ރާއްޖޭގެ ބޭސްފިހާރަތަކުން ވިއްކާ ބައެއް ޑޮކްޓަރީބޭސް އަގުބޮޑުވުމުގެ ޝަކްވާ ބައެއް ރައްޔިތުން ކުރަމުން ދާތީ އެފަދަ ބޭހުގެ އަގުހެޔޮކޮއްދިނުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ވަޢުދު ފުޅެކެވެ. އެހެން ކަމާއެކު ރައީސުލް ޖުމްހޫރިއްޔާ އެ ވަޢުދުފުޅާއެއްގޮތަށް ބޭރު ގައުމުތަކުން ރާއްޖެއަށް އެތެރެ ކުރާ ބައެއްބޭސް މިހާރުވަނީ އަގުހެޔޮކޮށްފައެވެ. އަގު ހެޔޮ ކުރެވުނު ޑޮކްޓަރީ ބޭހުގެ ތެރެއިން ބައެއް ބޭސްތަކަށް އާސަންދަ ނުލިބުމުގެ ސަބަބުން ދައުލަތުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކޮށް ދިނުމަށް ގާއިމް ކޮށްފައިވާ ނިޒާމް (އާސަންދަ) ގެ ބޭނުން ކެނޑެނީއެވެ.
އަނެއް ކޮޅުން އެސްޓީއޯގެ ބޭސް ފިހާރަތަކުން ޑޮކްޓަރީ ބައެއް ބޭސް ނުލިބުމުގެ ދަތިކަން ރައްޔިތުން އެވަނީ ތަޙަންމަލް ކުރަން ޖެހިފައެވެ.ސަރުކާރުން ޑޮކްޓަރީ ބެސް އަގުހެޔޮ ކުރުމުގެ ބޭނުމަކީ އާސަންދައިގެ ޚަރަދު ބޮޑުވާތީ ކޮންމެ ރައްޔިތަކަށް ހިލޭ ބޭސް ފަރުވާ ކުރުމަށް އަހަރަކަށް ކަނޑައަޅާފައިވާ އެއްލައްކަ ރުފިޔާ އަހަރު ހަމަ ވުމުގެ ކުރިން ހުސްވެދާނެތީ ކަމަށް ބެލެވެއެވެ.
ބައެއް ބޭސް ތަކަށް އާސަންދަ ނުލިބެންޏާ އާސަންދަ ހުހެއް ނުވާނެތާއެވެ. އުފެދޭ ސުވާލަކީ ބޭސް އަގުހެޔޮ ކުރުމުން ބޭސް ފިހާރަތަކުން ދޫކުރާ ބައެއް ބޭސް ސަރުކާރުން އަގުހެޔޮ ކުރިރޭޓަށް އާސަންދައިގެ ދަށުން ނުދޭ ސަބަބަކީ ކޮބާހެއްޔެވެ. ބައެއް ބޭސްފިހާރަތަކުން ބުނާގޮތުގައި ބައެއް ސަރުކާރުން ބޭސް އަގުހެޔޮކޮށްފައިވާ ރޭޓަށް ވުރެ ބޭރުން ބޭސް ގެންނަން ލިބޭ އަގު ބޮޑުވީމައެވެ. އެހެނަސް ސަރުކާރުން ބޭސްތަކުގެ އަގު ހެޔޮކޮށްފައިވަނީ ބޭސް އެތެރެކުރާ ގައުމުތަކުން ބޭސް ވިއްކާ އަގުތަކަށް ބެއްލެވުމަށް ފަހުގައި ކަމަށް ވާތީ ސަރުކާރުން ހެޔޮކުރި އަގަށް އެ ބޭސް ރައްޔިތުންނަށް ލިބެންޖެހޭނެއެވެ. ދެރައީ ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް އާސަންދައިގެ ދަށުން ބޭސް ދޫނުކުރިއަސް ސަރުކާރުން އެކަން ނުބަލާނެތީއެވެ.
އަޅުގަނޑު ދެކޭ ގޮތުގައި ވިޔާފާރި ކުރުމަށް އިންޕޯޓްކުރާ މުދަލާ ތަކެއްޗަކީ ދައުލަތަށް ޑިއުޓީ ދައްކައިގެން އެތެރެ ކުރާ މުދަލާ ތަކެތި ކަމަށްވާތީ އެ މުދަލާތަކެތި ވިޔާފާރީގެ ގޮތުގައި އެތެރެކޮށްގެން ވިއްކާ ފަރާތްތަކުން ރައްޔިތުންނަށް އެތަކެތި ވިއްކަންޖެހޭ އަގުތަކެއްވެސް ހަމަޖެހިފައި އޮންނަން ޖެހޭނެއެވެ. އަދި އެތަކެއްޗަކީ ދައުލަތުން ސަބްސިޑީ ނުދޭ މުދަލާ ތަކެތި ކަމުގައި ވިޔަސް ރައްޔިތުންނަށް އެ މުދަލާ ތަކެތި ގަނެވޭނެ ޚާއްޞަ އަގުތަކެއް ކަނޑައެޅިފައި އޮންނަން ޖެހޭނެއެވެ.
ސަރުކާރަކީ ރައްޔިތުންގެ ބަލަދުވެރިޔާއެވެ. އެހެން ކަމުން ރައްޔިތުންގެ ޖީބުން ނުހަނު ބޮޑު ޚަރަދުކޮށްގެ ސަރުކާރެއް ހިންގުމުގެ ބޭނުމަކީ ރައްޔިތުންގެ ޖީބަށް ބަރު ބޮޑު ނުވެ ރައްޔިތުމިހާގެ ޒަރޫރީ ބޭނުންތައް ފުއްދޭނޭ ފަސޭހަ ގޮތެއް ސަރުކާރުން ހަދައިދިނުމަށެވެ. އަނެއްކޮޅުން ވިޔާފާރި ވެރިންގެ އަތުން ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ ވެރިން ރިޝްވަތު އަތުލަމުން ދާނަމަ އެވިޔާފާރި ވެރިން ބޭނުންވާ ކޮންމެއަގެއް ރައްޔިތު މީހާގެ އަތުން ނެގިއަސް އެކަމެއް ސަރުކާރަކުން ނުބަލާނެތާއެވެ.
މުޅިރާއްޖެ އެންމެ ރައީސަކު ހިންގިޒަމާނެއް އަޚުގަނޑުމެނާ ބައްދަލުވިއެވެ. އެ ރައީސަކީ އުއްތަމަ ފަނޑިޔާރެވެ. ރައްޔިތުންގެ މަޖިލީގެ ރައީސެވެ. ޑިފެންސް މިނިސްޓަރެވެ. އަދި ކޮމިޝަނާ އޮފް ޕޮލިސްވެސް މެއެވެ. އަދި އިސްލާމީ ކަންތައްތަކާއިބެހޭ މަޖިލީހުގެރައީސެވެ. އޭރު ރާއްޖޭގައި މިނިވަން މުސްތަގިއްލު އެއްވެސް މުވައްސަސާއެއް ނުހުރެއެވެ. ރައްޔިތުންގެ މައްޗަށް ހުރިހާ ކަމެއްގައި އަމުރު މަޢުރޫފު ހިންގަވަނީ ރައީސުލް ޖުމްހޫރިއްޔާއެވެ.
ދައުލަތުގެ ހުރިހާބާރެއް އޮތީ ހަމަ އެކަނި ރައީސުލް ޖުމްހޫރިއްޔާގެ މުށުތެރޭގައެވެ. އެހެން ކަމުން އޭރު ރައްޔިތުންގެ މަޖިލީހުންވެސް ރައީސުލްޖުމްހޫރިޔާ ބޭނުންފުޅު ނުވާ އެއްވެސް ގާނޫނެއް ގަވާޢިދެއް ފާސް ނުކުރެވޭނެއެވެ. މަޖިލީހަށް ބިލްހުށަހަޅުއްވަނީވެސް ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން ރައީސުލް ޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޖިލީހަށް ހުށަހަޅުއްވާ އެއްވެސް ބިލަކާބެހޭގޮތުން ބަހުސެއް ނުކުރެވޭނެއެވެ. އޭރު ރައްޔިތުންގެ މަޖިލީހުގައި ބިލްފާސްކުރަން ވޯޓުދެނީ އަތްމައްޗަށް ނަގައިގެންނެވެ. އެހެން ކަމުން ވޯޓަށް އަހާ ގަޑީގައި ހުރިހާ މެންބަރުން ވެސް އަތް މައްޗަށް ނަގަން ޖެހޭނެއެވެ. އަތްމައްޗަށް ނުނަގާ މެންބަރުން ވަންނަން ޖެހޭނީ ޖަލަށެވެ.ކޮންމެވެސް އެހެން މައްސަލައެއް ބޮލުގައި އަޅުވާފައެވެ.
އަދިވެސް ރާއްޖޭގެ ސަރުކާރުތައް ހިނގަނީ މިދެންނެވި ހަމަތަކުގެ މަތީންނެވެ. ގާނޫނު އަސާސީގައި ބާރުތައް ވަކިވެފައިވާ ކަމަށް ލިޔެފައި ވިޔަސް މިހާރުވެސް ދައުލަތުގެ ތިންބާރު ކޮންޓްރޯލް ކުރައްވަނީ ކުރިންވެސް ދެންނެވިފައިވާ ގޮތަށެވެ. ބަދަލުވީ ހަމައެކަނި ނަމެކެވެ. މިސާލަކަށް ބިންބިމާއިބެހޭ ގާނޫނެއް އޮވެއެވެ. އެހެނަސް އެ ގާނޫނު އޮންނަނީ މަތާރަންފިލާގެ މަތީގައި ހިރަފުހާ ތަތްތެޅިފައެވެ. ދައުލަތުގެ ބަޖެޓަކީވެސް މި ކަހަލަ އެއްޗެކެވެ. ބަޖެޓްގައި ހިމަނާފައިނުވާ އެއްވެސް ކަމަކަށް ބަޖެޓުން ޚަރަދު ކުރުމުގެ ބާރެއް އެވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ. ބަޖެޓަކީ ރައްޔިތުންގެ މަޖިލީހުން ގާނޫނު ހަދާ ފާސް ކުރާގޮތަށް ފާސް ކުރާއެއްޗެކެވެ. އެހެން ކަމުން މިސާލަކަށް އެބަޖެޓްގައި އައްޑޫ ކޯޒުވޭއެއް ހަދަން ފާސްކޮށްފައި ވަނިކޮށް އެ ފައިސާ އެކަމަށް ޚަރަދުނުކޮށް އެހެން ކަމަކަށް ޚަރަދު ކުރުމަށް ހުއްދަދެވޭނޭ އެއްވެސް ވެރިޔަކު ނުހުންނާއެވެ.
މިސާލަކަށް މި އަހަރުގެ ބަޖެޓްގައި ރަސްމާލެ ހަދަން ބަޖެޓް ކޮށްފައި ނުވާނަމަ ދައުލަތުގެ މި އަހަރުގެ ބަޖެޓުން ރަސްމާލެ ހެދުމަކީ ގާނޫނީ ކުށެކެވެ. އެހެނަސް ރައީސް ވިދާޅުވާ ކޮންމެކަމެއްވެސް ވަޒީރުން އަންބާ ކިޔާފައި ކުރައްވާނެއެވެ.އެއީ ގާނޫނާއި ޚިލާފު ކަމަކަށް ވިޔަސް މެއެވެ.
މިސާލަކަށް ދައުލަތުގެ ބަންޑާރަ ބިމެއް ރައްޔިތަކަށް ފަތްލިޔެ ދީފައި ވަނިކޮށް އެ ބިން އަތުލާ އެހެންތަންތަނަށް ބަދަލުކޮށް ނުހެދޭނެއެވެ.އެއީ ގާނޫނީގޮތުން ކުރެވޭނޭ ކަމެއް ނޫނެވެ.
މިކަހަލަ އެތައްކަމެކެވެ. މާނައަކީ ގާނޫނު އަސާސީ ބަދަލުވިޔަސް އިންސާނުން ބަދަލު ނުވާނަމަ އެއިން ކުރާނެ ފައިދާއެއް ނުފެންނާނެއެވެ.