ގައުމުގެ އިގްތިޞާދު ރަނގަޅުވާނީ ވިޔަފާރިއަށް ގައުމު ހުޅުވާލައިގެން

Loading

Facebook
Twitter
WhatsApp
ފޮޓޯ:އަދަދު

      ރާއްޖޭގެ އިގްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަން ޙައްލުވެގެންދާނީ މިނިވަން ވިޔާފާރީގެ ސިޔާސަތެއް އެކަށައަޅައިގެންނެވެ. މިއަދު އެވަނީ ރާއްޖޭގެ މެދުފަންތީގެވިޔާފާރިތައް ބަނގުރޫޓުވެ މުއްސަދިން ފަގީރުވާން ފަށާފައެވެ. އަނެއްކޮޅުން ރާއްޖޭގެ މަސަވެރިކަމުގެ ސިނާޢަތުވެސް އެވަނީ ދުވަހަކުވެސް ދަށަށްނުދާ މިންވަރަކަށް ދަށަށް ގޮސްފައެވެ.

     މަސްވެރިކަމުގެ ސިނާޢަތަށް މިފަދަ ނޭދެވޭ ބަދަލެއް އައިސްފައި އެވަނީ ސަރުކާރުގެ ފޯކަސް މަސްވެރިންނާ ދިމާލުން ނެއްޓި ދައުލަތަށް ލިބޭ ފައިސާ  ސަރުކާރަށް މެނޭޖްކުރަން ނޭނގުމުގެ ސަބަބުންކަމަށް ގިނަބަޔަކު ދެކެއެވެ. ރާއްޖޭގެ މަސްދޯނިފަހަރަކީ 3 ވަނަ ޖީލުގެ ބޮޑެތި މަސްދޯނިފަހަރެވެ. ހަތްސިލިންޑަރ ނުވަތަ ހަސިލިންޑަރުގެ އިންޖީނުގައި މަސްވެރިކަން ކުރާ އުޅަނދުފަހަރެވެ.

      ނަމަވެސް ސަރުކާރުން ގެންގުޅޭ މަސްވެރިންނަށް ކޮންޓްރޯލް ނިސްބަތަކުން ތެޔޮ ދޫކުރުމުގެ ނޭދެވޭ ބަދަލުގެ ސަބަބުން މަސްވެރިންނަށް މަހަށްފުރޭނެ ގޮތެއް ނެތެވެ. މިވަގުތު ސަރުކާރުން މަސްދޯންޏަކަށް ދޫކުރަނީ ފަސްފީފާތެލެވެ. އެވަރުން މި ޖީލު މަސްދޯނިފަހަރަށް މަހަކަށް ނުފުރޭނެއެވެ. މަދުވެގެން 10ފީފާތެޔޮ ލިބިގެން ނޫނީ މަސްކަނޑަކަށް ނުނިކުމެވޭނެއެވެ.

  ސަބަބަކަށް ވަނީ އެންދަމަން ވަކި އަތޮޅަކަށް ދާން ޖެހުމާއި މަސްވެރިކަން އެ ވަގުތަކު އެންމެ ރަނގަޅު އަތޮޅަކަށް ދާން ބަލާއިރު ފަސްފީފާ ތެލުން މަހަށް ފުރޭކަށް ނެތުމެވެ. އަނެއްކޮޅުން މަހުގެ އަގުދަށްވެ ބާނާ މަހަށް އަގުލިބުމުގެ އުނދަގޫ ބޮޑުކަމާއެކު ރާއްޖޭގެ މަސްވެރިންނާއި އޮޑިވެރިން މި ވަގުތުތިބީ މަސްދޯނުފަހަރު ފަޅުގައި އަޅައިގެންނެވެ.

      ރާއްޖޭގެ މެދުފަންތީގެ ވިޔާފާރިތައް ގުޅިލާމެހިފައިވަނީ މަސްވެރިންގެ މައްޗަށެވެ. ރާއްޖޭތެރޭގައި ވިޔާފާރި ކުރާ މެދު އަދި ދަށުފަންތީގެ ވިޔާފާރިތައް ބަނގުރޫޓުވުމުގެ އެންމެ ބޮޑު ސިއްރަކީ މަސަްވެރިން ބާނާ މަހުގެ އަގު ދުވަހުން ދުވަހަށް ނުލިބުމާއި މަސްވެރިންނަށް މަހަށް ފުރޭނެ ގޮތެއް ނެތުމުގެ ސަބަބުންކަމަށް ރާއްޖެތެރޭގައި ވިޔާފާރި ކުރާގިނަ ފަރާތްތަކުން ބުނެއެވެ. ރާއްޖެތެރޭގެ ރަށްރަށުގައި ވިޔާފާރި ކުރާފަރާތްތަކުން ބުނާގޮތުގައި ރާއްޖެތެރޭގެ ވިޔާފާރިގެތަކުން ވިޔާފާރި ކުރަނީ ޢާންމުކޮށް މަސްވެރިންގެ ޢާއިލާތަކުންނެވެ.

      އަދި މީގެ އިތުރުން ޑޮލަރު ލިބުމުމުގެ ދަތި ބޮޑުވެ ރާއްޖެތެރެއަށް މުދަލާއި ތަކެތި ސަޕްލައި ކުރާ މާލޭގެ ފިހާރަތަކުގެ ތަކެތީގެ އަގު ދުވަހެއް ދުވަހެއް މަތިވުމާއި މަސްވެރިންނަށް ބާނާމަހުގެ އަގުލިބުން ލަސްވުމުގެ ސަބަބުން މަސްވެރި ޢާއިލާތަކަށް ދަރަނީގެ ގޮތުގައި ދުކުރެވިފައި މުދަލާތަކެތީގެ ދަރަނި ދެއްކުން ލަސްވެ ކުދިވިޔާފާރިތައް ހުއްޓެމުން ދާކަން އެފަރާތްތަކުން ފާހަގަ ކުރެއެވެ. 

       މަސްވެރިކަމުގެ ސިނާޢަތަށް މިހިނދު ކުރިމަތިވެފައިވާ ހީނަރު ކަމުގެ ސަބަބުން އެތައްބަޔަކަށް އެވަނީ ދަތި ބޮޑުވެފައެވެ. އެގޮތުން ބޯޓުފަހަރަށް ނުކިރާ ކުދިމަސް ގަނެ އެމަސްކައްކާ ދިލަޖައްސައި މާލެއަށް ފޮނުވައިގެން އެއިން ލިބޭ އެއްޗަކުން ދިއުޅޭ އެތަކެއް ޢާއިލާއަށް މިހާރުވަނީ ނިކަމެތި ވެފައެވެ. މަސްވެރިން މަހަށް ނުފުރާނަމަ އޭގެ ގެއްލުން މުޅި މުޖުތަޢުކަހަލަ ގޮތަކަށް ލިބެމުން ދާނެއެވެ.

      ރާއްޖެއަށް ލިބޭ އެއްޗަކުން ރާއްޖޭގެ ރައްޔިތުންނަށް ދައުލަތުން ފޯރުވައިދޭންޖެހޭ އެންމެހައި އަސާސީޚިދުމަތްތައް ރައްޔިތުންނަށް ސަކޭގާވާ އަގުތަކެއްގައި ނުލިބެއެވެ. އެހެންކަމުންނާއި ސަރުކާރުން ވެފައިވާ ވަޢުތައް ނުފުދި ރައްޔިތުން އެދަނީ ހަނާވަމުންނެވެ. ފަންސާސް ބިލިއަންރުފިޔާ ދައުލަތުގެޚަރަދަށް ހޭދަކުރާނަމަ މިރާއްޖެއަށް ލިބޭ އެއްޗަކުން ދެކޮޅެއް ނުޖެއްސޭނެތާއެވެ. އެހެން ކަމާއެކު ރާއްޖޭގެ ވިޔާރިތައް ވެސް އެ ދަނީ ދުވަހެއް ދުވަހެއް ހީނަރުވެ ބައެއް ވިޔާފާރި ތައްހުއްޓޭ ހިސާބުގައެވެ.  

    އެހެންކަމާއެކު ސަރުކާރުން ގެންގުޅުއްވާ އިސްރާފް ކުރުމުގެ ސިޔާސަތު ބަދަލުކޮށް ގައުމާރައްޔިތުންގެ ލާބަޔާ މަންފާއަށް އިސްކަން ދީގެން ދައުލަތަށް ލިބޭ އާމްދަނީ އިން ދެކޮޅު ޖައްސަން އެބަޖެހެއެވެ. ސަރުކާރުގެ އަމާޒަކީސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މަގާމުތައް ދިފާޢު ކުރެއްވުމާއި އަދި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިންގާޕާޓީއަށް ނިސްވަތްވާ މެންބަރުނެގެ ޚިޔާލު ތައް އެހެން އަތަކަށް ދީލާލިޔަ ނުދިނުމަށްޓަކާ ދައުލަތުގެ މާލިއްޔާ ހުޅުވާފައި ބެހެއްޓުން ކަމުގައިވާނަމަ ސަރުކާރެއް އޮތުމުގެ އެއްވެސް ބޭނުމެއް ރައްޔިތުންނަކަށް ނެތެވެ.

      ރައްޔިތުން ދަތިޙާލުގައި އުޅެން ޖެހިއްޖެ ނަމަ ގައުމުގެ އިޖްތިމާޢީފޭރާން ވީދި ހަފުސް ވެދެއެވެ. ރައީސް މަޢުމޫނުގެ ވެރިކަމުގެ ތެރޭގައި ރައްޔިތުން ދަތިޙާލުގައި އުޅޭކަށް ނުޖެހެއެވެ. އޭރު ދައުލަތަށް ލިބެނީ އެންމެ ހަތްބިލިއަން ރުފިޔާއެވެ. އޭރު ރާއްޖެ ހިމެނިފައި ވަނީ ފަގީރުގައުމުތަކު ލިސްޓްގައެވެ. ނަމަވެސް އެވެރިކަން ނިމިގެން ދިޔަ އިރު ފަގީރުގައުތަކުގެ ލިސްޓުން ރާއްޖެއޮތީ ނެގެން ކައިރިވެފައެވެ.

      އޭރުވެސް ރާއްޖެ ތަރައްގީ ކުރިއެވެ. އެހެނަސް އެ ތަރައްގީ ބިނާވެފައި އޮތީ ގައުމަށް ލިބޭ މިންވަރެއްގެ މައްޗަށެވެ. ރައީސް މައުމޫނުގެ އިގްތިޞާދީ ސިޔާސަތު ނުހަނު ހަރުދަނާއެވެ. އެހެން ކަމުން ރައްޔިތުން ހާލުގައި ނުޖައްސާ ރައްޔިތުންގެންގުޅުއްވިއެވެ. ރައީމައުމޫގެ ތިރީސް އަހަރުގެ ވެރިކަން ރައްޔިތުންނަށް ކަމުނުދިޔައީ ޚިޔާލުފާޅު ކުރުމާއި ދުލާގަލަމުގެ މިނިވަންކަން ނިގުޅައިގަނެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް އަނިޔާވެރިވުމުގެ ސަބަބުންނެވެ.

      ރައީސް ޔާމީނުގެ އިގްތިޞާދީ ސިޔާސަތުވެސް ނުހަނު ވަރުގަދައެވެ. އަދި އެވެރިކަމުގެތެރޭގައި ގިނަ ރައްޔިތުންނަށް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުޞަތު ވެސް ލިބިގެން ދިޔައެވެ. އެމަނިކުފާނުގެ ބަލިފަޔަކީވެސް އަނިޔާވެރިކަމެވެ. އެބައެއްގެ ފަހަތުގައި ބޮޑެތި ލަޝްކަރު އޮތް އެތަކެއް ސިޔާސީ ވެރިން ހިފާހައްރުކޮށް އަނިޔާވެތިކަން އިސްކުރުމުގެ ސިޔާސަތުގެ ސަބަބުން އެ ވެރިކަންވެސް ނިމިގެން ދިޔައީއެވެ.

ރައީސް ޔާމީނު ވެރިކަމަށް ވަޑައިގަތުމަށްޓަކާ ވެ ވަޑައިގެންނެވި އެންމެ ބޮޑެތި ވަޢުދުތައް ފުއްދަވާ ދެއްވިއެވެ.

     އެހެނަސް އެމަނިކުފާނުގެ އެކުވެރިންނަށް އިތުބާރު ކުރައްވާ ގައުމުގެ ހުންގާނު އެބޭފުޅުންބޭނުންފުޅު ގޮތަކަށް ހިއްޕަވަން ދޫކޮށްލައްވާ އެމަނިކުފާނު ތަންފީޒު ކުރެއްވި ހަސަންރަސްގެފަނުގެ ސިޔާސަތު ރައްޔިތުންނަށް ކަމު ނުދިޔައީއެވެ. ރައީސް މުޢިއްޒަށްވެސް ދެ ދައުރެއް ނުލިބޭނެއެވެ. ރައީސް މުޢިއްޒަށްވުރެ ގިނަ ވަޢުދު ވެވަޑައިގަތް އެހެންރައީސަކު އަދި ފެންނާކަށް ނެތެވެ. އެހެނަސް އެމަނިކުފާނު ވެ ވަޑައި ގަތް ވަޢުދު ގޯނި ވަނީ ތުންބަނދެ ގުދަނަށް ލައްވާފައެވެ.

     ކޮންމެއަކަސް ރާއްޖޭގައި މިނިވަން ވިޔާފާރީގެ ސިޔާސަތެއް އެކަށައަޅަން އެބަޖެހެއެވެ. ގައުމުގެ އިގްތިޞާދަށް ހެޔޮބަދަލެއް އަންނާނެ އެހެން ގޮތެއް  ފެންނާން އޮތީ ރާއްޖެ ވިޔާފާރިއަށް ހުޅުވާލައިގެންނެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް