އެމެރިކާގެ ނިއުކްލިއަރ ހަތިޔާރުތައް ދޮވެ ސާފުކޮށް ތެޔޮޖަހައި މަރާމާތުކުރުމަކުން ރަޝިޔާއާއި ޗައިނާގެ ނިއުކްލިއަރ އިންޒާރަށް ރައްދު ނުދެވޭނެ ކަމަށް ޕެންޓަގަންގެ ވަރަށް އިސް އޮފިޝަލަކު އެއްބަސްވެއްޖެއެވެ. އެމެރިކާގެ ނިއުކްލިއަރ ޕޮލިސީގެ އެންމެހާކަންތައް ދުވަހުން ދުވަހަށް ބެލުމާއި ހަވާލު ކުރެވިފައިވާ ރިޗާރޑް ޖޯންސަން ބުނެފައިވަނީ ރަޝިޔާއާއި ޗައިނާ ގުޅިފައިވާ ކުރިމަތި ލުމަށް ދާންޖެހިއްޖެ ނަމަ އެމެރިކާއިން މިހާރު ގެންގުޅޭ ވިސްނުން ވަރަށްބޮޑަށް ބަދަލު ކުރަން ޖެހޭކަމަށެވެ.
އަހަމެންނަށް މިހާރު މިތިބެވުނީ ނިއުކްލިއަރ ގާބިލުކަން ފުރިހަމައަށް ލިބިފައިވާ އެތައް ގައުމެއްގެ ނުރުހުމުގެ ކުރިމައްޗަށް ނިކުމެވިފައެވެ. އެ ގައުމުތަކުގެ ނިއުކްލިއަރ ގާބިލުކަން ދުވަހެއް ދުވަހަކަށް އެ ގެންދަނީ ކުރިއަށް ޖައްސަމުންނެވެ. އެ ގައުމުތަކުގެ ނިއުކްލިއަރ ހަތިޔާރު ތަކަކީ ގައުމުގެ ސަލާމަތާ ރައްކާތެރިކަމުގެ އެންމެ ފުރަތަމަ ފިޔަވަޅު ކަމުގައި އެވަނީ ކަނޑައަޅާ ނިންމާފައެވެ.
ރިޗާރޑް ޖޯންސަން މިހެން ބުނެފައިވަނީ ރަޝިޔާއިން ނިއުކްލިއަރ ބޭނުންކުރާނެ މިންގަނޑު ދަށްކުރުމަށް ގާނޫނީ އޮނިގަނޑަށް ބަދަލު ގެނައި ނަމަވެސް އެމެރިކާއިން ނިއުކްލިއަރ ބޭނުންކުރުމުގެ ގާނޫނަށް ބަދަލު ނުގެންނާނެކަމަށް ވައިޓް ހައުސް އިން އިއުލާން ކުރުމާ ގުޅިގެންނެވެ.
ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރާނެ ހާލަތު ކަނޑައަޅާފައިވާ ގާނޫނީ މިންގަނޑު ދަށްކުރަން ރައީސްޕޫޓިން ނިންމެވީ އެމެރިކާއިން ޔޫކްރެއިނަށް ދީފައިވާ ދުރުރާސްތާ މިސައިލް ބޭނުންކޮށްގެން ރަޝިޔާގެ އެތެރެއަށް ހަމަލާދިނުން ހުއްދަ ކުރުމުންނެވެ.
ހަގީގަތުގައި އެމެރިކާގެ ނިއުކްލިއަރ ޕްރޮގްރާމް ތަރައްގީކުރަމުން ގެންދާތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖެއެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތުގައި ހުންނަ އެމެރިކާގެ އެއަރބޭސްގައި ވެސް ނިއުކްލިއަރ ހަތިޔާރު ބެހެއްޓުން ހިމަނާފައި ވެއެވެ. އޭގެ އިތުރުން 2022 ވަނައަހަރުގެ ނިއުކްލިއަރ މަޝްރޫއު ރިވިއު ކުރުމުގެ ތެރޭގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ނިއުކްލިއަރ އެއަރ ގްރެވިޓީ ބޮމާއި ބީ-61 މަރުކާގެ ބޮން އަދި ނިއުކްލިއަރ ވަސީލަތްތައް ގާއިމް ކުރެވިފައިވާ ސަބްމެރިންތައް ކޮންމެ ވަގުތެއްގައިވެސް އަތްފޯރާ ހިސާބުގައި ބެހެއްޓުން ހިމެނެއެވެ. 2030 އާ ހަމައަށް ދާއިރު އަހަރެމެންގެ ނިއުކްލިއަރ ކޮމާންޑާއި ކޮންޓްރޯލާ ބެހޭ ހުރިހާ ވަސީލަތެއް ހުންނަންޖެހޭނީ މެދުވެރި ވެދާނެ ކޮންމެ ހާލަތަށް ފުރިހަމައަށް ޖަވާބު ދެވޭގޮތުގައިކަން އެމެރިކާގެ ޖޮއިންޓް ސްޓާފްގެ ވައިސް ޑެޕިއުޓީ ޑިރެކްޓަރ ގްރާން ޝްނެއިޑަރ ބުނެފައިވެއެވެ.
މީގެ 3 އަހަރު ކުރިން ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމާގުޅިގެން ނޭޓޯގެ ބާރުތަކުންވެސް ގެންދަނީ ނިއުކްލިއަރއާއި ގުޅުންހުރި އެންމެހާ ވަސީލަތްތައް އަޕްޑޭޓް ކުރަމުންނެވެ. އަދި ރަޝިޔާއާއި ޗައިނާއިން ދީފާނެ ހަމަލާއެއްގެ މައްޗަށް ބިނާކޮށް މިކަމާބެހޭ މަޝްވަރާތައްވެސް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާކަމަށް ނޭޓޯ އިން މައުލޫމާތު ދީފައި ވެއެވެ.
ރަޝިޔާއިން ޔޫކްރެއިނަށް އޮރެޝްނިކް މަރުކާގެ ބެލިސްޓިކް ހައިޕަރސޯނިކް މިސައިލަކުން ހަމަލާދިނުމުގެ އެއް ދުވަސްފަހުން ރައީސް ޕޫޓިން ވިދާޅުވެފައިވަނީ އޮރެޝްނިކް މަރުކާގެ ހައިޕަރސޯނިކް ބެލިސްޓިކް މިސައިލް އިތުރަށް ޓެސްޓް ކުރަން ނިންމަވާފައިވާ ކަށެވެ. ރަޝިޔާއަށް ދިމާވެފައިވާ ސެކިއުރިޓީ ނުރައްކަލުގެ މައްޗަށް ބަލައި އެ ޓެސްޓްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ ކަމަށް ރަޝިޔާގެ މިޅިޓްރީންނާއެކު ބޭއްވި ބައްދަލުވުމެއްގައި ޓެލިވިޒަން މެދުވެރިކޮށް ރައީސް ޕޫޓިން ވިދާޅުވިއެވެ. އަދި ދުވެލީގެ ބާރުމިން މެކް-10 ( ގާތްގަނޑަކަށް ގަޑިއަކު 12000 މޭލު ) ގެ މިސައިލް އުފެއްދުން ނުހުއްޓާ ކުރިއަށް ގެންދިއުމަށްވެސް ރައީސް ޕޫޓިން އަމުރު ކުރެއްވިއެވެ. އެ ބާވަތުގެ މިސައިލާމެދު ފަޚުރުވެރިވެ ވަޑައިގަތުމާއެކު އެއީ ރަޝިޔާގެ މިނިވަން ކަމާއި އިސްތިގްލާލް ދެމެހެއްޓުމަށް ލިބޭ އިތުރު ޔަގީން ކަމެއް ކަމުގައިވެސް ރައީސް ޕޫޓިން ވިދާޅުވިއެވެ.