ހިޒްބުﷲ ގެ މުޖާހިދުން ދެކުނު ލެބަނަން އިން ފައިބަން އެއްބަސްވާނަމަ އިސްރާއީލުން ހިންގަމުންގެންދާ އުދުވާން ހުއްޓާލާފައި ލުބުނާނުން އެ ގައުމުގެ ސިފައިން ބާލާފާނެކަމަށް އިސްރާއީލު ސަރުކާރުން ބުނެފިއެވެ.
އަންގާރަ ދުވަހަށް ތާވަލުކޮށްފައިވާ އިސްރާއީލުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ކުރިން ނަތަންޔާހޫ މި ވަނީ އެމެރިކާއިން ހުށަހަޅާފައިވާ ޝަރުތު ގަބޫލުކޮށް ހިޒްބު ﷲ އާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައެވެ.
އިސްރާއީލުގެ ނޫސް ހާރެޓްޒް އިން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލެވޭނީ ފިޔަވަޅުތަކަކަށް ބަހާލައިގެން ކަމަށެވެ. އެންމެފަހު ފިޔަވަޅަކަށް އޮންނާނީ 1982 ވަނަ އަހަރު އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ލެބަނަންއާއި އިސްރާއީލު ގުޅޭ ސަރަހައްދުގެ ބިންތައް އަނބުރާ ލެބަނަންއަށް ދިނުމުގެ މަޝްވަރާތަކެވެ.
ލެބަނަންގެ ޕާރލަމެންޓުގެ ޑެޕިއުޓީ ސްޕީކަރ އެލިޔާސް ބައު ސާބު ވެސް ވަނީ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމަކަށް އާދެވިދާނެކަމަށް އުންމީދު ކުރެވޭކަމަށް ވިދާޅުވެފައެވެ.
ހަނގުރާމަ ހުއްޓާލެވިދާނެ ކަމުގެ ހަނި އުންމީދެއް ލިބިފައިވާ ކަމަށާއި އެހެންނަމަވެސް އޭގެކުރިން ކިތަންމެ ކަމެއް ގޯސްކޮށްވެސް ހިނގައިދާނެކަމަށް ބަލަން ޖެހޭކަމަށް އިސްރާއީލު ސަރުކާރުގެ އިސް އޮފިޝަލަކު ބުނެފައިވެއެވެ. ސަބަބަކީ ގައުމީ ސަލާމަތާބެހޭ ވަޒީރު އިތާމަރ ބެންގޫރިއަން އިދިކޮޅު ހަދަމުންގެންދިއުމެވެ.
މިހާރު އެއްބަސްނުވެވި އޮތް ޕޮއިންޓަކީ ހަނގުރާމަ ހުއްޓާލި ނަމަވެސް ހިޒްބު ﷲ ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ހަރަކާތެއް ހިންގައިފިކަމަށް އިސްރާއީލަށް ގަބޫލު ކުރެވިއްޖެ ކޮންމެ ހިނދެއްގައި އަލުން ހަނގުރާމަ ފެށުން ހުއްދަކުރަން ޖެހުމެވެ.
ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމަށް ވާހަކަ ދެކެވެމުންދާއިރު މަޝްވަރާތަކުގެ ބައިވެރިއެއް ކަމުގައިވާ ފަރަންސޭސި ވިލާތުން ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ އަމުރު ތަންފީޒުކުރާނެ ކަމަށާއި އިސްރާއީލުގެ ބޮޑުވަޒީރު ނުވަތަ ކުރީގެ ދިފާއީ ވަޒީރު ފަރަންސޭސިވިލާތަށް އަތުވެއްޖެނަމަ ހައްޔަރުކުރާނެކަމަށް ވަނީ ބުނެފައެވެ. ފަރަންސޭސި ރައީސް މިހެން ވިދާޅުވުމާއެކު އެމެރިކާގެ ރައީސް ވަނީ އިސްރާއީލުގެ ބޮޑުވަޒީރުގެ ދިފާއުގައި ތެދުވެވަޑައިގެންފައެވެ. އަދި ފަރަންސޭސިވިލާތުގެ ވިސްނުން އެގޮތަށް ހުންނަ ކަމަށްވާނަމަ ހަނގުރާމަ ހުއްޓުމުގެ ވާހަކަތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަރަންސޭސިވިލާތަށް ދިނުމަށް ނަތަންޔާހޫ އިއުތިރާޒްކުރުމުގެ ހައްގު ލިބިފައިވާކަމަށްވެސް ވަކާލާތުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ފަރަންސޭސިވިލާތުން ޖެހުނީ އެމެރިކާގެ ކޮޅަށް ދީލާލާށެވެ.
ލެބަނަންގައި އިސްރާއީލުން ކުރަމުންގެންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށައަޅާފައިވަނީ މައިގަނޑު ގޮތެއްގައި ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީ ކައުންސިލްގެ ނަންބަރު 1701 ގައި ކަނޑައަޅާފައިވާ ކަންތަކެވެ. އޭގެތެރޭގައި ހިމެނޭ އެންމެ މުހިންމު ކަންތައްތަކަކީ އިސްރާއީލުގެ ސިފައިން ލެބަނަނުން ފޭބުމާއި އަދި ހިޒްބު ﷲ ގެ މުޖާހިދުންވެސް ދެކުނު ލެބަނަންގެ ސަރަހައްދުތަކުން ފޭބުމެވެ.
އިސްރާއީލުން ހިޒްބު ﷲ އާއި ދެކޮޅަށް ހިންގަމުން ގެންދާ އުދުވާނުގައި މިހާތަނަށް ލެބަނަންގެ 3500 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ހިޒްބު ގެ ހަމަލާތަކުގައި މަރުވެފައިވަނީ ހަމައެކަނި އިސްރާއީލުގެ 75 މީހުންނެވެ.