އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނާލްޑް ޓްރަމްޕްގެ މުޝީރުން އަމިއްލަ ގޮތުންނާއި ރަސްމީ ހައިސިއްޔަތުން ފާޅުކުރަމުންގެންދާ ވިސްނުން ތަކުގައި ޔޫކްރެއިނަށް ނޭޓޯގެ މޭޒުން ޖާގަ ނުލިބޭނެ ކަމާއި އެހެންނަމަވެސް ހަނގުރާމަ ހުއްޓުވާނެ ކަމަށާއި އަދި ޔޫކްރެއިންގެ ސަރަހައްދުތަކެއް ރަޝިޔާއަށް ދޭން ޖެހޭނެކަން ހާމަވެއްޖެކަމަށް އިއްޔެ ހަވީރު ރޮއިޓާރސް އިން ޚަބަރު ދީފިއެވެ.
ޓްރަމްޕް އެމެރިކާގެ ރިޔާސަތަށް ރަސްމީގޮތުން ހަވާލުވެ ވަޑައިގަތުމަށްފަހު ޔޫކްރެއިނަށް ކަނޑައަޅުއްވަން ހަމަޖެހިފައިވާ ސަފީރު މުސްކުޅި ކުރައްވާފައިވާ ސިފައިންގެ ލެފްޓިނެންޓް ޖެނެރަލް ކީތު ކެލޯގް ވެސް ހިމެނޭގޮތުގައި ޓްރަމްޕް ގެ 3 މުޝީރަކު މީޑިއާއަށް ހިއްސާކޮށްފައިވާ އެބޭފުޅުންގެ ވިސްނުންތކަށްބަލާއިރު މިހާރު ނޭޓޯގެ މޭޒުމަތީ އޮތް ޔޫކްރެއިންގެ ފައިލް ބޭރުކޮށްލެވޭނެއެވެ.
ޓްރަމްޕްގެ މުޝީރުންގެ ވާހަކަތަކުން އެނގި ހާމަވެފައިވަނީ ރައީސް ޕޫޓިން އާއި ރައީސް ޒެލެންސްކީ އާ ދެބޭފުޅުން ސުލްހައިގެ ވާހަކަތަކަށް ވަޑައިގަންނަވަން ޖެހޭނެ ކަމެވެ. އަދި މަޝްވަރާތަކަށް ރައީސް ޕޫޓިން އިންކާރު ނުކުރައްވާހާ ހިނދަކު ޔޫކްރެއިނަށް އެމެރިކާގެ މިލިޓްރީ އެއްވެސް އެހީތެރިކަމެއް ނުލިބޭނެއެވެ. އެކަމަކު ޓްރަމްޕްގެ ޕްލޭނަށް ރައީސް ޕޫޓިން ދެކޮޅު ހައްދަވައިފިނަމަ ޔޫކްރެއިނަށް ކޮންމެވެސް މިންވަރެއްގެ މިލިޓްރީ އެހީތެރިކަން އެމެރިކާ އިން ފޯރުކޮށްދޭނެއެވެ. އަދި އެހިސާބުން ޔޫކްރެއިނަށް ނޭޓޯގެ މެމްބަރުކަން ދިނުމާދޭތެރޭގައި ވިސްނަން ފުރުސަތު ވެސް ހުޅުވިދާނެއެވެ. އެހެންނަމަވެސް ޔޫކްރެއިނަށް އިތުރު މިލިޓްރީ އެހީ ފޯރުކޮށް ދިނުމަށް ކޮންގްރެސްގެ ތެރެއިން މަގުފަހި ކުރުމަކީ ރައީސްޓްރަމްޕަށް މާ ފަސޭހަކަމަކަށް ނުވާނެއެވެ.
ޔޫކްރެއިނަށް މިހާރު މެދުވެރިވަމުންދާ ސަރަހައްދުތައް ގެއްލުމާއި އަދި ގިނައަދަދެއްގެ ސިފައިން މަރުވަމުންދިއުމާއެކު ރައީސް ޒެލެންސްކީއަށް ސުލްހައިގެ މޭޒު އިޚްތިޔާރު ކުރެއްވުން ނޫން އެހެން މަގެއްވެސް ފެންނާކަށްނެތެވެ. އެހެންނަމަވެސް ރައީސް ޒެލެންސްކީ މިހާރުވެސް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގައި އެދިވަޑައިގަންނަވަމުން ގެންދަވަނީ ސުލްހައަށްޓަކައި މިހާރު ރަޝިޔާއަށް ދޫކޮށްލެވޭ ޔޫކްރެއިންގެ ބައެއް ސަރަހައްދުތަކާއި ނޭޓޯގެ މެމްބަރުކަން ކޮންމެވެސް ދުވަހަކުން ޔޫކްރެއިނަށް ލިބޭނެ ސިޔާސީ ޔަގީންކަމެއް ލިބި ދިނުމަށެވެ.
ޓްރަމްޕްގެ ކެމްޕޭންތެރޭގައިވެސް ވިދާޅުވަމުންގެންދަވާފައިވަނީ ރިޔާސަތަށް ހަވާލުވެ ވަޑައިގަތުމާއެކު 24 ގަޑިއިރުތެރޭގައި ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ނިމުމަކަށް ގެންނަވާނެ ކަމަށެވެ. އެހެންނަމަވެސް އެކަންކުރައްވަން ގަސްދުކުރައްވާގޮތެއް ހާމައެއް ނުކުރައްވައެވެ. އެ ސަބަބަށްޓަކައި މިހާރުގެ ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ޓްރަމްޕްވެސް އެ ދައްކަވަނީ ކުރެވިދާނެ ކަމެއްގެ ވާހަކަ ނޫންކަމަށެވެ. އަދި މިހާރު ހަނގުރާމައިގެ ކުރިމަގު ފެންނަމުންދާގޮތުން ރައީސް ޕޫޓިން ކޮންމެހެން ސުލަހައިގެ މޭޒަށް ވަޑައިގަތުމުގެ އެދުންފުޅު ގެންގުޅުއްވާފާނެއެކޭވެސް ބުނަން ނޭންގޭކަމަށާއި ރަޝިޔާއިން ބޭނުންވާ ޔޫކްރެއިންގެ ބިންތައް ކާމިޔާބުކުރުމަށް ރައީސް ޕޫޓިން އަވަސް އަރުވާލައިގެން އުޅުއްވާކަމަށްވެސް ނުބެލެވޭ ކަމަށެވެ. ރަޝިޔާއިން ގަބޫލު ކުރާގޮތުގައި އެއީ ރަޝިޔާގެ ބިންތަކެކެވެ.
ސުލްހައިގެ މޭޒަށް ވަޑައިގަތުމަށް ރައީސް ޕޫޓިންގެ ޝަރުތު ތަކަކީ އެންމެ ފުރަތަމަ ޔޫކްރެއިނުން ނޭޓޯގެ މެމްބަރުކަން ހޯދުމުގެ ވިސްނުން ދޫކޮށްލުމެވެ. އެއަށްފަހު މިހާރު ޔޫކްރެއިންގެ ބާރުގެ ދަށޫގައި އޮތް ރަޝިޔާގެ 4 ސަރަހައްދު އެކުގައި ރަޝިޔާއަށް ދިނުމެވެ.
މީގެކުރިން ޔޫކްރެއިންގެ ބާރުގެ ދަށުގައި އޮތް ކްރީމިއާއާއި ޑޮންބަސް ސަރަހައްދުގެ 80% އާއި ޒަޕޯރިންޒިޔާއާއި ޚާރސޮންގެ %70 އަދި މައިކޯލައިވް އާއި ޚާރކިވް ގެ ބައެއްސަރަހައްދުތައްވެސް މިހާރު އޮތީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައެވެ.
އިންތިޚާބީ ރއީސް ޓްރަމްޕްގެ ވިސްނުންފުޅު ހުރިގޮތް ކަމަށް މީޑިއާތަކަށް މައުލޫމާތު ލިބިފައިވަނީ ރައީސް ޓްރަމްޕް، ރައީސް ޕޫޓިން އަދި ރައީސް ޒެލެންސްކީ އާއި ތިންބޭފުޅުން އެއްމޭޒެއް ދޮށުގައި ތިއްބަވައިގެން ހަނގުރާމަ ނިންމުމުގެ އެއްބަސް އެކުލަވާލުމަށެވެ. މި ވާހަކަތަކާ ގުޅޭގޮތުން ރަޝިޔާގެ ރަސްމީ ތަރުޖަމާނު ދިމިތުރީ ޕެސްކޯވްއަށް ސުވާލު ދެންނެވުމުން ވިދާޅުވީ މަގުމަތިން އިވޭހާ އަޑަކަށް ޖަވާބު ދެއްވުމުގެ ވިސްނުންފުޅެއް ދުވަހަކުވެސް ނުގެންގުޅުއްވާކަމަށެވެ. އަދި ލިއެކިއުމުން ހުށައެޅުމެއް އަތުވެއްޖެނަމަ އެއާބެހޭގޮތުން ކުރާ ސުވާލަކަށް ޖަވާބު ލިބޭނެކަމަށެވެ.
އެހެންނަމަވެސް އެ ސުވާލު ޓްރަމްޕްގެ ތަރުޖަމާނަށް ހުށައެޅުމުން ޖަވާބުދެއްވީ ޓްރަމްޕް ވިސްނަވަނީ ކޮންމެ ގޮތެއްގައިވެސް ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ހުއްޓުވައި އަދި އެމެރިކާގެ ބާރު ދުނިޔެއަށް ހާމަކުރުމަށެވެ.
ޔޫކްރެއިން ސަރުކާރުންވެސް މީޑިއާގެ ސުވާލުތަކަށް ޖަވާބު ދޭކަށް ބޭނުމެއްނުވިއެވެ. އެހެންނަމަވެސް ޔޫކްރެއިނުން ނޭޓޯގެ މެމްބަރަކަށް ވުމުގައި އެހީތެރިވެދިނުން އެދިވަޑައިގެން މިދިޔަ ހަފުތާގައިވެސް ނޭޓޯގެ ޚާރިޖީ ގުޅުން ތަކުގެ އެންމެ އިސްވެރިޔާ އަށް ޔޫކްރެއިނުންވަނީ ދަންނަވާފައެވެ.