ބޮޑު ދެގެރި ތަޅަންޏާ ބާރުކުރާނީ ކަށްގަލަށް

Loading

December 9, 2024
profile
Facebook
Twitter
WhatsApp

މިދިޔަ ހަފުތާގައި ޗައިނާއިން އެމެރިކާއަށް އެންޓިމަނީ ( އިންޖީނުތަކުގެ ބެއަރިން އާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ބްރޭކް ފަދަ ބައިތައް ވަރުގަދަ ކުރުމަށާއި މިލިޓްރީ ބޭނުންތަކަށް މުހިންމު މައުދަނެއް ) އެކްސްޕޯރޓް ކުރުން މަނާ ކުރުމާއެކު އެމެރިކާގައި އެންޓިމަނީގެ އަގު %40 އުފުލިއްޖެއެވެ. މިއީ ބައިނަލް އަގްވާމީ ވިޔަފާރީގައި އެއްގައުމުން އެނެއް ގައުމަށް ބަރޯސާ ވާންޖެހޭ މިންވަރުގެ ކުޑަކުޑަ މިސާލެކެވެ. ޗައިނާގައި އުފައްދާ މުދަލުން %100 ޓެކްސް ނަންގަވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވަމުންދާއިރު އެމެރިކާގައިވެސް ހަމަ ރިހޭ ފައި މައްޗަށް ފޯއި ވެއްޓުނީމާ ތަދުވާނެއެވެ.


ޗައިނާގެ ވިޔަފާރިއާބެހޭ ވުޒާރާއިން ބުނެފައިވަނީ މީގެ ފަހުން ޖެލިއަމް އާއި ޖަރމޭނިއަމް އާއި އެންޓިމަނީ އާއި އަދި ސުޕަރހާރޑް އެއްވެސް މައުދަނެއް ޗައިނާއިން އެމެރިކާއަށް އެކްސްޕޯރޓް ކުރުން ހުއްދަ ނުލިބޭނެ ކަމަށެވެ.
ޗައިނާއަކީ ދުނިޔޭގައި އެންމެ ގިނައިން އެންޓިމަނީ އުފައްދާ ގައުމެވެ. މިދިޔަ އަހަރު ސާޅީސް ހާސްޓަނުގެ އެންޓިމަނީ ޗައިނާއިން ވަނީ އުފައްދާފައެވެ. އެއީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން އެ މައުދަން އުފައްދާ ތަޖިކިސްތާނުން އުފައްދާފައިވާ އަދަދުގެ ދެ ގުނަ އެވެ. އަހަރަކު ހަ ހާސްޓަނު އުފައްދާ ތުރުކީއަކީ އެ މައުދަން އުފެއްދުމުގައި ތިންވަނައެވެ.
އެންޓިމަނީ އަކީ މިލިޓްރީ ބޭނުންތަކަށް ވަރަށް މުހިންމު މައުދަނެކެވެ. ނިއުކްލިއަރ ހަތިޔާރާއި ބޮޑުބެޓެރީއާއި އިންފްރާރެޑް މިސައިލް ފަދަ ވަސީލަތްތްތަކަށް ކޮންމެހެން ވެސް ބޭނުންކުރަންޖެހޭ މައުދަނެކެވެ. މިހާރަކަށް އައިސް ވަރަށް ގިނައިން މޮބައިލް ފޯނާއި އައިޕެޑް ފަދަ އެއްޗެހީގެ ކަވަރ ގްލާސް އުފެއްދުމަށްވެސް އެންޓިމަނީ ބޭނުންކުރަން ޖެހެއެވެ.
މިލިޓްރީ ބަސްމަގުގައި އެންޓިމަނީ އަކީ ކުއްތާގެ ނަގުލެވެ. އެ ނަގޫ ނެތިއްޖެއްޔާ ކުއްތާއަކީ ކުއްތާއަކަށް ނުވާނެއެވެ. މިލިޓްރީގައި އެންޓިމަނީ ލިބެން ނެތުމަކީ އެކަހަލަ ކަމެކެވެ. ހޯލްގާރޓްން އެންޑް ކޮމްޕެނީ އޮފް ލަންޑަންގެ ފަރާތުން ކްރިސްޓޮފަރ އެކްލެސްޓަން ސީއެން އެން އަށް ކިޔައިދީފައިވާގޮތުގައި ޗައިނާއިން އެމެރިކާއަށް އެންޓިމަނީ އެކްސްޕޯރޓް ކުރުން މަނާކުރުމަކީ އެމެރިކާގެ މިލިޓްރީ ގިއްގަޅުވާލުން ފަދަ ކަމެކެވެ.
އެމެރިކާއަށް އެންޓިނަމީ އެކްސްޕޯރޓް ކުރުން މަނާކުރުމާ ގުޅިގެން ޗައިނާގައި އެންމެ ފުޅާ ދާއިރާއެއްގައި އެންޓިމަނީ އުފައްދާ ހުނާން ގޯލްޑް ކޯރޕޮރޭޝަނަށް މިއަހަރުގެ މިހާތަނަށް %64 ފައިދާއެއް ލިބިފައިވާއިރު ޕާރޕެޓުއާ ރެސޯސަސް އިން %270 ގެ ފައިދާއެއް ކާމިޔާބު ކޮށްފައިވެއެވެ.
ޗައިނާއިން އެމެރިކާ އާއި ދޭތެރޭ ވިޔަފާރީގެ މި ފިޔަވަޅު އަޅާފައިވަނީ ވޯޝިންގޓަނުން ޗައިނާގެ ޗިޕް މާރކެޓަށް ހުރަސްއަޅަން ނިންމުމާގުޅިގެންނެވެ. ދުނިޔޭގައި މިވަގުތު އެންމެ ބިޔަ 2 އިގްތިސާދުގެ މި ދެކޮޅުވެރިކުގެ ސަބަބުން އެހެންގައުމުތަކަށް ނޭދެވޭ ބޮޑެތި ގޮންޖެހުންތައް މެދުވެރިކުރުވާނެ ކަމަށް ތަޖްރިބާކާރުން ގެންދަނީ އިންޒާރު ދެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް