ސިނގިރޭޓް ނުލައި ވޭޕް އެތެރެކުރުން މަނާކޮށްފައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ރައީސް އިލްތިމާސް ކުރައްވައިފިއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކެންސަރަށް މަގުފަހިވާ އެންމެ ބޮޑު ސަބަބު ކަމަށް ވިދާޅުވެ، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ވަރުގަދަ އަޒުމެއް ކަޑައެޅުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ކެންސަރު ދުވަހުގެ މުނާސަބަތުގައި މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒު ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކެންސަރާއި ފުރާނައަށް ނުރައްކާވާ އެހެނިހެން ބަލިތަކަށް ނުރައްކާވާ ވަރަށް ބޮޑު ސަބަބެއްކަން ފާހަގަކުރައްވައި، އެ އާދައިން ދުރުހެލިވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދުޅަހެޔޮ ދިރިއުޅުމެއް ގެންގުޅުމަށާއި ކެންސަރުން ރައްކާތެރިވުމަށް ގައުމީ ފެންވަރުގައި ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ބާރުއެޅުއްވިއެވެ.
ކެންސަރަކީ ރާއްޖޭގައި އާންމު ސިއްހަތުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކެންސަރު ބަލީގެ ރަޖިސްޓްރީގައި މިހާރުވެސް 1400 އަށް ވުރެ ގިނަ މީހުން ލިސްޓުކޮށްފައިވާ އިރު، ކެންސަރު މޮނިޓަރިން އާއި ފަރުވާގެ ހިދުމަތްތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާއި ވޭޕްކުރުމުގެ ބާވަތްތަކުގެ ނުރައްކާތެރިކަން ދެނެގަނެ، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ވިއްކުމާއި އިމްޕޯޓް ކުރުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާކުރުމަށް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ގާނޫނަށް 15 ޑިސެމްބަރު 2024 ގައި ވަނީ އިސްލާހު ގެނެސްފަ އެވެ. ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ވެސް ސަރުކާރުން ވަނީ 50 ޕަސެންޓް ބޮޑުކޮށް، އެ ތަކެތި ލިބުން މަދުކޮށްފަ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްޔިތުން ސަލާމަތް ކުރުމަށް ޓަކައި އާންމު ސިއްހަތުގެ މަސައްކަތްތައް ކުރިއެރުވުމަށާއި ގަވާއިދުތައް ހަރުދަނާ ކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރެ އެވެ.