މިއީ ގަބޫލުކުރަން ދަތި އުދަނގޫ ހަގީގަތެކެވެ. މި ދައްކަންފެށީ މި ދުނިޔޭގެ ބިން ކަމުގައި ބެލެވޭ ގާތްގަނޑަކަށް 573 މިލިއަން އަކަމޭލުގެ ބިމުގެ ވާހައެވެ. އެހެންނަމަވެސް ދުނިޔޭގެ މިއޮއްބޮޑު ބިމުގެ ގާތްގަނޑަކަށް %18 އަކީ 2 އާއިލާއެއްގެ މިލްކެކެވެ. އޭގެތެރެއިން %16 މިލްކުވެރިޔަކީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާއެވެ. ދިވެހިން ބުނެ އުޅޭ ފަދައިން ދަތްހުރިއިރު ކާށި ކާލީއެވެ. އިނގިރޭސި ވިލާތުގެ އިސްތިއުމާރީ ވަކި ތަކުން ރީތިގޮތަކަށް ސަލާމަތް ވެވުނީ ދުނިޔޭގެ ވަރަށް މަދު ގައުމަކަށެވެ. ގައުމުތަކުން ފައިބަން މަޖުބޫރު ވީހިނދު މިއޮތީ ގިނަ ގައުމުތަކުގެ ބިމުގެ ބޮޑުބައެއް އަމިއްލަ ކޮށްލާފައެވެ.
އިންސައިޑަރ އަދި ޓްރޭޑް ޕަބްލިކޭޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ދުނިޔޭގައި އެންމެ ގިނަ ބިން މިލްކު ކޮށްފައިވަނީ އިނގިރޭސި ޝާހީ އާއިލާއިންނެވެ. އިނގިރޭސި ވިލާތުގެ ރަސްގެފާނުގެ ހައިސިއްޔަތުން މިވަގުތު ޗާލްސް 3 ވަނަ ގެ ބެލުމުގެ ދަށުގައި 6.6 ބިލިއަން އޭކަރުގެ ބިން އެބަހުއްޓެވެ. އެއީ އިނގިރޭސި ވިލާތާއި ކެނެޑާއާއި އޮސްޓްރޭލިޔާ އަޔަރލޭންޑް އާއި ސްކޮޓްލޭންޑް ގައެވެ.
މި ބިޔަ ބޮޑު ސަރަހައްދު މެނޭޖްކުރަނީ “ ދަ ކްރައުން އެސްޓޭޓް “ ކިޔާ ކުންފުންޏަކުންނެވެ. އެއީ އިނގިރޭސި ވިލާތުގެ ޝާހީ އާއިލާއަށް ނިސްބަތްކުރެވޭ ކުންފުންޏެކެވެ. އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ވަނަ އަށްފަހު މިހާރު ކްރައުން އެސްޓޭޓްގެ ގާރޑިއަން އަކީ ރަސްގެފާނު ޗާލްސް 3 ވަނަ އެވެ. ކްރައުން އެސްޓޭޓްގެ ބިންތައް އަގުކޮށްފައިވަނީ ހަމައެކަނި 15.6 ބިލިއަން ޑޮލަރ ކަމަށް ހިސާބުތަކުން ދައްކައެވެ. ގިނަ ތަންތަން ހުންނާނީ އެއްވެސް އަގެއް ނުދީ މިލްކު ކޮށްލާފައެވެ. މާގިނަ ވާހަކަދައްކާމީހާގެ އަނގަބަންދު ކުރުމަކީ ބްރިޓިޝް ރާޖް ވަރަށް ރަނގަޅަށް ދަންނަ ކަމެކެވެ.
މީގެ އިތުރުން ރަސްގެފާނުގެ އަމިއްލަ ނަންފުޅުގައި ޑަޗީ އޮފް ލަންކޭސްޓަރ ގެ ނަމުގައި 18000 ހެކްޓަރުގެ ބިން ވަނީ މިލްކް ކުރައްވާފައެވެ. އެ ބިމުގެ އަގަކީ 654 މިލިއަން ޕައުންޑެވެ. އެ ބިމުން އެކިއެކި ގޮތްގޮތުން ރަސްގެފާނަށް އަހަރަކު 20 މިލިއަން ޕައުންޑްގެ ޢާމްދަނީ އެއް ލިބެއެވެ. ކްރައުން އެސްޓޭޓް އަށް 2022 ވަނައަހަރު އެ ކުންފުނީގެ ބެލެހެއްޓުމުގެ ދަށުގައި ހުރި ބިންތަކުން ހުރިހާ ޚަރަދުތަކެއް ކެނޑުމަށްފަހު ނެޓް އާމްދަނީގެ ގޮތުގައި 320 މިލިއަން ޕައުންޑުގެ ފައިދާއެއް ލިބުނުކަމަށް ވެއެވެ.
ދުނިޔޭގައި 2 ވަނައަށް އެންމެ ގިނަ ބިން މިލްކު ކުރައްވާފައިވަނީ ސައޫދީ އެރޭބިޔާގެ ކުރީގެ ރަސްގެފާނު އަބްދު ﷲ އެވެ. އެމަނިކުފާނު ރަސްކަން ކުރައްވާފައިވަނީ 2005 ން 2015 އަށެވެ. އަވަހަރަވެފައިވަނީ 2015 ޖެނުއަރީ 23 ވަނަ ދުވަހުއެވެ. ރަސްގެފާނު އަބްދު ﷲގެ މިލްކުގައި 830000 އަކަމޭލުގެ ބިން ހިމެނެއެވެ.
ރަސްގެފާނު އަބްދު ﷲ މިހާރު ވަނީ އަވަހާރަ ވެފައެވެ. އެމަނިކުފާނަށްވެސް އެބިމުން ލިބިވަޑައިގެންފައިވަނީ އާދައިގެ ނިކަމެތި އިންސާނެކޭ ވެސް އެއްފަދައިން 6 ފޫޓް 3 ފޫޓުގެ ކުޑަ ތަންކޮޅެކެވެ. މިއީ އިންސާނާ އަބަދާއަބަދު ވިސްނަންޖެހޭ ކަމަކެވެ. ކަށްވަޅަށްދާއިރު އެ މިލްކިއްޔާތުގެ ތެރެއިން ހަމަ އެކައްޗެއް ވެސް ނުގެންދެވޭނެތީއެވެ.
ތާރީޚީ މި ހަގީގަތް ކިޔަމުން ދިޔައިރު ހިތާ ހިތުން ކުރެވެމުންދިޔަ ސުވާލަކީ އެއީވަކި ޒަމާނެއްގައި ވަކި ގައުމުތަކެއްގެ ވެރިން މުސްތަގްބަލްގައިވެސް އެމީހުންގެ ބާރާއި ނުފޫޒު އާންމު މީސްތަކުންގެ މައްޗަށް ފޯރުވުމުގެ ނިޔަތުގައި ކުރަމުން ގެންދިޔަ ކަންތައްތަކެއް ބާވައެވެ.
މިފަދަ ކޮން ކަމެއް ކުރިމަތިން ތަމްސީލު ވަމުންދާއިރު އެކަމާކާ އަޅުގަނޑުމެންގެ މާޒީއާއި ނުވަތަ ހާލަތާ އެއްވެސް ގުޅުމެއް ނުވަތަ ވައްތަރު ކަމެއް ހުރެދާނެތޯ ގިނަ ސުވާލުތަކެއް އުފެދުމަކީ ނުވެ ނުދާނެ ކަމެކަވެ.
އަޅުގަނޑުމެންގެ މާޒީގައި މި ކުޑަކުޑަ ރާއްޖޭގައި ކަންތައް ހިނގަމުން ގޮސްފައިވާ ގޮތުގެ މަންޒަރުތައް ވަރަށް ރީތިކޮށް ކުރިމަތިން ފެންނަމުން ދިޔަކަހަލައެވެ. އަޅުގަނޑުމެންގެ ގައުމަކީ އިސްތިއުމާރު ކޮށްފައި އޮތް ގައުމެއް ނޫނެވެ. އެކަމަކު ވެރިކަމުގެ ފަރާތުން މި ދިވެހިރާއްޖޭގެ ކުޑަ ބިންކޮޅު ޚާއްސުންނަށް ބަހާލަމުން ގެންގޮސްފައިވަނީ އިސްތިއުމާރީންވެސް ލަދުގަންނަ މިންވަރަކަށެވެ. ރަސްގެފާނަށް ފެނިވަޑައިގެންފި މީހަކަށް ބިންތައް ވަގުފު ކޮށްދެނީއެވެ. ސީދީބެއަށް ކޮށްޓެއް ދޮންދީދީއަށް ރަށެއް ސިއްކަ ޖަހާދެނީއެވެ. އަނެއް ބޭފުޅަކަށް ގޮޔެއް އެހެން ބޭކަލަކަށް ފާލައްބައެއް މިލްކުކޮށްދެނީއެވެ. މި ބަހާލަނީ ދިވެހިރާއްޖެ ދެމިއޮންނާނެހާ ދުވަހަކު މި ގައުމަށް އުފަންވާނެ ހުރިހާ ރައްޔިތުންގެ ހައްގެއްކަން ހިތަށްވެސް ނާރައެވެ.
މިއަދު ދިވެހި ގައުމު ދަރަނިވެރިވެ ބަނގުރޫޓްވުން އިއުލާން ކުރަން ޖެހިދާނެ ހިސާބަށް ދަނިއްޔޭ ބުނެ ސިޔާސީ ބޭފުޅުން ވާހަކަ ދައްކަވާއިރު މި ވާހަކަވެސް ދައްކަވަން ޖެހޭނެއެވެ. ކީއްވެގެން ހެއްޔެވެ ؟ މިހާރު އެގޮތަށް ވެރިކަމުގެ ފަރާތުން ބިންތައް ބަހަމުން ގެންދާތީއެއް ނުފެނޭ ނޫންހޭވެސް ބަޔަކު ބުނެފާނެއެވެ. ތެދެކެވެ. އެކަމަކު ދޮގެކެވެ. ދޮގަކަށް ވަނީ މިހާރު ބިންތައް ބަހަމުން ގެންދަނީ އިސްތިއުމާރީންގެ ގޮތަކަށް ނޫނެވެ. މިއީ ޑިމޮކްރެސީގެ ދުވަސްވަރެވެ. މިހާރު އެކަންކުރަނީ ޑިމޮކްރެސީގެ ހުދު ހެދުމުގައެވެ. ވެރިން ބޭނުންވާ މެންޑޭޓެއްގައި ވެރިން ބޭނުންވާ ގޮތަކަށް ކުންފުންޏެއް އުފަން ކުރުވައިގެން ރައްޔިތުން ލޮލުގައި އަނދުން އަޅުވައިގެންނެވެ. އެ ކުންފުނިން އިއުލާން ކޮށްގެން އެންމެ މަތީ އަގެއް ހުށައަޅާމީހަކަށް ބިން ވިއްކާލާ ގޮތަށެވެ. ފެންނަފެނުމުގައި ގޯހެއް ނެތެވެ. އެކަމަކު ހައްތާވެސް ގޯހެވެ. ނީލަމުގައި އެ ވިއްކާލަން ބޭނުންވާ ބިން އާންމު ރައްޔިތު މީހާ ކިތަންމެ ބޭނުން ވިޔަސް ނުގަނެވޭނެތީއެވެ. މިއަށްވުރެން ސަރީހަކޮށް ލިއެފިނަމަ މިކަމާ ދޭތެރޭ ކިއުންތެރިން ވިސްނާކަށް ތަނެއް ނޯންނާނެއެވެ.
ދިވެހިރާއްޖޭގެ ބިމުގެ %50 އަކީ ހަމައެކަނި ދެތިން މީހެއްގެ މިލްކެކޭ ބުނެ ކުޑަދުވަސްކޮޅެއް ފަހުން މީޑިއާތަކުގެ ފަލަސުރުޚީއަށް އެ ޚަބަރު ނުވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅެވެ. އާމީން