ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހޯދައިދިނުމަށްޓަކާ ގިނަގުނަ މަސައްކަތް ކޮށްދިނީތީ ބަދަލުގައި ދައުލަތުގެ ބާރެއް ހިބަކޮށްދޭކަށް ނުޖެހޭނެއެވެ. ދައުލަތުގެ ތިންބާރުގެ ވެރިންގެ ގޮތުގައި ތިއްބަވަން ވާނީ ކިޔަވައިގެން ތިއްބެވި ޢިލްމީ ގާބިލް ބޭފުޅުންނެވެ. އަދި އެފަދަ ބޭފުޅުން ވާން ވާނީ އަބުރުވެރި ނަޒާޙަތްތެރި ބޭފުޅުންނަށެވެ.
ތިމާއަށް ރަނގަޅުގޮތް ވުމަށްއެދި މަސްކަތެއް ކުރުމަކީ ރައްޔިތުންގެ ބާރު އެމީހާއަށް މިލްކު ކޮށްދޭން ޖެހޭ ސަބަބެއްވެސް ނޫނެވެ. ތަޢުލީމެއް ތަރުބިއްޔަތެއް ލިބިފައިނުވާ އަދި ވައްކަމުގެ ރެކޯޑު އޮތް އަބުރުކަތިލެވިފައިވާ މީހަކަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ވަކިފެންވަރެއް ބަޔާންކުރެވިފައި ނެތަސް އެފަދަ މަގާމެއް ދިނުމަކީ ދައުލަތުގެ ބާރެއް ކިސަޑުގައި ދަމާލުންފަދަ ކަމެއް ކަމުގައި މެނުވީ ނުވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންނަށް ރަނގަޅުގޮތްތައް މެދުވެރި ކޮށްދިނުމަށްޓަކާ ރައްޔިތުން ކަނޑައަޅާފަރާތެވެ. އެހެންކަމުން ރައީސުލް ޖުމްހޫރިއްޔާ ކުރައްވާފައިވާ މަގާމުގެ ހުވަޔާ އެއްގޮތަށް އިޚުލާޞްތެރިކަމާއެކު ރައްޔިތުންގެ ޙައްގުތަކާ ވާޖިބުތަކަށް ރައްކާތެރިވާން ޖެހޭނެއެވެ.
މި ފަހުގެ ރައީސުން ވެރިކަން ކުރައްވަމުން އެ ގެންދަވަނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ މުޅިން އާގޮތަކަށް އޭގައިވާ ރައްޔިތުން ޙައްގުތަކާއި ބެހޭ ބާބު ހިތުން ބަދަލުކޮަށްގެން ވެރިކަން ކުރެވިދާނެ ގޮތަކަށެވެ. އެގޮތަކީ ތަޢުލީމެއް ފެންވަރެއް އަދި ނަޒާޙައްތެރިކަމެއް ނެތް ބަޔަކަށް ދައުލަތުގެ މަތީ މަގާމުތައްދީ އެފަރާތްތަކަށް ރައީސުލްޖުމްހުރިއްޔާ އަކީ ފަޞާހަތްތެރި ބޭފުޅެއް ކަން ދައްކަވަން އުޅުއްވުމެވެ. އަނެއްގޮތަކީ ރައްޔިތުން ބޮލާފޮށާ އަޅުވައި ވެރިކަން ހޯދައިދޭން މަސައްކަތް ކުރި މަސައްކަތު މީހުންގެ ހިތަކަށް މުޅި ދައުލަތް އެމީހުނަށް މިލްކުކޮށްދީ އެ ވެރިންނަށް ދައުލަތުގެ އެންމެހައި މުދަލާ ފައިސާއާއި ލިބޭ ނަފާއާއި އަދި އެންމެހައި ވަސީލަތްތަކާއި ބާރުތައްދީ ވަށައިގެން ފުޅަށް އަޅުވައި އެ ފުޅަފުގެ މެދުގައި ރައީސް ހުންނެވުމެވެ. މީ އަލަށް މި ރައީސް އީޖާދުކުރެއްވި ލޮލަށް ނުފެން ގާނޫނީ ނިޒާމެއް ނޫންތޯއެވެ.
ގާނޫނު އަސާސީގައި ލިއެފައި ވެއެވެ. ވެރިކަމުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ.އެހެން ކަމާއެކު ރައީސުލް ޖުމްހޫރިއްޔާ ނުވަތަ ރައްޔިތުންގެ ފަރާތުން ކަނޑަ އަޅާފައިވާ ވެެރިމީހާ ކުރައްވާފައިވާ މަގާމުގެ ހުވަޔާ ޚިލާފުވެއްޖެނަމަ ރައްޔިތުންގެ ކުރިމަތީގައި އެ ރައީސެއްގެ އިތުބާރު ގެއްލި ރައްޔިތުންނަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން މުތުލަގަށް ލިބިދީފައިވާ ގާނޫނީ ބާރު ރައްޔިތުން ބޭނުން ކުރާނެއެވެ. އެއީ ރައްޔިތުންނަށް ލިބިފައިވާ ގާނޫނީ ޙައްގެކެވެ. އެހެން ކަމާއެކު ރައްޔިތުންގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާއަށް އެކަން ބަޔާންކޮށް ދިނުމަކީ ކުށެއް ނޫނެވެ. ޚިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ގާނޫނީ ޙައްޤަކަށް ވީ ހިނދު ރައްޔިތުން ޞުލްވެރިކަމާއެކު މަގުމައްޗަށް ނުކުތުމަކީ ރައްޔިތުންނަށް ލިބިފައިވާ ގާނޫނީ ވާޖިބެކެވެ.
އެހެން ކަމުން ރައްޔިތުންގެ ގާނޫނީ ވާޖިބަށް އެވެސް ފަރާތަކުން ހުރަސް އަޅައިގެން ނުވާނެއެވެ. ފުލުހުންނަށް ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ކުރަން ޙަވާލު ކުރެވިފައިވާ މަސައްކަތަކީ ރާއްޖޭގެ އަމާންކަމާއި ސުލްހަ ބެލެހެއްޓުމެވެ. އެހެން ކަމުން ރައްޔިތުން ގާނޫނުތަކާ ޚިލާފު ނުވާހާ ހިނދު ރައްޔިތުން މަގުތަކަށް ނުކުމެ ރައްޔިތުންގެ ޚިޔާލު ފާޅުކުރުމަށްޓަކާ ބާއްވާ އެއްވުންތަކަށް ހުރަސް އެޅުމަކީ ރައްޔިތުންގެ ވާޖިބަށް ހުރަސް އެޅުމެވެ. އެއީ ގާނޫނީ ކުށެވެ. ވެރިކަމުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ވާއިރު ރައްޔިތުން ޞުލްހަވެރިކަމާއެކުކުރާ އިހުތިޖާތަކަށް އެއްވެސް ފަރާތަކުން ހުރަސް އެޅުމަކީ ވެސް ގާނޫނީ ކުށެކެވެ.
އެހެން ކަމާއެކު ރާއްޖޭގެ ޞުލްހަ ބަލަހައްޓާފަރާތްތަކަށް އެއްވެސް ފަރާތަކުން ކުރާ ޣައިރުގާނޫނީ އެއްވެސް އަމުރެއް އެ ފަރާތުން ތަންފީޒުކޮށްގެންނުވަނެއެވެ. ފުލުހުންންނަކީ ރައްޔިތުންގެ ފައިސާއިން މުސާރަދީގެން ރައްޔިތުންގެ ޞުލްހަ ބަލަހައްއްޓަން މަތިކޮށްފައިވާ ބަޔަކަށްވީ ހިނދު އެއްވެސް ރައްޔިތަކު ގާނޫނުތަކާ ޚިލާފު ނުވަހާ ހިނދު ރައްޔިތެއްގެ ގަޔަށް އަތްލައި އަނިޔާކޮށް ފާޑުފާޑުގެ ގޭހާއި ކަރަންޓް މުގުރުން ރައްޔިތަކަށް ޙަމަލާ ދިނުމަކީ އެފަދަ ޢަމަލެއް ހިންގިފަރާތެއް ކުށްވެރިވާނޭ ކަމެކެވެ. ރައްޔިތުން ބިކަޙާލުގައި ޖައްސާ ސަރުކާރެއް ދަމަހަށްޓަން ބޭނުންވާނީ ކޮން ރައްޔިތެއްތޯއެވެ. ތިމާމެންގެ އަމިއްލަ ސިކުނޑިން ވިސްނާލުމުން ޖަވާބު ލިބިވަޑައިގަންނަވާނެއެވެ. މި ވެރިކަން ފެށުމުގެ ކުރިން ރައްޔިތުންގެ ގާތަށް ކުރެއްވި ކެމްޕެއިން ޒިޔާރަތްތަކުގައި ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ ގާތުގައި ދެއްކެވި ވާހަކަފުޅުތަކުގެ މަތިން ހަނދުމަފުޅު ނެތުނީތޯއެވެ. މަސްވެރިން ބިކަޙާލުގައި ޖައްސައިފިއެވެ. ބަލިމީހުންނަށް ލިބެމުން އައި ހިލޭ ބަސްފަރުވާއަށް ހުރަސް އަޅުއްވައިފިއެވެ.
ރައްޔިތުންގެ މުދަލާއި ފައިސާއަށް ދައުލަތުގެ އިސްވެރިން ޚިޔާނާތްތެރިވުމުގެ ސަބަބުން ބައިތުލްމާލުން އުނިވާ ފައިސާ ރައްޔިތުން ފެލާލައިގެން އެގެންދަނީ ހަމަޖައްސަމުންނެވެ. ސިޔާސީ ވެރިންނާއި އެ ފަރާތްތަކަށް މަހުޖަނުންގެ އަތުން ނާޖާއިޒް މަންފާ ލިބޭނޭ މަގުތައް ކޮށައިދީ ދައުލަތުގެ ޚަޒާނާއިން ރައްޔިތުންނަށް ޙައްގުވާ މިންވަރު ނުދީ ރައްޔިތުން އެވަނީ ބިކަޙާލުގައި ޖައްސާފައެވެ.
އެހެން ކަމުން މި ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެކޭ ބުނެވޭކަށް ނެތެވެ. ދައުލަތް ދަރާވިކި ގައުމު ބަނގުރޫޓްވެ އަންނާން އޮތް ޖީލުތަކާ ހަމަށް ގައުމު އެ ވަނީ ދަރުވާލާފައެވެ. ސަރުކާރާ ދެކޮޅަށް އަޑުއުފުލާ ރައްޔިތުން ހުއްޓުވަން ބޭނުންނަމަ ނިގުޅައި ގަންނަމުން އެދާ ރައްޔިތުންގެ ޙައްގުތައް އަނބުރާ ރުޖޫޢަކޮށް ގާނޫނު އަސާސީއާއި އެއްގޮތަށް ވެރިކަން ކުރައްވާށެވެ.
One Response
މިފަހުގެ ތާރީޚުގައި ލަންކާގެ ވެރިކަން ބަދަލު ކުރި ބީދައިން ރާއްޖޭގެ ވެރިކަންވެސް ބަދަލުވާން އެބަޖެހެއެވެ..ފަސްބައި ސާފު ތެދުވެރި އިޚުލާޞްތެރި ކެރޭ ހިތްވަރުގަދަ ﷲގެ މަގުގައި ޤުރުއާނާގާތަށް ވެރިކަން ކުރަން ވަކާލާތު ކުރާ އެކަމުގައި ޤުރުއާން އެއް އަތުން ހިފައިގެން ހުރެ ހުވާކުރަން ކެރޭ މީހަކު ވެރިކަމަށް ގެންނަން ކޮންމެ ފަރުދަކު ވެސް ވޯޓް ދެއްވާ..އެވާޖިބު އަދާ ކުރައްވާ…ލަންކާގަ ވެސް ޓްރިލިއަން ޑޮލަރުން ބަހަބަހާއޮތްވާ އާދައިގެ ތެދުވެރި ހިތްވަރުގަދަ ބަހުގެ އިތުބާރުއޮތް ސޮރަކު ރައްޔިތުންގެ އެހޮވީ.އެސޮރު ހޮވޭނެ ކަމުގެ އެއްވެސް އުއްމީދެއް އޭރު ނެތް…ރައްޔިތުން އެމީހުންގެ ފަރުދީ ވާޖިބު އަދާކުރީ…ރާއްޖޭގައި ވެސް ތިބި ވަގުން ދޫކޮށް އެފަަދަ މީހަކަށް ވޯޓް ދެއްވާ..