ޔޫއެސްއޭޓްޑޭ އިން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ޔޫ އެސް އެއިޑް ޕްރޮގްރާމްގައި މަސައްކަތްކުރަމުން އަންނަ ދިހަހާސް މުއައްޒިފުންގެ ތެރެއިން ކޮންމެހެން މަސައްކަތުގައި ބަހައްޓަންޖެހޭ ވަރަށް މަދު މީހަކު ފިޔަވައި އެހެން ހުރިހާ މީހުންނަށް މިއަންނަ ހުކުރުދުވަހުން ފެށިގެން ގަދަކަމުން ޗުއްޓީ ދިނުމަށް ޓްރަމްޕް ސަރުކާރުން ނިންމައި އެކަން މިދިޔަ އަންގާރަ ދުވަހު ހުރިހާ މުއައްޒިފުންނަށް އަންގައިފިއެވެ.
ސްޓޭޓް ޑިޕާރޓްމެންޓުން ޔޫ އެސް އެއިޑްގެ މުއައްޒިފުންނަށް ފޮނުވާފައި ނޯޓިސްގައި ބުނެފައިވަނީ “ ޔޫ އެސް އެއިޑް ޕްރޮގްރާމް އުވާލަން ރައީސް ޓްރަމްޕް އާއި އިލޯން މަސްކް ނިންމަވާފައި ވުމާއެކު ދުނިޔޭގެ ކަންކޮޅުތަކުގައިތިބި ޔޫ އެސް އެއިޑްގެ ފަރާތުންވަޒީފާދީފައިތިބި ހުރިހާ މީހުންނަށް 7 ފެބްރުއަރީ ވާ ހުކުރު ދުވަހުގެ އީސްޓާރން ޓައިމުން ރޭގަނޑު 11.59 އިން ފެށިގެން ޗުއްޓީ ދެވުނީ ކަމަށެވެ ”. ދެން ވަޒީފާގައި ތިބޭނީ ހަމައެކަނި ޔޫ އެސް އެއިޑް މިޝަންގެ ތަންގީދީ ( ކްރިޓިކަލް ) މަސްއޫލިއްތަށް ޚާއްސަ ކުރެވިފައިތިބި މުއައްޒިފުންނެވެ.
ބޭރުގައުމުތަކުގައި ތިބި އެ މިޝަންގެ މުއައްޒިފުން އެނބުރި އެމެރިކާއަށް ގެނައުމަށާއި އެގްރީމެންޓްތައް އުވާލުމާގުޅޭ އެންމެހާ ކަންތައް ކުރިއަށް 30 ދުވަހުގެ ތެރޭގައި ސްޓޭޓް ޑިޕާރޓްމެންޓުން ހަމަޖައްސާނެއެވެ. ވަޒީފާ ނެތި ދިއުމުގެ ސަބަބުން މުއައްޒިފުންގެ އާއިލާތަކަށް މެދުވެރިވެދާނެ ހުރިހާ ހާލަތަކަށް އެ ޑިޕާރޓްމެންޓުން ރިއާޔަތް ކުރާނެއެވެ. ޔޫ އެސް އެއިޑް ޕްރޮގްރާމާއި ބެހޭ އެންމެހާކަންތައް ދެން ބަލަހައްޓާނީ ސްޓޭޓް ޑިޕާޓްމެންޓުންނެވެ. އަދި ޚާރިޖީ ވަޒީރު ރުބިއޯ އަކީ އެ ޕްރޮގްރާމްގެ ޑިރެކްޓަރ އެވެ.
ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ ޔޫ އެސް އެއިޑް ޕްރޮގްރާމަކީ ކޮރަޕްޝަނާއި ފަސާދައިގެ ހާއްޔަކަށް ވެފައިވާކަމަށެވެ.
1998 ވަނަ އަހަރު ކޮންގްރެސް އިން އުފައްދާފައިވާ ޔޫ އެސް އެއިޑް ޕްރޮގްރާމް މިހާ ކުއްލިގޮތަކަށް ހުއްޓާލަން ރައީސް ޓްރަމްޕް އަށް ގާނޫނީ ހައިސިއްޔަތު ލިބިފައި ނުވާކަމަށާއި އަދި އެކަމުގައި އިލޯން މަސްކް ކުޅެމުންދާ ރޯލަށް ޑިމޮކްރެޓުން ގެންދަނީ ނުރުހުން ފާޅު ކުރަމުންނެވެ. ޔޫ އެސް އެއިޑް ޕްރޮގްރާމަށް ކޮންގްރެސްއިން ވަނީ 40 ބިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ދީފައެވެ.