ޔުނައިޓެޑް ނޭޝަންސްގެ އެކިއެކި ޕްރޮގްރާމްތަކަށް އެމެރިކާއިން ދެމުންގެންދާ އެހީ ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމަވައި އެކަންތައް ރަސްމީކުރުމަށް ބޭނުންވާ ގަރާރުތަކުގައި މިދިޔަ އަންގާރަ ދުވަހު ސޮއިކުރައްވައިފިއެވެ. އޭގެތެރޭގައި ޔޫ އެން ހިއުމަންރައިޓްސް ކައުންސިލާއި ފަލަސްތީނަށް އެހީވުމަށް ކަނޑައަޅާފައިވާ ޔޫ އެން އާރ ޑަބްލިޔޫ އޭ އަދި ޔުނެސްކޯވެސް ހިމެނެއެވެ. ވައިޓް ހައުސްގެ ސްޓާފް ސެކްރެޓަރީ ވިލް ޝަރފް ބުނެފައި ވަނީ ރައީސް ޓްރަމްޕް އެ ފިޔަވަޅު އަޅުއްވާފައި ވަނީ ޔޫއެންގެ އޭޖެންސީތަކުން އެމެރިކާގެ މަސްލަހަތާ ދެކޮޅަށް ކަންތައްކުރަމުން ގެންދާތީ ކަމަށެވެ.
ފަލަސްތީނަށް އެހީވުމަށް ކަނޑައަޅާފައިވާ ޔޫ އެން އާރ ޑަބްލިޔޫ އޭ ގެ 12 މުއައްޒިފަކު ހަމާސްއަށް އެހީތެރިވެދޭކަމަށް އިސްރާއީލުން ތުހުމަތު ކުރުމުން އެ ޖަމްއިއްޔާއަށް އެމެރިކާއިން ފޯރުކޮށްދެމުން ގެންދިޔަ އެހީތައް 2024 ޖެނުއަރީއިން ފެށިގެން ރައީސް ޖޯ ބައިޑްންގެ ރިޔާސަތުގައި ވަނީ ހުއްޓާލާފައެވެ. އެހެންނަމަވެސް މިއަދާހަމަޔަށްވެސް އިސްރާއީލުގެ ތުހުމަތު ސާބިތުކޮށްދެވިފައެއް ނުވެއެވެ.
ޔޫ އެން ހިއުމަންރައިޓްސް ކައުންސިލް އަކީ 3 އަހަރު ދުވަހުގެ މުއްދަތަށް 47 މެމްބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް ޖެނެރަލް އެސެމްބްލީން އިންތިޚާބު ކުރާ ކައުންސިލެކެވެ. އެ ކައުންސިލްގައި އެމެރިކާގެ މެމްބަރޝިޕް ޑިސެމްބަރ 31 ގައި ވަނީ ހަމަވެފައެވެ. މިހާރު އެމެރިކާއިން ބައިވެރިވަމުންގެންދަނީ އޮބްޒަރވަރެއްގެ ހައިސިއްޔަތުންނެވެ. އެހެންނަމަވެސް އަންގާރަ ދުވަހު ރައީސް ސޮއިކުރެއްވި ގަރާރަށްފަހު އެ ކައުންސިލްގައި އެމެރިކާގެ ދައުރު ނިމުމަކަށް އައީއެވެ.
ރައީސް ޓްރަމްޕްގެ ފުރަތަމަ ރިޔާސަތުގައި ޖައްވު ހޫނުވުމާއިގުޅިގެން ތިމާވެއްޓަށް އަންނަ ބަދަލުތަކާބެހޭ ޕެރިސް ކްލައިމެޓް އެކޯރޑުން އެމެރިކާވަކިވެ އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއަށް އެމެރިކާއިން ދެމުންގެންދާ އެހީގެ މިންވަރުވެސް މަދުކުރަން ފަށައިފިއެވެ.
އަންގާރަ ދުވަހު ރައީސް ނެރުއްވި ގަރާރުތަކުގައި އެމެރިކާއިން ޔުނައިޓެޑް ނޭޝަންސް އަށް ކުރަމުން ގެންދާ ހޭދައިގެ މިންވަރާއި އަދި އެހެނިހެން ގައުމުތަކުން ޔޫ އެން އަށް ކުރާ ހޭދައިގެ ހިއްސާވެސް ބަލާ ޗެކްކުރަން ވަނީ އަންގަވާފައެވެ. ޓްރަމްޕް ވިދާޅުވެފައިވާ ކަމަށްވަނީ ޔުނައިޓެޑް ނޭޝަންސް ހިނގަމުންދަނީ އެންމެ ރަނގަޅަށް ނޫންކަމަށެވެ. އެ ޖަމްއިއްޔާ ހިންގަން ހުރިހާ ގައުމަކުން ހޭދަކުރަން ޖެހޭނެ ކަމަށާއި އެމެރިކާގެ ބޮލަށް ކަނޑާލާފައިވަނީ މާ ބޮޑު ހިއްސާއެއް ކަމަށްވެސް ރައީސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
ނޭޓޯ ވެސް ހިމެނޭގޮތުގައި އެމެރިކާއިން ބައިވެރިވެފައިވާ ބައިނަލް އަގްވާމީ ޖަމާއަތްތަކަށް އެމެރިކާއިން ކުރަންޖެހޭ ހޭދަ ބޮޑުކަން ފާހަގަކޮށް މީގެކުރިންވެސް ޑޮނާލްޑް ޓްރަމްޕް ގެންދަވަނީ ހިޔްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ.