ކޮވިޑް-19 އާ ގުޅިގެން މެޑިކަލް އިމާޖެންސީގައި ވައިގެ މަގުންނާއި ކަނޑުމަގުން ބަލި މީހުން އެއް ރަށުން އަނެއް ރަށަށް އުފުލުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އާންމުކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ، އެ އުސޫލަކީ މެޑިކަލް އިމާޖެންސީ އެއް ދިމާވާ ހާލުގައި ވައިގެ މަގުންނާއި ކަނޑުގެ މަގުން އެއް ރަށުން އަނެއް ރަށަށް ބަލިމީހާ ގެންދިޔުމަށްޓަކައި އަމަލުކުރާނެ ގޮތް ހާމަކުރުމަށް އާންމުކޮށްފައިވާ އުސޫލެއްކަމަށެވެ. އެ އުސޫލުގައި ކަނޑު އުޅަނދުތަކާއި ސީޕްލޭން އަދި މަތިންދާ ބޯޓުގައި ބަލި މީހުން އެއް ރަށުން އަނެއް ރަށަށް ގެންދާނެ ގޮތް އާންމުކޮށްފައިވެއެވެ.
ސީޕްލޭގައި ބަލިމީހުން ގެންދާނެ ގޮތާ ގުޅޭގޮތުން ބުނެފައިވަނީ ބަލިމީހާ ދަތުރުކުރާއިރު ސިއްހީ ހިދުމަތްތެރިޔާގެ އިތުރުން އެހެން އެއްވެސް މީހަކު ދަތުރު ނުކުރުމަށާއި، ބަލިމީހާ ބައިންދަން ވާނީ އުޅަނދުގެ ފަހަތު ސީޓުތަކުގައި ކަމަށްވެސް އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވެއެވެ.
މަތިންދާ ބޯޓުގައި ބަލި މީހާ ގެންދާއިރު އަމަލު ކުރަން ޖެހޭނީ ތަފާތުކޮށެވެ. އެގޮތުން ބަލި މީހާ މަތިންދާ ބޯޓުން ގެންދާއިރު ބަލިމީހާއާއި އެހީތެރިޔާ އާއި އެކީގައި ދަތުރުކުރާ ސިއްހީ ހިދުމަތްތެރިޔާގެ އިތުރުން އެހެން ދަތުރުވެރިން ދަތުރުކުރާނަމަ ބަލި މީހާ ބައިންދަން ވާނީ ފަހަތު ސީޓުގައެވެ. އަދި ފަހަތު ސީޓު ވަށައިގެން ކޮންމެ ފަރާތަކުންވެސް ދެ ސީޓު ހުސްކުރަން އުސޫލުގައި ބުނެފައިވެ އެވެ.
މީގެ އިތުރުންވެސް، ދަތުރުވެރިން ބޯޓަށް އަރުވާނީ ބަލިމީހާއާއި އެހީތެރިޔާއާއި އެކީގައި ދަތުރުކުރާ ސިއްހީ ހިދުމަތްތެރިޔާއަށް ވުރެ ކުރީން ކަމަށްވެސް އުސޫލުގައި ބުނެފައިވެ އެވެ.