ނޮޓްރްޑާމް ކެތެޑްރަލް ފައްޅި ހުޅުވުމުގެ ރަސްމިއްޔާތުގެ ކުރިން ޑޮނާލްޑް ޓްރަމްޕް އާއި އަދި ވޮލޮޑޮމީރ ޒެލެންސްކީ އާއެކު ކުއްލިގޮތަކަށް ފަރަންސޭސި ރައީސް އިންތިޒާމްކުރެއްވި ބައްދަލު ކުރެއްވުމުގައި ޓްރަމްޕް ގެ ވިސްނުންފުޅުހުރި ގޮތަށް ވީހާވެސް އަވަހަކަށް ހަނގުރާމަ ހުއްޓުވައި ދިނުމަށް ރައީސް ޒެލެންސްކީ ރުހުން ދެއްވައިފިއެވެ.
ފަރަންސޭސި ވިލާތުގެ ރައީސްގެ ގަނޑުވަރު އެލީޒެއި ޕެލެސްގައި 3 ބޭފުޅުން ބައްދަލު ކުރައްވައި އެމެރިކާއާއި ފަރަންސޭސި ވިލާތުން ޑިފެންސަށާއި އޮފެންސަށް ގެންގުޅުއްވާ ސިޔާސަތާދޭތެރޭ މަޝްވަރާ ކުރެއްވިއެވެ. އަދި އެ މަޝްވަރާތަކުގައި ދުނިޔޭގެ ލީޑަރުން މިއުޅުއްވަނީ މޮޔަވެގެން ހޭ ވިދާޅުވެ ރައީސް ޓްރަމްޕަ ސުވާލު އުފެއްދެވި ކަމަށްވެއެވެ.
ޓްރަމްޕް އާއި ބައްދަލު ކުރެއްވުމަށްފަހު ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ “ އަހަރެމެން ބޭނުންވަނީ ހަމައެކަނި ސުލްހަވެރި ކަމެވެ. އަދި ރައީސް ޓްރަމްޕް އަކީ ސުލްހައިގެ މަގުގައި މީސްތަކުން އެއްބަސްކުރުވިދާނެ ސިހުރުވެރިއެއް ކަމަށެވެ. “ އަހަރެމެންގެ ގައުމާއި ގައުމުގެ ރައްޔިތުންނާ ގައުމަށް މެދުވެރިވެފައިވާ ހާލަތާ ބެހޭގޮތުން ދިގު މަޝްވަރާތަކެއް ކުރީ މުއެވެ. ޒެލެންކީ ވިދާޅުވިއެވެ. މިއީ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިފަހުން ރައީސް ޓްރަމްޕް ޔޫކްރެއިންގެ ރައީސާއި ބައްދަލުކުރެއްވި ފުރަތަމަފަހަރެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޔޫކްރެއިނާ ބެހޭގޮތުން ޓްރަމްޕްގެ ބަސްމަގުހުރިގޮތުން ރައީސް ޕޫޓިން އާއެކު މަޝްވަރާކޮށްގެން ރަނގަޅުގޮތަކަށް ހަނގުރާމަ ނިންމަން މަސައްކަތްކުރުމުގެ ވިސްނުންފުޅެއްވެސް ގެންގުޅުއްވިކަމަށް ރައީސް ޒެލެންސްކީ ވިދާޅުވިއެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ޔޫކްރެއިނާ ދޭތެރޭ ޓްރަމްޕް ގެންގުޅުއްވާ ވިސްނުންފުޅަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާތީ ޓްރަމްޕްގެ ވިސްނުން ފުޅާއެއްގޮތަށް ހަނގުރާމަ ހުއްޓުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން އެއްބަސް ވީ ކަން ރައީސް ޒެލެންސްކީ ހާމަކުރެއްވިއެވެ.
އެމެރިކާގެ އިންތިޚާބީ ރައީސް ފަރަންސޭސި ވިލާތުގެ ނޮޓްރްޑާމް ކެތެޑްރަލް ހުޅުވުމުގެ މި ރަސްމިއްޔާތުގެ ހަވާސާގައި އިނގިރޭސި ވިލާތުގެ ޕްރިންސް އޮފް ވޭލްސް ޕްރިންސް ވިލިއަމް އާއިވެސް ބައްދަލު ކުރެއްވިއެވެ. މިއީ 2021 ވަނަ އަހަރު ވައިޓްހައުސް އިން ނިކުމެ ވަޑައިގެން ފަހުން އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅަކާއެކު ޓްރަމްޕް ފުރަތަމަ ބައްދަލު ކުރެއްވި ފަހަރެވެ. ދެ ބޭފުޅުންގެ ރަސްމީ ބައްދަލުކުރެއްވުމެއް މިދިޔަ ހޮނިހިރު ދުވަހުގެ ރޭގައި ވެސް ބޭއްވުނެވެ. އެއީ އިނގިރޭސި ވިލާތާއި އެމެރިކާގެ ޚާއްސަ ގުޅުމާބެހޭގޮތުން މަޝްވަރާ ކުރައްވަން ބޭއްވި ބައްދަލުވުމެކެވެ.
ނޮޓްރްޑާމް ކެތެޑްރަލް ފައްޅި މަރާމާތުކުރުމަށްޓަކައި 5 އަހަރު ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްފަހު މިދިޔަ ހޮނިހިރު ދުވަހު އަލުން ހުޅުވުމުގެ ރަސްމިއްޔާތަށް ދުނިޔޭގެ 40 ގައުމެއްގެ ލީޑަރުންނަށް ފަރަންސޭސި ރައީސް ދައުވަތު ދެއްވިކަމަށް ވެއެވެ. އެ ފައްޅި މަރާމާތުކުރުމަށްޓަކައި 630 މިލިއަން ޑޮލަރ ފަރަންސޭސި ސަރުކާރުން ޚަރަދު ކުރިކަމަށް ވެއެވެ.