ކުރު ވާހަކަ:ދަރިފުޅު ކަދުރު ގެނެސްފައި އޭގެ އޮށް ނުނަގަމެއް ނޫން ހެއްޔެވެ؟

Loading

Facebook
Twitter
WhatsApp

ފަތިސް ނަމާދަށް ފަހު، އަބޫ ބަކުރުގެފާނު، ކޮންމެ ދުވަހަކު ވެސް، މަދީނާގެ ރަށް ބޭރަށް ވަޑައިގެން، ކުޑަކުޑަ ގެގަނޑަކަށް ވަންނަވައި، ވަގުތުކޮޅެއް ހޭދަކޮށްލައްވާތީ އެކަމާ ދިމާއަށް އުމަރުގެފާނުގެ ސަމާލުކަން ދިޔައެވެ. އާންމު ގޮތެއްގައި، އަބޫ ބަކުރުގެފާނު ކުރައްވާ ކަންކަން އުމަރުގެފާނު ދެނެވަޑައިގަނެއެވެ. ނަމަވެސް، ރަށްބޭރުގައި ހުންނަ މި ގެއަށް އަބޫ ބަކުރު ވެދެވަޑައިގަންނަވީ ކީއްވެގެން ކަމެއް، އެކަމުގެ ސިއްރަކީ ކޮބައި ކަމެއް، އެއްގޮތަކަށް ވެސް އުމަރުގެފާނަކަށް އެނގިވަޑައިގެން ނުވެއެވެ.

ކޮންމެއަކަސް، މިގޮތުގައި، ދުވަސްތައް ހޭދަވަމުން ދިޔައެވެ. އަބޫ ބަކުރުގެފާނުގެ އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް، ފަތިސް ނަމާދަށް ފަހު، އެއްކަލަ ގެއަށް ވަދެވަޑައިގަންނަވަމުން ގެންދެވިއެވެ. ނަމަވެސް، އެކަމުގެ ސިއްރު އުމަރުގެފާނަށް އެނގިވަޑައިގަންނަވާ ގޮތެއް ހަމަ ނުވިއެވެ. އެންމެފަހުން، އުމަރުގެފާނު ނިންމެވީ އެގެއަށް ޒިޔާރަތްކުރައްވައި އެކަމުގެ ސިއްރު ހޯއްދެވުމަށެވެ.

ދެން، އެއްދުވަހު، އުމަރުގެފާނު އެގެއަށް ވަޑައިގަތެވެ. އެގެއިން އެކަލޭގެފާނު ދެކެވަޑައިގަތީ، އެނދެއްގެ މަތީ އޮތް ވަރަށް މުސްކުޅި އަންހެނެކެވެ. މުސްކުޅިވެ، ގައިގެ ބާރު ނެތިމުގެ ސަބަބުން ހިރިވެސް ނުލެވޭހާ ޟައީފު، ބަލިކަށި، އަދި، ދެ ލޯ ވެސް އަނދިރި ލޮލަށް އެއްގޮތަކަށް ވެސް ނުވެސް ފެންނަ، މުސްކުޅި މީހެކެވެ.

އުމަރުގެފާނު އޭނާއާ ސުއާލުކުރެއްވިއެވެ. ދައްތަގެ ގެއަށް ކޮންމެ ދުވަހަކު ހެނދުނު ޒިޔާރަތްކުރާ ބޭކަލަކު ދައްތަގެ ގޭގައި ކުރައްވަނީ ކޮން ކަމެއް ހެއްޔެވެ؟

ދެން، އެ މުސްކުޅި ދައްތަ ބުންޏެވެ. ދަރިފުޅާއެވެ! އެއީ ކާކުކަމެއް ދައްތައަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގެއެވެ. ނަމަވެސް، އެ ބޭކަލަކު ވަޑައިގެން، އަދި، ކަންކަން ނިމުމުން، އެއްވެސް ބަހެއް ވިދާޅު ނުވެ، ނިކުމެވަޑައިގެން އޭނާ ވަޑައިގަނެއެވެ.

ދެން، އަބޫ ބަކުރުގެފާނު އަވަހާރަވުމުން، އެކަލޭގެފާނު ފަދައިން، އުމަރުގެފާނު، އެއްކަލަ މުސްކުޅި ލޯ އަނދިރި ދައްތައަށް ޚިދުމަތް ކުރައްވަން ފެއްޓެވިއެވެ. އޭނާގެ ގެ ސާފުކޮށްދެއްވައި، އޭނާއަށް ކާނާ ގެންދެވިއެވެ.

އެގޮތުން، އެގެއަށް އުމަރުގެފާނު ވަޑައިގެންނެވި ފުރަތަމަ ދުވަހު ކަންކަން ނިންމާލުމުން. މުސްކުޅި ދައްތަ އުމަރުގެފާނަށް ދެންނެވިއެވެ. ދަރިފުޅާއެވެ! ދަރިފުޅުގެ އެކުވެރިޔާ ނިޔާވީ ހެއްޔެވެ؟

ދެން އުމަރުގެފާނު ވިދާޅުވިއެވެ؟ އެކަން ދައްތައަށް އެނގެނީ ކިހިނެއް ހެއްޔެވެ؟

ޖަވާބުގައި ދައްތަ ދެންނެވިއެވެ. ދަރިފުޅު ކަދުރުކޮޅު ގެނައި އިރު، އޭގެ އޮށްތައް ހުރީ ނުނެގިއެވެ.

ދެން އުމަރުގެފާނު ފެންކަޅިވެ، އެކަލޭގެފާނުގެ މަޝްހޫރު ބަސްފުޅު ވިދާޅުވިއެވެ. ”އޭ އަބޫ ބަކުރުގެފާނެވެ! ކަލޭގެފާނަށް ފަހު ވަޑައިގަންނަވަން ތިއްބެވި ޚަލީފާ ވެރި ބޭކަލުންގެ މަސައްކަތްޕުޅު ބުރަކޮށް، ކަލާގެފާނު އެ ޚަލީފާއިން ވަރުބަލިކޮށްލައްވައިފީމުއެވެ!“

މި ކުރު ވާހަކައިން ގަސްދުކުރެވޭ މާނައަކީ ކޮބައި ހެއްޔެވެ؟ އިހުގެ ޚަލީފާވެރި ބޭކަލުން، އެ ބޭކަލުންގެ ވެރިކަމުގެ މަސްއޫލިއްޔަތު ދެކެވަޑައިގެން ގޮތެވެ. އެއީ ބޮޑު އަމާނާތެއް ކަމެވެ. އެ އަމާނާތް އަދާކުރެވެނީ، އެބޭކަލުންގެ ދަށުގައި ތިބޭ އެންމެ ނިކަމެތިންގެ އަސާސީ ބޭނުންތައް ފުއްދައިދެވިގެން ކަމެވެ. އެބޭކަލުންގެ އަގު އުފުލި، އެންމެންގެ ލޯތްބާއި އިހުތިރާމު އެބޭކަލުންނަށް ހައްގުވީ މިފަދައިން ކަންތައް ކުރެއްވުމުގައި ދެމި ތިއްބެވުމުންނެވެ! މާތްރަސްކަލާނގެ އެ ބޭކަލުންނަށާއި އަދި އެބޭކަލުންގެ ސިޔަރަތާއި އެއްގޮތުގެ މަތިން ކަންތައް ކުރާ އެންމެނަށް ވެސް ރަހުމަތް ލައްވާށިއެވެ. އަދި، އެފަދަ ވިސްނުން ހުރި ބަޔަކު، އާދެ، ވެރިކަމަކީ އަމާނާތެއް ކަމާއި، ތިމާމެން މުއްސަނދިވެ، ތަރަފުގެ ދިރިއުޅުމެއް އުޅެން ލިބޭ ވަސީލަތެއް ކަމަށް ދެކި، އަދި އެ އެދުމުގެ ދަހިވެތިކަމުގައި ތިމާމެންގެ އަމިއްލަ ގައުމު ވެސް ވިއްކާލަން ފަސް ނުޖެހި، އެ އަމާނާތަށް ޚިޔާނަތްތެރި ނުވާނޭ ބަޔަކު، އަޅުގަނޑުމެންގެ ތެރެއިން ވެސް އުފަންވާނޭ ގޮތް މެދުވެރިކުރައްވާށިއެވެ! އާމީން!

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް