާނީއެވެ. ނުވެއްޖެނަމަ އެހެން ގޮތްގޮތްވެސް ހުންނާނެތާއެވެ.
ޙަމީދު ބުނި ރެއެއްގައި އޭނާއާއެކު ފަންޑިތަބޭ ގާތަށް ދިޔައިމެވެ. ނަސީބަކުން އޭނާ ކީ އަގަކީ އަހަރެންނަށް ދެއްކޭވަރުގެ އަގެކެވެ. ލައްކަ ސުވާލު ކުރުމަށްފަހު މަތުރާފައި އަހަރެންނަށް ދިނީ ލުނބޮއެކެވެ. އަދި ވަކި ރޭތަކެއްގެ ވަކި ވަގުތުތަކެއްގައި އެއަށް ހޫނުކުރަން ބުންޏެވެ. އަދި އޭތި ކާމިޔާބުވެއްޖެނަމަ އެމަންޖެ އަހަރެންގެ ގާތަށް އަންނާނޭ ކަމުގެ ޔަގީންކަން ދިނެވެ. ފުރަތަމަ ދެފަހަރުންވެސް އެއްވެސް ނަތީޖާއެއް ނުފެނުނެވެ. އަހަރެން ހިތަށްއެރިއެވެ. ތިންވަނަރޭ ކާމިޔާބު ކުރާނަމެވެ. މިހެންހިތާ އަލިފާންގަނޑު ތެރެއަށް ލުނބޯ ވައްޓާލީމެވެ. އަދި ދެއަތް ފޮޅާލާފައި އަމިއްލަ ނަފުސަށް ބުނެލީމެވެ. މިފަހަރު ކާމިޔާބު ނުވެއެއް ނުދާނެއެވެ.
އަނެއް ދުވަހު ސްކޫލަށް ގޮސްފައި ރާނިއާ ފެނޭތޯ ބެލީމެވެ. ދުރުދުރުން އޭނާ ފެނެއެވެ. އޭނާއަށް އަހަރެންވެސް ފެންނާނެއެވެ. ގައިމު އަހަރެންގެ ގާތަށް ނައިތަނުގައި ހިނިތުންވެސް ވެނުލިއެވެ. ރާނިއާ ގާތަށް ދާކަށް އަހަރެންނަކަށް ނުކެރުނެވެ. އަހަރެން ދިޔައީ ޙަމީދު ގާތަށެވެ. އެކަމެއް ނުވިއޭ އަހަރެން ބުނީމެވެ. ޙަމީދު ލަފާދިނީ އަނެއްކާވެސް ފަންޑިތަބޭ ގާތަށް ދިއުމަށެވެ.
އަނެއްކާވެސް އަހަރެމެން ފަންޑިތަބޭ ގާތަށް ދިޔައިމެވެ. އަހަރެން ކަންތައްކުރި ގޮތް ކިޔައިދިނުމުން އެމީހާ ވަރަށް ނުރުހުންވެ އެއްޗެހިގޮވިއެވެ. އަދި ”ތިފާޑަށް އުޅެގެން ކަންކަމެއް ނުވާނެއޭ“ ބުންޏެވެ. ހިތްހަމަނުޖެހިފައި ހުރިނަމަވެސް އަނެއްކާވެސް އަހަރެންނަށް އޭނާ މަންތަރެއް ހަދައިދީފިއެވެ. މިފަހަރު ދިނީ އަނގޮޓިއެކެވެ. އަދި އެ އަޅައިގެން ކޮޓަރީގެ ބޮކި ނިވާލައި އަނދިރިކުރުމަށްފަހު ލޯގަނޑު ކުރިމަތީގައި ހުއްޓިފައި އޭނާ ދިން ކިޔެވެއްޔެއް ކިޔަވަން ބުންޏެވެ. އޭރުން އަހަރެންގެ ފަހަތުން ލޯގަނޑުން ”އެމަންޖެ“ ފެންނާނެ ކަމަށް ބުންޏެވެ. އެމަންޖެ އައިސް އަހަރެންގެ ކުރިމައްޗަށްއަރައި އަތުގައި ހިފަންދެން ހުއްޓާނުލައި ކިޔަވަން ބުންޏެވެ. އަހަރެން ވަރަށް ބިރުގަތެވެ. ނަމަވެސް އަގު އަދާކޮށްފައި ޙަމީދުއާއެކު ދާން ނުކުތީމެވެ.
ގެއަށް އައިސްފައި އަހަރެން ވަރަށް ވިސްނީމެވެ. ރާނިއާ ނުލިބުނަސް އެބުނާ ކަހަލަ ކަމެއް ކުރާކަށް ނުކެރޭނެއެވެ. އަހަރެންނަކީ ރޫހާނީ ކަންކަންދެކެ ވަރަށް ބިރުގަންނަ މީހެކެވެ. ވަރަށް ވިސްނުމަށްފަހު އަލަމާރީގެ ދަމާވަތްގަނޑަށް އަނގޮޓި ލީމެވެ. އަދި ކިޔެވެލިތައް ލިޔެފައިވާ ކަރުދާސްތައް އެހެން ތަނެއްގައި ފޮރުވީމެވެ. ރާނިއާ މަތިން ހަނދާންވާ ކޮންމެ ފަހަރަކު އަނގޮޓިއާމެދު ވިސްނީމެވެ. ނަމަވެސް ފަންޑިތަބޭ ބުނި ކަންތައް ކުރަން ހަމަ ޖެހިލުންވަނީއެވެ.
ދުވަސްތަކެއްގެ ފަހެވެ. ސްކޫލުގެ އެކި ކަންކަމުގައި އެކުގައި އުޅެންޖެހުމުން ރާނިއާވެސް އަހަރެންނާ ވާހަކަދައްކާ އުޅެންފަށައިފިއެވެ. އެހެންވެ އިސްތިރި ހެދުމުގެ ޚިޔާލެއް ފަހުން ނުގެންގުޅެމެވެ. ދުވަސްތައް ފާއިތުވަމުންގޮސް އަހަރެންވެސް މަޑުމަޑުން އެއްކަލަ އަނގޮޓީގެ މަތިން ހަނދާނެތިއްޖެއެވެ.
ދުވަހަކީ ރޯދައަށް ގޭތެރެ ސާފުކުރަން އުޅުނު ދުވަހެކެވެ. އަހަރެންނާއި ޙަމީދުގެ އިތުރުން އަހަރެންގެ ކޮއްކޮއަކު އުޅުނީ އަހަރެންގެ ކޮޓަރީގައި ކުލަލައި ތަރުތީބުކުރުމުގެ މަސައްކަތުގައެވެ. އަލަމާރީގެ އެކި ވަތްގަނޑުތައް ތަރުތީބުކުރަން އުޅުމުގެތެރޭގައި ކޮއްކޮއަށް އެއްކަލަ އަނގޮޓި ފެނިއްޖެއެވެ. ކޮއްކޮ އުޅުނީ އަނގޮޓި އަޅާށެވެ. އަހަރެން ދުވެފައި ގޮސް އަނގޮޓި އަތުލީމެވެ. އަދި ބުނީމެވެ. މިއެއް ނުދެވޭނެއެވެ. މިއީ އަހަރެންގެ އެންގޭޖުމަންޓު އަނގޮޓިއެވެ.
ކުލަލުމުގެ މަސައްކަތް ނިމި ޙަމީދުވެސް ގެއަށް ހިނގައްޖެއެވެ. ކޮއްކޮވެސް ކައިގެން ނިދަން ހިނގައްޖެއެވެ. އަހަރެން ކޮޓަރިއަށް ވަދެފައި ހިތަށްއެރިއެވެ. ކުރިއަށް އޮތީ ރޯދަމަހެވެ. ސައިތާނުންތައް ތިބޭނީ ކަސްތޮޅުއަޅުވާފައެވެ. އެހެންވީމާ އަނގޮޓި އަޅާލުމަކުން އެއްވެސް އަސަރެއް ނުކުރާނެއެވެ. ކިޔެވެލިބައި ކުރިއަށްނުގެންދިޔައިމާ ނިމުނީ ނޫންހެއްޔެވެ! މިހެންހިތާ އަނގޮޓި އަޅާލީމެވެ. އަދި ވެފައި ހުރި ވަރުބަލިން ގޮސް އެނދުގައި ޖައްސާލީމެވެ. އެއާއެކު އަހަރެން ގެނބިގެންދިޔައީ ކިހާ ފުން ނިންޖަކަށް ކަމެއްވެސް ނޭނގެއެވެ.
އަހަރެންނަށް ހޭވެރިކަންވީ މަންމަ ގޮވާއަޑަށެވެ. ލޯ ހުޅުވުމާއެކު ފުސް ނަޒަރުގެ ތެރޭން ސާފުވަމުން އައީ މަންމައާއި ބައްޕަގެ ތަސްވީރެވެ. ތެދުވަން އުޅެފައި ބެލިއިރު ވަރުބަލިކަން އިހުސާސްވިއެވެ. އަހަރެންނަށް ކިހިނެއްވީތޯ އެހީމެވެ. މަންމަމެން ކިޔައިދިނީ އާދަޔާޚިލާފު ވާހަކަތަކެކެވެ.
ހާރުކާން ގޮވުމުން އަހަރެން އުޅުނު ގޮތެކެވެ. މަންމަމެން ހާރުކާންތިއްބާ ޓޯޗު ހިފައިގެން ގޮސް އަހަރެން އުޅުނު ވާހަކައެވެ. އޭރު ގޭގައި ކަރަންޓު ހުރި ވާހަކައެވެ. އަހަރެންނާ ވާހަކަދައްކާ ދައްކާވެސް އަނގައިން ނުބުނެ ގޮސް ކޮޓަރިއަށް ވަތް ވާހަކައެވެ. މަންމަ އަހަރެންގެ ފަހަތުން ގޮސް ވަތްއިރު ގަދަ ނިދީގައި އޮތްވާހަކައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެހާ ފުން ނިންޖަކަށް އަހަރެން ގެނބުމުން އެކަމާ ހައިރާންވީ ވާހަކައެވެ. އަހަރެން އޮތްކަމަށްވަނީ ތިރިއަށް ފައި ބާލައިގެން، އެނދަށް ވެއްޓިގަނެގެން އޮންނަކަހަލަ ގޮތަކަށެވެ. އަތްފައި އޮތީ ފިނިވެފައެވެ. ހުންއައީ ކަމަށް ހީކޮށް އަހަރެން ނަގައި އެނދަށްލާފައި ރަޖާ އަޅައިދީފައި މަންމަމެން ދިޔައީއެވެ. ހެނދުނު ދިހައެއްޖަހާ ދިޔައިރުވެސް އަހަރެން ނުހޭލުމުން އައިސް ގޮވީއެވެ.
ވީގޮތް މަންމަމެން ގާތުގައި ބުނާކަށް ނުކެރުނެވެ. އަހަރެން ބުނީމެވެ. މާ ބުރަކޮށް މަސައްކަތްކުރީމާ މާބޮޑަށް ވަރުބަލިވީއެވެ. އަހަރެން ރޭގައި ހޭލައިގެން އުޅުނުކަން އެނގުނު ކަމަކަށް ނުހަދަމެވެ. މާ ނިދިގަދަވީމާ ވީގޮތެއް ކަމަށް މަންމަމެންވެސް ނިންމިއެވެ. ނަމާދުކޮށްލައިގެން އަރާމުކޮށްލާށޭ ކިޔާފައި މަންމަމެން ކޮޓަރިން ނުކުމެއްޖެއެވެ.
އެނދުން ތެދުވަނިކޮށް އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. ބަލައިލިއިރު އެއްކަލަ އަނގޮޓިއެވެ. ބިސްމި ކިޔާފައި ނަގައި ކުޑަދޮރުން އަތުކޮޅަށް ހޫރާލީމެވެ. ހިތަށްއެރިއެވެ. ކުރެވެން މި އުޅުނީ ހާދަހާ ނުރައްކާތެރި ކަމެކެވެ. ބޮޑު މުސީބާތެއް ނުޖެހި ސަލާމަތްވީކަން ނަސީބެވެ. ދެން ދުވަހަކުވެސް އެކަހަލަ ވިޔާނުދާ ކަމެއް ނުކުރާނަމެވެ. އަޢޫޒުކިޔާފައި ވާތްފަރާތަށް ފުމެ، ދަންނަހާ ހެޔޮ އެއްޗެއް ކިޔަމުން ތެދުވެ ނަމާދަށް ތައްޔާރުވީމެވެ. ދުވަހަކުވެސް ނަމާދަށް ފަރުވާކުޑަ ނުކުރުމަށް ޢަޒުމް ކަނޑައެޅީމެވެ. ޒިކުރު ކިޔައި، ޤުރުއާންކިޔެވުމަށް ސަމާލުވުމަށް ހިތުނިޔަތްގަތީމެވެ.
-ނިމުނީ-