މިއީ ގަބޫލުކުރަން ވަރަށް އުދަނގޫ ޚަބަރަކަށްވެސް ވެދާނެއެވެ. ދިވެހިން ކިޔާއުޅޭ ފަދައިން ބަސަރާއަށް ކަދުރު ވިއްކުން ކަހަލަ ކަމެކެވެ.
އެކަމަކު މިހުސްވި ނޮވެމްބަރ މަހު ރަޝިޔާއިން އެންމެ ގިނަ ތެޔޮ ގަތީ ސައޫދީ އެރޭބިޔާއިންނެވެ. ފެބްރުއަރީ 2023 ގައި ޔޫރަޕްގެ ޔޫނިއަނުން ރަޝިޔާގެ ފިއުލް އޮއިލް އާއި ވީޖީއޯ ( ވެކިއުމް ގޭސް އޮއިލް ) ގަތުން ހުއްޓާލުމުން ރަޝިޔާ ތެލުގެ މާރކެޓް އޭޝިޔާގެ ގައުމުތަކަށް ހުޅުވިގެން ދިޔައެވެ.
އެއާއެކު މިދިޔަ ނޮވެމްބަރ މަހާ ހަމަޔަށް އިންޑިއާއަކީ ރަޝިޔާގެއެންމެ ބޮޑު މާރކެޓްކަމަށް ވެގެން ދިޔައެވެ. އެލް އެސް ޖީ އީ ( ލަންޑަން ސްޓޮކް އެކްސްޗޭންޖް ގުރޫޕް ) ގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ރަޝިޔާއިން ބޭރުކުރާ ތެލާއި ވީޖީ އޯގެ މިންވަރު މަހުން މަހަށް %6 ދަނީ އިތުރު ވަމުންނެވެ. އަދި ނޮވެމްބަރު މަހުގައި 4.26 މިލިއަން މެޓްރިކް ޓަނުގެ ތެލާއި ވީޖީއޯ ރަޝިޔާއިން އެކްސްޕޯރޓް ކޮށްފައިވާކަން އެނގެއެވެ. އެހެން ނަމަވެސް ސީ އާރ އީ އޭ ( ސެންޓަރ ފޯރ ރިސާރޗް އޮން އެނަރޖީ އެންޑް ކްލީން އެއާރ ގެ ދިރާސާތަކުން އެނގޭ ގޮތުގައި އިންޑިއާއިން ރަޝިޔާގެ ތެޔޮ އެތެރެ ކުރާ މިންވަރު މިހާރު ވަނީ %5 ދަށްކޮށްފައެވެ. މިއީ 2022 ވަނައަހަރުއްސުރެން އިންޑިއާއަށް ރަޝިޔާގެ ތެޔޮ އެތެރެކުރުން އެންމެ މަދުވި ދުވަސްވަރެވެ. މިދިޔަ ނޮވެމްބަރ މަހު ރަޝިޔާއިން 0.85 މިލިއަން މެޓްރިކް ޓަނުގެ ތެލާއި ވީޖީއޯ ސަޢޫދީ އެރޭބިއާއިން ވަނީ ގަނެފައެވެ.
ކޮންމެއަކަސް ހުޅަނގުގެ ގައުމުތަކުން ރަޝިޔާއަށް ކުރިމަތިކޮށްފައިވާ އިގްތިސާދީ ހުރަސްތަކުގެ ސަބަބުން މިހާތަނަށް 14 ބިލިއަން ޔޫރޯގެ ގެއްލުމަކާ ރަޝިޔާއިންވަނީ ކުރިމަތިލާން ޖެހިފައެވެ.
އިންޑިއާއިން ރަޝިޔާގެ ތެލާއި ވީޖީއޯ ގަތުން މަދުކުރި ސަބަބެއް ކަމަށް ބެލެވިފައިވަނީ ދާދި ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގުޔާނާއަށް ކުރެއްވި ދަތުރު ފުޅުގެފަހުން ބޭއްވި ޕާރލަމެންޓްގެ ބައްދަލުވުމުގައި ދެކުނު އެމެރިކާ ތެލުގެ ބާޒާރަށް އިންޑިއާގެ އިންވެސްޓަރުން ވަނުން ރަނގަޅުވާނެ ފެނިވަޑައިގަންނަވާ ކަމަށް އިޝާރާތްކުރެއްވުމާ ގުޅިގެން ކަމަށް ބެލެވެއެވެ.
ގުޔާނާއިން މިހާތަނަށް ބޮޑުވަޒީރު މޯދީގެ މި އިޝާރާތާ ދޭތެރޭ ވަކިއެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް އިންޑިއާ ވިޔަފާރިވެރިން ގުޔާނާގައި އިންވެސްޓްކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމަށް އިންޑިއާގެ ޚާރިޖިއްޔާއިން ހާމަކޮށްފައި ވެއެވެ. މި ކަމާ ގުޅޭގޮތުން މިހާތަނަށް ގުޔާނާގެ ގުދުރަތީ މުއްސަނދި ކަމާބެހޭ ވަޒީރު ވިކްރަމް ބަރާތު ވިދާޅުވެފައިވަނީ ގުޔާނާގެ އޮފްޝޯރ އޮއިލް އުފެއްދުންތައް ހިންގާ ބެލެހެއްޓުމަށް ސަރުކާރާ އެކު އެއްބަސްވެފައިވާ އެކްސޯން މޯބިލް އިން އިއުތިރާޒް ނުކުރާނަމަ އިންޑިއާއާއެކު ކުރިއަށް ދެވިދާނެ ކަމަށެވެ. އަދި އެފަދަ ނިންމުމަކަށް ދިއުމުގެ ކުރިން ދެކުނު އެމެރިކާއާއި އިންޑިއާގެ ދުރުމިނަށް ބަލާފައި މޯބިލް އިން ތެލުގެ އަގަށް ގެންނަންޖެހޭ ބަދަލުތަކެއްވެސް ހުންނާނެކަމަށް ގަބޫލުކުރެވެއެވެ.