މިއަދު ހަވީރު ސީ އެން އެން ޚަބަރުގައި ހޫތީ މުޖާހިދުންގެ މިސައިލް ހަމަލާއެއް އިސްރާއީލުގެ ތެލްއަވީވަށް އަމާޒުވެއްޖެކަމަށް ބުނެފިއެވެ. އެ ހަމަލާ އަމާޒު ވެފައިވަނީ ތެލް އަވީވުގެ ޖައްފާގެ ދެކުނު ސަރަހައްދަކަށް ކަމަށް އިސްރާއީލުގެ މިލިޓްރީން ބުނެފައި ވެއެވެ.
އިސްރާއީލުގެ މިލިޓްރީން ބުނެފައިވަނީ އެގައުމުގެ ދިފާއީ އައްޑަނަތަކަށް ނާރާގޮތަށް ތެލް އަވީވަށް މިސައިލުން ހަމަލާދެވުމަކީ ވަރަށް މަދުފަހަރަކު ނޫނީ ނުކުރެވޭނެ ކަމެކެވެ. ކުއްލި ހާލަތުގައި އެހީ ފޯރުކޮށްދޭ ވަސީލަތްތަކުން ބުނެފައިވަނީ މަދުވެގެން ސޯޅަވަރަކަށް މީހުންނަށް މި ހަމަލާގައި އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އެހެންނަމަވެސް އެއްވެސް މީހަކު މާބޮޑަށް ޒަޚަމްވެފައި ނުވާކަމަށެވެ. މީހުންނަށް އަނިޔާ ލިބިފައިވަނީ މިސައިލް އަމާޒުވި ސަރަހައްދުގެ އިމާރާތްތަކުގެ ބިއްލޫރިތައް ބުރަބުރައިގެން ދިއުމުގެ ސަބަބުން ލިބިފައިވާ ޒަޚަމް ތަކުންނެވެ. އަދި އިތުރު 7 މީހެއްގެ ހިތަށް ވަން ބިރުވެރިކަމުގެ ސަބަބުން ނަފްސާނީ ފަރުވާއަށް ކުރިމަތިލާން ވަނީޖެހިފައެވެ.
އިމަރޖެންސީ ބަރުގޮނުގެ އަޑު އިވުނު ނަމަވެސް ގެއިން ނިކުމެގެން އެހެންތަނަކަށް ފިލަންދާނެ ވަގުތު ނުލިބުނީ ކަމަށް ބައެއް މީހުން ރޮއިޓާރސް އަށް ކިޔާދިނެވެ. އަދި އެ މިސައިލް އަމާޒުވި ސަރަހައްދުގެ ބައެއް އިމާރާތްތަކުގެ ކުޑަ ދޮރުތައް ބުރަބުރައިގެން ގޮސް މުޅި ސަރަހައްދަށް އޮތީ ބިރުވެރިނާމާން ކަމެއް ފެތުރިފައެވެ.
ތެލްއަވީވަކީ އިސްރާއީލުގެ ވިޔަފާރިއާއި އަދި ޑިޕްލޯމެޓިކް އޮފީސްތައް ހުންނަ އެ ގައުމުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ވެސް މެއެވެ. އިސްރާއީލުގެ ދިފާއީ އައްޑަނަތަކުން މިޝަހަރު ވަރަށް ޚާއްސަގޮތަކަށް ބަލަހައްޓަމުން ގެންދިއުމުގެ ސަބަބުން ބޭރުގެ ހަމަލާއެއް އަމާޒުވުމަކީ ވަރަށް ނާދިރުކަމެއް ކަމުގައި އިސްރާއީލުގެ މިލިޓްރީން ގަބޫލު ކުރެއެވެ.
މި ހަމަލާދިނުމަށްފަހު އެއީ ފަލަސްތީން-2 ގެ ނަންދެވިފައިވާ ހައިޕަރސޯނިކް ބެލެސްޓިކް މިސައިލެއްކަމަށް ހޫތީ މުޖާހިދުން ވަނީ ހާމަކޮށްފައެވެ. އަދި އެ މިސައިލް އޭގެ އަމާޒަށް ވާސިލު ވަފައިވަނީ އިސްރާއީލުގެ ދިފާއީ އެއްވެސް އައްޑަނައަކަށް ރޭކާވެސް ނުލާނެގޮތަށް ކަމުގައިވެސް ހޫތީ މުޖާހިދުން ބުނެފައިވެއެވެ. މި ދިޔަ ބުރާސްފަތި ދުވަހު ހޫތީ މުޖާހިދުން އުދުއްސާލި އެހެން މިސައިލެއް އިސްރާއީލުގެ އައްޑަނަތަކުންވަނީ ދިފާއު ކޮށްފައެވެ. އެހެންނަމަވެސް އައްޑަނަތަކުން ދިފާއުކުރުން ލަސްވުމާއެކު މިސައިލް ގޮވުމުގެ ސަބަބުން ބުރަބުރައިގެން ދިޔަ އެތިކޮޅުތަކުން ޖެހިފައި ތެލް އަވީވު ކައިރީގައިހުރި ސްކޫލަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމަށް އިސްރާއިލް މިލިޓްރީން ވަނީ ބުނެފައެވެ.
ހޮނިހިރު ދުވަހުގެ މިސައިލް ހަމަލާއަކީ ހޫތީ މުޖާހިދުން އިސްރާއީލަށް ދިން ތިންވަނަ މިސައިލް ހަމަލާއެވެ. މި ހަމަލާތައް ޔަމަނުން ނައްޓާލައިގެން ގާތްގަނޑަކަށް 2300 ކިލޯ މީޓަރު ކަޑައްތުކުރުމަށްފަހު ތެލްއަވީވަށް އަމާޒުވުމަކީ ވިސްނަންޖެހޭވަރުގެ ކަމެކެވެ.
One Response
Varah ragalhu