އެ ދަތުރު

Loading

February 17, 2025
Facebook
Twitter
WhatsApp

”ކޮބާ ތިއްތާ؟ ނިދަނީ ދޯ އަދިވެސް!“ އަހަރެންނަށް ހޭލެވުނީ ކޮއްކޮ ގުޅީމައެވެ.


”މި ހޭލީ. ކިހިނެއްވީ؟“ އޭރު ގަޑިން މެންދުރުން އަނބުރާ އެކެއްޖެހީއެވެ.
”ދަތުރު ދާންވެގެން މިއުޅެނީ. ދާނަންތަ؟“ ކޮއްކޮ ބުންޏެވެ.
އެއީ ޗުއްޓީ ދުވަހެކެވެ. އަހަރެން ނިންމީ ދަތުރުދާށެވެ. އެދުވަހު ގޮސްފައި އޭގެ އަނެއް ދުވަހު އަންނަން ކުރާ ދަތުރަކަށްވާތީއެވެ. ފެރީ ފުރާގޮތަށް އޮތީ ތިންގަޑިބައިގައެވެ. ރޭގައި ކެއްކިފައި ހުރިކަން ނަސީބޭ ހިތަށްއެރިއެވެ.

ދެ ކުދިންނަށް ކާންދީފައި އަވަސްއަވަހަށް ކުދިންނަށް ބޭނުންވާ އެއްޗެހި ހަމަކޮށްލީމެވެ. ގަނެލަންޖެހޭ ބައެއް އެއްޗެހި ހުރިނަމަވެސް ހުކުރު ދުވަހެއްކަމުން ދޭއް ޖަހަންދެން ޖެހުނީ މަޑުކުރާށެވެ. ބާޒާރުކޮށްގެން އާދެވުނުއިރު ތިނެއްޖަހަން ފަނަރައަށް ވެއްޖެއެވެ. ދަބަސްތައް ތައްޔާރުކޮށްގެން، ކާރެއް ލިބޭތޯ ގެއިން ނުކުތީމެވެ. ގުޅައިގެން ކާރެއް ގެނައުމަށްވުރެ ފަސޭހަވާނީ މަގުމަތިން ކާރެއް ނެގީމައޭ ހިތާއެވެ. ފެރީ ފުރަން އޭރު ބައިގަޑިއެއްހާއިރަށް ވެއްޖެއެވެ.
އަހަރެމެން ގެއާ އެންމެ ކައިރިއަށްވެސް ކާރު އަންނާނީ މަޖީދީމަގު ކަންމައްޗަށެވެ. ތިންމައިން ދަބަސްތައް ހިފައިގެން ކާރެއްގެ އިންތިޒާރުގައި ތިބީމެވެ. ފަހަރަކު ކާރަކަށް އަތް ނަގަމުން ދަނިކޮށް ކާރެއް ހުއްޓައިފިއެވެ. ރޫޅެން ކައިރިވެފައި އޮތް އެ ކާރު ދުވަމުންދާއިރު ހީވަނީ ހަތަރު ފުރޮޅުވެސް ހަތަރު ދިމާއަށް ވިއްސައިގެން ހިނގައިދާނެހެންނެވެ. މައިގަނޑާއި ތޮށިގަނޑު ހީވަނީ އެއްގަލަށް ނޭރިގެން އުޅޭ ދެމަފިރިންހެންނެވެ. އިސްޕީޑު ފިސާރި މަޑެވެ. އަހަރެންނަށް ސިފަވީ ”ދިރިއުޅުމަކީ މިއީބާ“ގައި ފެންނަ ދާމިސްގެ ކާރެވެ. އަހަރެންނަކީ ކަންކަމާ ފިސާރި އަވަހަށް ހިނިއަންނަ، މަޖާ މިޒާޖެއްގެ މީހަކީމެވެ. ނަމަވެސް ދެރައީ އެވަގުތު އެކުގައި ހީލާނެ މީހަކު ކައިރީގައި ނެތީމައެވެ. ތިބީ ތުއްތު ދެ ދަރިންނެވެ. ފުރާ ވަގުތު ކުޑަތަންވެފައި އޮތުމުން، ކޮންމެ ގޮތެއް ވިއަސް ހެޔޮ ކަމަށް އެ ކާރަށް އަރައިފީމެވެ.
”ކޮބާ؟“ އެވަގުތު އައީ ކޮއްކޮގެ މެސެޖެކެވެ.
”މި ނައްޓާލީ! ދާމިސްގެ ކާރުގަ މި ދަނީ.“ ހިނިގަނޑަކާއެކު އަހަރެން ޖަވާބު ފޮނުވީމެވެ.
”އާނ ތިއޮތީ ވެފައޭ ދެން.“ ކޮއްކޮވެސް މަޖާވެފައި ރައްދުދިނެވެ.
އަހަރެންގެ ގާތަށް އައީ އަމަށަކު ހިންޏެއްނޫނެވެ. އަނގަމަތީގައި އަތްއަޅައިގެން ގުދުވެގެންއޮވެ ހިނިގަނޑު ކޮންޓްރޯލް ކުރެވޭތޯ މަސައްކަތްކުރީމެވެ. ކުއްލިއަކަށް ކާރު ހުއްޓިއްޖެއެވެ. އިސްޓާޓުވޭތޯ ޑްރައިވަރު ހުއްޓާނުލައި މަސައްކަތްކުރަމުން ދިޔައެވެ. ”މި ދެން ދެވުނީ ކަންނޭނގެ.“ އަހަރެންގެ ހިތަށްއެރިއެވެ. އިރުކޮޅަކުން ކާރު އިސްޓާޓުވެއްޖެއެވެ. ނަމަވެސް ކާރު ދުވަނީ ކުރިއަށްވުރެވެސް މަޑުން، ޒާތެއްގެ ”ޓަކަޓަކަ“ އަޑެއްވެސް ގޮވަމުންނެވެ. އަހަރެމެންނަށް ލަސްވާނެކަން އެނގޭތީ ޑްރައިވަރު އެހެން ކާރެއް ލިބޭތޯ ސެޓުން ގޮވަމުން ދިޔައެވެ. އަނެއްކާވެސް ވަކި ހިސާބަކުން ކާރު ހުއްޓިއްޖެއެވެ. މިފަހަރުވެސް ވަރަށް މަސައްކަތުން އަނެއްކާވެސް އިސްޓާޓުވެއްޖެއެވެ. އެހެން ކާރެއް ލިބޭގޮތް ނުވުމުން އަނެއްކާވެސް އެ ކާރުގައި ދަތުރު ކުރިއަށްގެންދިޔައިމެވެ. މަޑުން ދުވިނަމަވެސް އޭގެފަހުން އެކަހަލަ ކަމެއް ދިމައެއްނުވެއެވެ. އަހަރެންގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނީ ފެރީ އޮންނަ ހިސާބާ ވަރަށް ކައިރިއަށް ދެވުނުއިރުވެސް އިތުރު މައްސަލައެއް ދިމާނުވީތީއެވެ. ނަމަވެސް ހަމަ ކުއްލިއަކަށް އަނެއްކާވެސް ކާރު ހުއްޓިއްޖެއެވެ. ފެރީ އޮތް ހިސާބާ ދާދި ގާތަށެވެ. އެހެންކަމުން ކާރުން ފައިބައިގެން ހިނގައިގަތީމެވެ. ފެރީއާ ކިތަންމެ ކައިރި ނަމަވެސް ތުއްތު ދެ ދަރިން ގޮވައިގެން ދަބަސްތައް ހިފައިގެން އެހިސާބަށް ހިނގުން ވީ ފަސްމަޑު ގޮނޑުދޮށެއްގައި ދުވުންކަހަލަ ކަމަކަށެވެ. އޭރު ފޯނު ރިންގުވަމުން ދިޔަނަމަވެސް ވަގުތު ސަލާމަތް ކުރުމަށްޓަކައި ފޯނަށް ޖަވާބުނުދީ ކުރިއަށް ދިޔައިމެވެ. ހިނގަމުން ދުވަމުން ކަހަލަ ގޮތަކަށް ގޮސް ފެރީއާ އަރައި ހަމަކުރީމެވެ. ނަމަވެސް އޭރު ފެރީ ނައްޓާލަނީއެވެ. ފޯނު ނަގައި ބަލައިލީމެވެ.
”ފެރީ ނައްޓާލީ މިއޮއް. ދެން ލައްވައެއްނުލާނެ. އެހެން ބުނަންވެގެން ގުޅީ. ދާމިސްއާ އެއްކޮށް ގެއަށް ދޭ ދެން!“ ކޮއްކޮގެ ސަމާސާ ރާގުގައި މެސެޖުކޮށްފައި އޮތެވެ.
”ސާބަހޭ!“ ދެރަވިއަސް އަހަރެންގެ ގާތަށް އައީ ހިންޏެވެ.
”ދާމިސް“ ވެސް އޭރު ފެންނާކަށް ނެތެވެ. މެރީ ބްރައުން ސަރަހައްދަކީ އޭރު ވަރަށް މަދުން އެއްޗެހި ދުއްވާ ސަރަހައްދެކެވެ. ކާރެއްގެ ހިލަމެއްވެސް އެހިސާބުގައި ނެތެވެ. ކާރެއް ލިބޭތޯ ވަރަށް ގިނައިރު މަސައްކަތްކުރުމަށްފަހު ހިނގައިގަތީމެވެ. އަސުރުދަމަށް އެޅިނަމަވެސް އޭރު އަދި ހޫނުކަމެއް ނުފިލައެވެ. ވަރަށް ދުރަށް ހިނގިފަހުން ކާރެއް ލިބޭގޮތް ވެއްޖެއެވެ. ގެއާވީކޮޅަށް ކާރު ދުއްވަމުން ދިޔައިރު އަހަރެންގެ ހިތަށް ތަފާތު ޝުޢޫރުތައް ވެރިވަމުން ދިޔައެވެ. ޢަޒުމް ކަނޑައެޅީމެވެ. އަހަރެން ދެން މިހާ އަވަސްއަރުވައިގެން ތަންތަނަށް ދާކަށް ނޫޅޭނަމެވެ. މިއީ އަހަރެންނަށް ވާވަރުގެ ކަމެއް ނޫނެވެ. އެކި މީހުންގެ އަތްމަތި އަވަސްމިން ހުންނާނީ އެކި މިންވަރަށެވެ. އަހަރެންނަކީ އަތްމަތި އަވަސް މީހެއް ނޫނެވެ. ނަމަވެސް ކުރާ ކޮންމެ ކަމެއް ފަރުވާތެރިކަމާއެކު ކުރާ މީހަކީމެވެ.

-ނިމުނީ-

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް