އިޙްސާންކަމުގައި ގާތްތިމާގެ މީހުންނާ އޮންނަ ރަހިމުގެ ގުޅުން ދެމެހެއްޓުން ހިމެނޭ ކަމަށާއި، އެއީ އުމުރާއި ރިޒުގުގައި ބަރަކާތްލައްވައި މަރުމަތި އަމާންވާނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ޚުޠުބާގައި އަލިއަޅުވާލައިފައިވަނީ އިޙްސާންތެރިކަމުގެ މައްޗަށެވެ.
ޚުޠުބާގައި ބުނީ އިޙްސާންކަމުގައި އަޅުތަކުންގެ މައްޗަށް އިޙްސާންތެރިވުން ހިމެނޭ ކަމަށާއި، އޭގެތެރެއިން އެންމެ އައުލާކަން ބޮޑު ބަޔަކީ މައިންބަފައިން ކަމަށެވެ. އަދި އިޙްސާންކަމުގައި ގާތްތިމާގެ މީހުންނާ އޮންނަ ރަހިމުގެ ގުޅުން ދެމެހެއްޓުން ހިމެނޭ ކަމަށާއި، އެއީ އުމުރާއި ރިޒުގުގައި ބަރަކާތްލައްވައި މަރުމަތި އަމާންވާނޭ ކަމެއް ކަމަށާއި، ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ސުވަރުގެ ވަނުމަށް މަގުފަހިވާ ކަމެއް ކަމަށެވެ.
ޔަތީމުންނާއި މިސްކީނުންނާއި ހަނގުރާމައިގެ އަސީރުންފަދަ ނިކަމެތީންނަށް އެހީތެރިކަން ފޯރުކޮށްދީ، ކާންދީ އުޅުމަކީ ވެސް އިޙްސާންތެރިކަމުގައި ހިމެނޭ މުހިންމު ބައެއްކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
އިޙްސާންކަމަކީ ޝަހާދަތުގެ ދެކަލިމަ ތެދުކޮށް، އެއާ އެއްގޮތަށް އަމަލު ކުރުން ކަމަށާއި، މާތްރަސްކަލާނގެއަށް އީމާންވުމާއެކު ކީރިތި ރަސޫލާއަށް ފުރިހަމައަށް ތަބާވުން ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.
“އިޙްސާންކަމުގެ މަތިވެރި ސިފަ ލިބިގެންވާ މުއުމިނާ އޭނާގެ އަޅުކަމުގައި މާތްﷲ އަށް އިޚްލާސްތެރިވާނެއެވެ. ނަމާދުގައި ދެއްކުންތެެރިކަމެއް ނުހުންނާނެއެވެ. ޤިޔާމާއި ރުކޫޢާއި ސުޖޫދުގައި މަޑުމައިތިރިވާނެއެވެ. ޒަކާތް ނެރޭނީ ﷲ ގެ ރުހިވޮޑިގަތުން އަދައިގެންނެވެ. އޭނާ ﷲ ދެއްވި ނިއުމަތަށް ޝުކުރުވެރިވާ ހާލު ފަރުޟު ޒަކާތުގެ އިތުރުން ގިނަގިނައިން ޞަދަގާތްކޮށް އުޅޭނެއެވެ. އިޙްސާންތެރިޔާ ރޯދަ ހިފާނީ ކެއިންބުއިން ދޫކޮށްލުމުން އެކަންޏެއް ނޫނެވެ. އޭގެއިތުރުން އޭނާ ރޯދައަށް ހުންނައިރު އޭނާގެ ދުލާއި ލޮލާއި ހިތާއި އެންމެހައި ގުނަވަންތައް އުރެދުންތަކުން އެއްކިބާކުރާނެއެވެ. ބެލުންތައް ތިރިކޮށް ބަސްމަގު ރިވެތިކުރާނެއެވެ. އޭނާގެ އަތްފައި ރައްކާތެރިކުރާނެއެވެ. ފާފަވެރިވާފަދަ ކުށްހީތަކުން އޭނާގެ ހިތް ރައްކާތެރިކުރާނެއެވެ.“
އެހެންކަމުން އިޙްސާންކަމަކީ ކޮންމެ މުކައްލަފެއްގެ ހުރިހާ އަމަލުތަކުގައި ހުރުން ލާޒިމު ސިފައެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.